ގެއްލިގެން ހޯދަމުންދާ ކަމަށް ބުނެ ރިޕޯޓު ކޮށްފައިވާ ކުރީގެ ނޫސްވެރިޔާ އިސްމާއިލް އާޒިމް ގެއްލިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ރައްދު ދީފިއެވެ.

އާޒިމް ރައްދު ދީފައި ވަނީ އޭނާ ސޯޝަލް މީޑިއާ ގައި ރޭ ކޮށްފައިވާ ޕޯސްޓް އެއްގައެވެ. އެ ޕޯސްޓްގައި އޭނާ ބުނެފައި ވަނީ، އޭނާ ނުގެއްލޭ ކަމަށާއި މީހުންގެ ލޯތަކަށް އޭނާ ފިލީ ކަމަށެވެ.

އަދި އޭނާ އާ މެދު ކަންބޮޑުވި ފަރާތް ތަކަށް ޝުކުރު އަދާ ކުރަމުން ކުރި އިތުރު ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މީގެ އިތުރުންވެސް އޭނާގެ ސަބަބުން ކުރިމަތިވި އުނދަގޫ ތަކަަށް ވަނީ މައާފަށް އެދިފައެވެ.

އާޒިމް ގެއްލިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށް މީޑިއާ ތަކުން ރިޕޯޓު ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އާޒިމްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ނަމަވެސް މީގެ ދެދުވަސް ކުރިން އިންސްޓާގްރާމްގައި ޕޯސްޓް ކޮށްފައިވާ ކަމަށާއި ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން ކޮންޓެކްޓް ނުވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ޕީއެސްއެމް އާއި ރާއްޖެ ޓީވީގެ އިތުރުން ދިވެހި ޗެނަލްގައި ވެސް މަސައްކަތް ކޮށްފައިވާ އާޒިމް ފިލާފައި ވަނީ ބައެއް އަމިއްލަ ސަބަބުތަކާ ހެދި ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގެއްލިގެން މީހުން ހޯދަމުންދާ މިންވަރު ރާއްޖޭގައި ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންނެވެ. އެގޮތުން ދާދި ފަހުންވެސް ވަނީ 15 އަހަރުގެ އަންހެން ކުއްޖަކާއި، 13 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 46 އަހަރުގެ ފިރިހެނެއް ގެއްލިގެން ރިޕޯޓު ކޮށްފައެވެ. މިއީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާ މައްސަލައެއްގެ އިތުރުން މިކަމާ މެދު އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.