ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ދެމުން ގެންދާ ބައެއް ހިދުމަތްތަކާމެދު އެ ކުންފުނީގެ މުވައްޒަފުން މިއަދު ހުޅުމާލޭގައި ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ކުންފުނީގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ދެމުން ގެންދާ ހިދުމަތްތަކާމެދު ހިތްހަމަނުޖެހުން ފާޅު ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެއާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް މިކަން ބަލާފައި ވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެމްސީގެ މުވައްޒަފުން އިހްތިޖާޖު ކޮށްފައި ވަނީ އެ ފަރާތްތަކަށް މުސާރަ ނުދިނުމުގެ އިތުރުން ކެއިން ބުއިމުގެ އިންތިޒާމު ރަނގަޅު ގޮތެއްގައި ހަމަޖައްސައިދީފައި ނުވާތީއެވެ. އެހެންކަމުން އިހްތިޖާޖުގައި ބައިވެރިވި ޖޭއެމްސީގެ މުވައްޒަފުން ވަނީ އެ ކުންފުނިން މުވައްޒަފުންނާމެދު ކަންތައް ކުރަމުން އަންނަ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އަޑު އުފުލާފައެވެ.

އިހުތިޖާޖު ކުރި މީހުންނަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އަޅާ 2000 ހައުސިންގް ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ހަވާލު ކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑުގެ މުވައްޒަފުންނެވެ. އެކުންފުންޏާ އެކު ސަރުކާރުން އެ ޕްރޮޖެކްޓުގެ އެއްބަސްވުން ހެދީ މާޗު 8، 2021 ގައެވެ.

އެ މަޝްރޫއުގެ ދަށުން 3 ކޮޓަރިއާއި 3 ފާހާނާގެ 1400 ޔުނިޓާއި، 2 ކޮޓަރިއާއި 2 ފާހާނާގެ 600 ޔުނިޓު ހަދާނެއެވެ. 137 މިލިއަން އެމެރިކާ ޑޮލަރުގެ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 3 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.