ޖެހިގެން އަންނަ ހުކުރު ހޮނިހިރު ދެދުވަހަކީ މިއަތޮޅުގެ ސްކޫލުތަކުގެ ބައެއް ޓީޗަރުން ހޮޅުދޫއަށް ވޯކްޝޮޕަކަށް ދާން ހަމަޖެހިފައި އޮތް ދެދުވަސްކަން ސުހާއަށް އޮތީ އެނގިފައެވެ. ކުރިން ދުވަހު ފިހާރަ ތެރެއިން ސާދުނާއާ ދިމާވެގެން ދެކެވުނު ވާހަކައަކުން ސުހާ އެކަން އެނގުނީއެވެ. ޝިހާމްބެ ދާކަމަށް އޭނާ ސުހާގެ ގާތުގައި ބުނުމުންނެވެ. ޝިހާމް ފުރުމުން ސުހާ ފުރަތަމަވެސް ގުޅީ ނަންނަ އަށެވެ. އަދި އޭނާ އާ ވާހަކަ ދެއްކުމުގެ ތެރެއިން ނަންނަ އެވޯކްޝޮޕަށް ދާކަން ސުހާއަށް އެނގުނެވެ. އެހެންކަމުން ސުހާ އިތުރަށް ނަންނަ އާ ވާހަކަދެއްކިއެވެ. އަދި އޭނާއަށް ވަރަށް ބޮޑު ކަމެއް ކޮށްދިނުމަށް އެދުނެވެ. ނަންނަ ވަރަށް ފަސޭހައިން އެކަމަށް އެއްބަސްވިއެވެ. އަދި ސުހާ ބުނިގޮތަށް ކަންތައް ކުރަން ނަންނައަށް ވަރަށް ފަސޭހަކަމަކަށް ވިއެވެ. ސަބަބަކީ ޝިހާމްއާއި ނަންނަ އެއްކޮތަރިއެއްގައި ތިބުމެވެ. ޝިހާމްގެ ހުއްދައާއެކު ޝިހާމްގެ ފޯނުވެސް ވަރަށް ފަސޭހައިން ބެލުނެވެ. ޝިހާމްއަށް އެއްވެސް ކަމެއް ޝައްކު ނުވާގޮތަށެވެ. ވަރަށް ވެސް އަވަހަށެވެ.

****************

ހަވީރުގެ ސައި ގަޑި ނިމުމުން ނަންނަ ސުހާއަށް ގުޅިގެއެވެ. ޝިހާމް ވެސް ފޯނުގައި ތަންކޮޅެއް ދުރުގައި ހުރުމުންނެވެ. ސުހާ ނަންނާއި ސުވާލުކުރަމުން ދިޔައެވެ. އަދި އެ އެސުވާލުތަކުގެ ސަބަބުން ނަންނަ ވެސް ސުހާއާ ސުވާލު ކުރިމަތި ކުރަމުން ދިޔައެވެ. އެހާވަރަކަށް އެމައުލޫމާތުތައް ހޯދަނީ ކީއްވެތޯ އޭނާ ސުވާލުކުރިއެވެ. ރަށު ތެރޭގައި ދެކެވޭ ވާހަކަތަކެއްގެ ސަބަބުން ކަމަށް ބުނެ ސުހާ އެ ސުވާލުތަކުން ސަލާމަތްވިއެވެ. ޝިހާމް މިހާރު ގެންގުޅެނީ ލައިން ނަންބަރެއް ކަމާއި މިހާރު ވެސް އެކުއްޖާއަށް ގުޅައިގެންކަން ވެސް ނަންނަގެ ވާހަކައިން އެނގުނެވެ. އަދި ޝިޔާމް ގުޅަނީ ޔުޝްރާއަށް ކަން ވެސް ސުހާއަށް ޔަގީން ވެއްޖެއެވެ. ސަބަބަކީ ސުހާ އަތުގައި އޮތް ޔުޝްރާގެ ނަންބަރާއި ނަންނަ ޝިހާމްގެ ފޯނު ބެލުމަށްފަހު ދިން ނަންބަރާ ދިމާވާތީއެވެ. އަދި ޝިހާމްގެ ފޯނުގައި ހުރި ފޮޓޯތަކުގެ ސިފައާއި ރަށުތެރެއިން އިވުނު ވާހަކަތަކާ ދިމާވާތީއެވެ. ވެޑިންޑްރެސް ލާފައި ނަގާފައިހުރި ފޮޓޯ ޝިހާމަށް ޔުޝްރާ ފޮނުވިކަން ސުހާއަށް އޮތީ މީހެއްގެ ފަރާތުން އެނގިފައެވެ.

