ދުވަސްތައް މާޒީއާ އެކުވަމުން ދިޔައީ ސުހާއާއި ޝިހާމްގެ ގުޅުމަށް އެއްވެސް ކުރިއެރުމެއް ނުފެނި ހަމަހިމޭން ކަމާއެކުގައެވެ. އެގުޅުމަށް ތިން މަސް ވެގެން ދިޔައިރުވެސް ނުދަންނަ ބީރެއްތެހި ކަމެއް އެދެމެދުގައި އަދިވެސް އޮވެއެވެ. އެގުޅުން ހީނަރުވަމުންދާ ހެން ވެސް ހީވާން ފެށިއެވެ. އަދި އެގުޅުން ވަރުގަދަ ކުރަން ޝިހާމް ބޭނުން ނުވާހެން ވެސް ހީވާން ފެށިއެވެ.

އެއްދުވަހުގެ ހަވީރުގެ ވަގުޔެވެ. ސުހާ ގޭގައި ހުންނަ ހިތް ނުވިއެވެ. ޝިހާމްގެ އެދުރުކަން ސުހާގެ ސިކުނޑި ހާސްކުރުވަމުން ދިޔައެވެ. ބޮޑުދައިތަގެ ގެއަށް ދިއުމަށް ސުހާ ގެއިން ނިކުތީ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. އެގެއަށް ވަދެވުމާއެކު ފުރަތަމަވެސް ދިމާވީ ނަސްމާއްތަ އާއެވެ. ސުހާ ފެނުމާއެކު ވާހަކައެއް އެބައޮތް ކަމަށާއި ބިޒީކަމުން ނުދެވިގެން އުޅެނީކަމުގައި ނަސްމާއްތަ ބުންޏެވެ. ސުހާ އިތުރަށް ހާސްވިއެވެ. ބުނަން އެއުޅެނީ ކިހާވަރެއްގެ ވާހަކައެއް ކަން ނޭންގޭތީއެވެ. އިތުރު މީހަކު ނެތުމުން ނަސްމާއްތަގެ ގާތަށް ސުހާ ޖެހިލިއެވެ. އަދި ކޮން ވާހަކައެއްތޯ ސުހާ ސުވާލުކުރިއެވެ.

"ޝިހާމް ބުނި ސުހާގެ ބައްޕަ ގަބޫލުތޯ އަހާށޭ... އެއީ ކުރިން ދުވަހު ސުހާގެ މަންމަ އެހި ސުހާ އުޅެނީ ޝިހާމް އާ ރައްޓެހިވެގެން ހޭ.. މަބުނިން އާއެކޭ، ދެން ސުހާ މަންމަ ބުނި އެމީހުން އެހާ ގަބޫލުކަމެއް ނޫނޯ އެއީ، ދެން މަ ޝިހާމް ގާތު އެވާހަކަ ބުނީމަ އޭނަ ބުނި އެހެން ބުނާށޭ" ނަސްމާއްތަ ތަފްސީލު ކޮށްދިނެވެ. ސުހާއަށް ހުރެވުނު ތަންވެސް ނޭންގުނެވެ. ބޮލަށް އެނބުރުން އެރައިގެން ދިޔަހެން ހީވިއެވެ. އެވާހަކަތައް ސުހާއަށް ގަބޫލެއްވެސް ނުކުރެވުނެވެ.

