އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގަތުމަށްފަހު ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އެ ޖަލްސާގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ނިންމާފައިވާއިރު ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ މަގުބޫލުކަން ގެއްލެމުންދާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގަމުންދާ އަމަލުތަކުގެ ސަބަބުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލަ ތަކަކީ:

  • އެއްވެސް އިންސާފެއް ނެތި، ހަމައެކަނި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދައުލަތުގެ ކުންފުނިތަކުން މީހުން ކަނޑަމުންދާ މައްސަލައާއި، އަތޮޅުތެރޭގައި ހިންގަމުންދިޔަ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހުއްޓާލާފައިވާ މައްސަލަ
  • ނިމިދިޔަ ސަރުކާރުގައި ނުވަދިހަ އިންސައްތައަށް ނިމިފައިވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައިވާ މައްސަލަ
  • ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް އުފުލުން

މި ކަންކަމަށް ހައްލެއް ހޯދުމަށްޓަކައި ޤައުމީ މަޖިލީހަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މައިގަނޑު ތިން ފިޔަވަޅެއް އެޅުމަށް ފާސްކޮށްފައެވެ. އެއީ ސިޔާސީ ދައުވާތަކާއި ވަޒީފާއިން ކެނޑުމާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމުގެ އިތުރުން، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމާއި، އަނިޔާ ލިބެމުންދާ މުވައްޒަފުންނަށް ޕާޓީގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ފާސްކުރި އިރު، އެ ޕާޓީން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު "ލޫޓުވައިފި" ނަމުގައި މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާފަ އެވެ. އެ މުޒާހަރާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލް މެންބަރު ޒާޔާގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.