ނަންނަ ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރުމަށްފަހު ސުހާ ފޯނު ބޭއްވިއެވެ. ދެން އިތުރަށް ހޯދަން އޮތީ ކޮން އެއްޗެއް ހެއްޔެވެ. މާބޮޑަށް ވެސް މިހާރު ސުހާއަށް ފުދިއްޖެއެވެ. ޝައްކު ޔަގީންވެއްޖެއެވެ. އިތުރަށް ކުރާނެ ސުވާލެއް މިހާރު ސުހާގެ ނެތެވެ. ސުހާގެ ދެލޮލުން ކަރުނަ ހިލެންފެށީ އޭނާއަށް ވެސް ނޭންގިއެވެ.

ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިން ސުހާއަށް ފާރުގައި ލެނގިލެވިއްޖެއެވެ. ގައިން ވާގި ދޫވެއްޖެއެވެ. މިއީ ކޮންފަދަ ބޮޑު އިންތިހާނެއް ހެއްޔެވެ؟ ދުނިޔެ މިއަދު އޭނާއާ އެކުރަނީ ކޮން ސަމާސާއެއް ހެއްޔެވެ؟ ޝިހާމްއަކީ ހަމަ އެހާބޮޑު ދޮގުވެރިއެއް ހެއްޔެވެ؟ ނަފުރަތުގެ ގިނިން ސުހާ ސަލާމަތްކުރުމަށްފަހު ލޯތްބާއި އޯގާތެރިކަމުގެ ވަގުތީ ހިތްހަމަޖެހުން ދިނީ މިދުވަސް ސުހާއަށް ދައްކަން ވެގެން ހެއްޔެވެ؟ އެކަން ކުރިން އެނގުނު ނަމައެވެ. އެހެންނަމަ ސުހާ މިއަދު އެވާ ދެރަ ވާކަށް ނުޖެހުނީހެވެ. ޝިހާމްއާ މެދު ވިސްނާކަށް ވެސް ނުޖެހުނީހެއެވެ.

ރޭގަނޑު ވަގުތެވެ. ފޫހިކަމާއެކު ސުހާ ކޮތަރީގައި އިނެވެ. ވިސްނުމެއްގެ ތެރެއަށް ގެނބިފައެވެ. ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ގުޅަނީ ޝިހާމްކަން އެނގުމުން ސުހާގެ ހިތުގެ ހިނގުން އަވަސްވިއެވެ. މޭ ތެޅެން ފެށިއެވެ. ސުވާލުގެ ނަޒަރަކުން ސުހާ ފޯނަށް ބަލާލިއެވެ. މިހާރު ޝިހާމް ގުޅަން ޖެހޭ އެއްވެސް ސަބަބެއް އެބައޮތްބާއެވެ؟ ފޯނު ނަގަންވީ ބާއެވެ؟ ނަވަތަ ނުނަގަންވީބާއެވެ؟ ނަމަވެސް ސުހާގެ ހިތް އެދެން ފެށީ ފޯނު ނެގުމަށެވެ. "ހަލޯ" ޝިހާމް މިފަހަރު ގުޅީ ލައިން ނަންބަރުންނެވެ. އެނަންބަރު ސުހާއަށް ނުދިން ކަމުގައި ވިޔަސް ސުހާއަށް ވަނީ އެނގިފައެވެ.

