ހިޔާގެ ގިނަ ޓަވަރުތަކުން މިއަދު ކަރަންޓު ކެނޑި، ގަޑިއިރަކަށް ވުރެ ގިނައިރު ވެއްޖެއެވެ.

ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައި ވަނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އޭގެ ތެރެއިން ބައެއް ޓަވަރުތަކަށް ކަރަންޓު ލިބިފައިވާ ކަމަށް، ހިޔާގައި އުޅޭ މީހަކު "ދަ ޕްރެސް" އަށް ބުންޏެވެ.

މިކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ، ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައި ވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއާގެ ބަސްބާ ޝޯޓުވުމާ ގުޅިގެން ކަމަށާއި، އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސުވިޗްގިއާ ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ނިމި، ކަރަންޓު ދޭން ތިން ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން ވަނީ ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

މީގެ ކުރިން ވެސް ހިޔާ ޓަވަރުތަކުން އެކި ފަހަރު މަތިން ކަރަންޓު ކެނޑި، އެކަމުގެ ސަބަބުން ހިޔާގައި ދިރިއުޅޭ މީހުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.