މުޅި އެރޭ ސުހާ ހޭދަކުރީ އެކަމާ ވިސްނަމުންނެވެ. މަންމަމެން ގާތު އަހާނެ ގޮތަކާއި މެދުގައެވެ. އެމީހުން ގާތު އަހައިގެން ވެސް އެމައްސަލައަށް ހައްލެއް ހޯދަން ސުހާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. ހެނދުނުގެ ސައިތައްޔާރުކޮށްނިންމާލުމަށްފަހު ސުހާ ވަރަށް ހިތްވަރާއެކު އެކަމާ ކުރިމަތިލިއެވެ. މައިންބަފައިން ގާތު ދުވަހަކުވެސް އެފަދަ ވާހަކައެއް ދައްކާފައި ނުވުމުން ޖެހިލުންވެ ބިރުގަނެ ލަދުވެތިވި ނަމަވެސް ޝިހާމް ގެއްލޭކަށް ސުހާ ބޭނުމެއް ނޫނެވެ. އެހެން ކަމުން ފިސާރި ކެރިގެން އޭނާ ކުރިމަތިލިއެވެ. ކަތިވަޅިބަލައި ބަދިގެއަށް ވަނުމުން ސުހާ މަންމައަށް ގޮވާލިއެވެ. "މަންމާ... ޝިހާމް އާ އަހަރެން އިންނަން ގަބޫލުތަ؟" ވަރަށް އުނދަގުލުން ސުހާ ދުލުން އެބަސް ނެރެ ބޭރުކޮށްލީ ޖެހިލުންވުމުންނެވެ.

"ގަބީލެއް ނޫން، ޝިހާމްގެ މަންމަ ބުނިބަސް އަދިވެސް ހަނދާނުގައި އެބަހުރި، ސުހާ އާ އަޅައިގެން އެމީހުން ދެއްކި ވާހަކަ ހަނދާނުން ނުފިލާނެ، އެކަހަލަ ބައެއް ކައިރިއަށް ސުހާ ފޮނުވަން މަށެއް ގަބޫލެއް ނޫން" ނުރުހުމާއި ރުޅިވެރިކަން މަންމަގެ ލޮލުން ފެންނަން ހުއްޓެވެ. އަދި އެތަނުން ނިކުމެގެން ހިންގައްޖެއެވެ. ސުހާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. މަންމަ އެބުނީ ކޮން ވާހަކަ އެއް ކަމެއް ސުހާއަކަށް ނޭންގެއެވެ. ޝިހާމްގެ މަންމަ، ސުހާ މަންމަ ކައިރީގައި ބުނީ ކީކޭ ކަމެއް ވެސް ނޭންގެއެވެ. ސުހާ މަންމމަ ނިކުމެގެން ދިޔަ މަންޒަރު ފެނުނީ ފުސް ގޮތަކަށެވެ. ހުރިތަނަށް ތިރިވެވުނީ ބޭ އިހުތިޔާރުގައެވެ. ގިސްޖަހާފައި ރޯންފެށުނެވެ. ސުހާގެ ހިތް ކުދިކުދިވި ކަހަލައެވެ. މަންމަ ކައިރީގައި ޝިހާމް މަންމަ ދެއްކި ވާހަކަ އަހަން ބޭނުންވި ނަމަވެސް އެހިތްވަރެއް ސުހާގެ ގައިގައެއް ނެތެވެ.

****************************

ރޭގަނޑު އާންމުކޮށް ބޭރަށް ނުނިކުންނަ ސުހާ މިރޭ ބޭރަށް ދާން ތައްޔާރުވެލިއެވެ. މަގުރިބު ނަމާދުކޮށްލައިގެން މާމަގެއަށް ދިއުމަށް ނިކުތީ އޭނާގެ ސިކުނޑިއަށް ކުޑަނަމަވެސް ލުޔެއް ލިބޭތޯއެވެ. " މިއޮތް ރޭގަނޑު ކޮންތާކަށް ތިދަނީ" ސުހާ ފެނުމާއެކު ރަޝްނާ ގޮވާލިއެވެ. ރަޝްނާއަކީ މަންމައާ ދެބެންގެ ދެދަރި ކުއްޖެއްގެ އަންހެނުންނެވެ. "އާދެބަލަ މަންޖެ، ނުފެނިގެން މިހާރު އުޅޭތާ ދުވަސްކޮޅެއް ވެއްޖެ" ރަޝްނާ ބުންޏެވެ. "ކިއްކުރަން އަހަރެން ނުފެނިގެން ތިއުޅެނީ؟" ހިނިތުންވެލަމުން ސުހާ މަޑުކޮށްލިއެވެ. " މިހާރު ޝިހާމް އާ ރުޅިވީތަ؟ ގެއިން ބޭރަށް ނިކުމެ ފާރުގައި ރަޝްނާ ލެނގިލިއެވެ. " އަހަރެން ރުޅިއެއް ނުވަން، ކިހިނެތްވީ ތިހެން ތިއެހީ؟" ސުހާ އިތުރަށް އުޅުން ފުލުވަން ބޭނުންވިއެވެ. " އަހަންނާ އާދިލް އާ ވަރަށް ގިނައިން ރޭގަނޑު އެގާރައިގެ ފަހުން ސައިކަލް ދުއްވާލަން ދަން.. ވަރަށް ގިނަ ރޭރޭ ފެނޭ ކަތީބުގޭ އުނދޯލިން، އެގޭ ޔުސްރާ އާއެކީގަ އިންދާ، މިހާރު ދުވަސްކޮޅެއް ވެއްޖެ ފެންނަތާ، މަ ވަރަށް ސުވާލު އުފެދިފަ މިހުންނަނީ ވެސް، އެހެންވެ މިއެހީ" އޭނާ ތަފްސީލުކޮށްދިނެއެވެ.