"މަ ހިއެއް ނުކުރަން ސުހާ ތީ ތިކަހަލަ މީހެއް ކަމަކަށް، އޭނާއޭ ކިޔައިން މުޅި ރަށުގަ ވާހަކަ ދައްކާކަށް ނުޖެހޭނެ" ޝިހާމް ހުރީ ރުޅިއައިސްފައެވެ. ސުހާގެ ހިތް ރޫރޫއަޅައިގެން ދިޔައެވެ. އޭނާއަށް ކިޔުނީ ކީކޭބާއެވެ. "ކާކުތަ؟ ކޮން އޭނާއެއްތަ؟، އަހަރެންނަށް އަޑުއަޑު އިވެނީ އެހެން މީހުންގެ ފަރާތުން" އެނގިހުރި ސުހާ ސުވާލުކުރިއެވެ. "ރަށުތެރޭ އެންމެން އެދައްކާ ވާހަކަތަކަކީ އަހަރެން ދައްކާ ވާހަކަތަ؟ ޝިހާމް ކީއްވެ ދޮގުހެދީ... އެވާހަކަތައް އިވެންފެށީމަ ރީތިކޮށް އެހިންދޯ، ކީއްވެ ޖަވާބު ނުދެވުނީ؟ ކީއްވެ އަހަރެންނަށް ތިހެން ތިހެދީ؟ މާކުރިން ވެސް ތިކަމެއް ފަށައިފީމޭނުން! މަންމަމެން ގަބޫލު ނޫންކަން އެނގުނީ މިއަދުތަ؟ ކުޑަކޮށްވެސް ޝިހާމްގެ ހިތުގައި އަހަރެންނަށް ލޯތްބެއް ނެތީމަ ތިހެން ތިހެދީ" ސުހާ އެއްފައްޗަކަށް އަމުނާލިއެވެ. "މައުޅެންވީގޮތް ކިޔާކަށް ސުހާއަކަށް ނޭންގޭނެ" ޝިހާމްގެ ރުޅި އިތުރަށް ގަދަވެގެން ދިޔައެވެ. "އަހަރެންނަށް ކޮންމެ ގޮތެއް ވިއަސް ޝިހާމްއަށް ހެޔޮދޯ؟ ރަށު މީހަކާ ދެން އަހަރެން ނީންނާނަން" ސުހާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. "ތިއެއް މަށަކަށް ނޭންގެ" ޝިހާމް ފޯނު ކަނޑާލިއެވެ.

އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވެގެން ނޫންކަން ސުހާއަށް އެނގެއެވެ. ސުހާގެ ލޮލުން ކަރުނަ ފައިބައިމުން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ނަމަވެސް އޭނާގެ އެންމެފަހު ބަސް މެސެޖަކުން އިއްވިއެވެ.

"ޝިހާމަށް އުފާވެރި ބާޖަވެރި ދިރިއުޅުމަކަށް އެދެން" ސުހާ މެސެޖު ފޮނުވާލިއެވެ.

ދުވަސްތައް މާޒީއާ އެކުވެގެން ދިޔައެވެ. ސުހާ ކެތް ކުރެވޭތޯ ހިތްވަރުކުރަމުން އުޅެމުން ދެއެވެ. ކްލަބު މީޓިން ތަކަށާއި މަސައްކަތަކަށް ދާން ޖެހުމުން ސުހާއަށް ވީ ވަރަށް ވެސް ބޮޑު ތަކުލީފަކަށެވެ. ޝިހާމްގެ ގާތުގައި އުޅެން ޖެހުމުން ސުހާއަށް ކެތްކުރަން އުނދަގޫވަނީއެވެ. ނަމަވެސް އެހުރިހާ ކަމަކާވެސް ސުހާ ކުރިމަތިލީ ކެރިގެންނެވެ. ޝިހާމްގެ ފަރާތުން ކަމެއް ވެގެން އުޅޭހެން ވެސް ހީނުވެއެވެ. ޔުޝްރާއާއެކީ ޝިހާމް އުޅޭތަންވެސް ސުހާގެ ލޯ ކުރިމަތިން ފެންނަމުން ދެއެވެ. ނަމަވެސް އެއްވެސް ކަމެއް ފެންނަ ކަމަށް ވެސް ނުހަދާ ސުހާ އުޅެމުން ދިޔައީ ހިތުގައި އަތް އަޅާލައިގެންނެވެ.

އެންމެ ފަހުން ޝިހާމް ޔުޝްރާއާ ކައިވެނިވެސް ކުރީއެވެ. ސުހާ ބާކީކޮށްލުމަށްފަހު ދިރިއުޅުމެއް ވެސް ފެއްޓީއެވެ. އެމަންޒަރުތައް ބަލަން ސުހާއަށް ހުންނަން ޖެހުނީ ކެތްތެރިކަމާ އެކުގައެވެ. ސުހާގެ ހިތުގެ ހާލު ޝިހާމަށް ކިޔާދިނުމަށްފަހު މިހެން ވަކިވާން ޖެހުމުން ރުއިން ފިޔަވާ އެއްވެސް ކަމެއް ސުހާއަށް ކުރެވޭކަށް ވެސް ނެތެވެ. ޝިހާމަށް ދެރަގޮތެއް ވާކަށް ސުހާ ނޭދެއެވެ.

(ނިމުނީ)