"ހަމަ އަސްލުތަ؟ ޔަގީންތަ އެއީ ޝިހާމްކަން؟" ސުހާއަށް އެކަން ގަބޫލުކުރަން ދަތިވިއެވެ. ސުހާގެ ސިކުނޑި ހާސްވަމުންދިޔައެވެ. " އާން، އެއީ ޝިހާމް" ރަޝްޔާ އިތުރަށް ޔަގީންކޮށްދިނެވެ. ސުހާ އެތަނުގައި ހުރުން ދަތިވެ ދެންދަނީ ކަމުގައި ބުނެ ކުރިއަށް ހިނގައިގަތެވެ. އަދި މާމަ ގެއަށް ދިއުމުގެ ވިސްނުން ބަދަލުވެ ގެއަށް ދިއުމަށް ހިނގައިގަތެވެ. ސުހާގެ ހިތުގައި ހާޖާނު ގަނޑެއް އުފެދި ސުހާއަށް ގުޅަން ފެށިއެވެ. ނަމަވެސް ޝިހާމް ފޯނެއް ނުނަގައެވެ. އެކަމުގެ ސަބަބުން ވެސް ސުހާގެ ހިތުގައި އިތުރު ޝައްކާއި ސުވާލު އުފެދެމުންދިޔައެވެ. އެހެންކަމުން އިތުރަށް ޔަގީންކުރަން ސުހާ ބޭނުންވިއެވެ. ޝިހާމް އެހެން މީހަކާ ރައްތެހިވިއިރު ސުހާ ގާތު ނުބުނީ ކީއްވެތޯ ބަލަން ބޭނުންވިއެވެ. އަދި އެހެން ކަންތައް ކުރީ ކީއްވެތޯ ޝިހާމްއާ ސުވާލު ކުރަން ވެސް ސުހާ ބޭނުންވިއެވެ. ނަމަވެސް މެސެޖު ކުރުމުން ވެސް އެއްވެސް ކަމެއް ސާފުވާގޮތެއް ނުވިއެވެ.

ކުއްޖަކާ އަދި ރައްތެހިނުވާކަމަށް ބުނެ ޝިހާމް ހެދީ ދޮގެވެ. ސުހާއަށް އެއްވެސް ކަމެއް ހިއްސާކުރަން ބޭނުން ނުވިނަމަވެސް ސުހާއާ މިހާރު އެއްވެސް ގުޅުމެއް ނެތްކަންވެސް ޝިހާމްއަކަށް ބުނެއެއް ނުދެވުނެވެ. އެހެން ކުއްޖަކާ ގުޅުމެއް އޮތްތަކަމަށް އެއްބަސްވެސް ނުވިއެވެ. އެހެން ކަމުން ދެވަނަ ފަހަރަށް ޝިހާމްއަށް މެސެޖުކުރާކަށް ސުހާއަކަށް ނުވެސް ކެރުނެވެ. ނަމަވެސް ގިނަބައެއްގެ ފަރާތުން އެކިގޮތްގޮތަށް އެވާހަކަތައް ސުހާގެ ކަންފަތާ ހިސާބަށް ދިޔައީ އިންނަމުންނެވެ.

(ނުނިމޭ)