މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް ވޮރަންޓް އޮފިސާގެ ރޭންކްއަށް ފުރަތަމަ ފަހަރަށް މީހުން އައްޔަން ކޮށްފިއެވެ.
އެމްއެންޑީއެފްގެ ޗީފް ވޮރަންޓް އޮފިސާގެ ރޭންކް ފަސް ފަރާތަކާ ހަވާލުކޮށް މަގާމުގެ ކުރިއެރުން ދީފައިވަނީ މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މިކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މިއީ 130 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އެ މުވައްސަސާގައި ފުރަތަމަ ފަހަރަށް ޗީފް ވޮރަންޓް އޮފިސާގެ ރޭންކަށް މީހުން އައްޔަން ކުރި ފުރަތަމަ ފަހަރު ކަމަށާއި އެ ފަސް އޮފިސަރުންގެ ދައުރު ސިފައިންގެ ތާރީހުގައި ލިޔެވިގެންދާނެ ކަމަށެވެ.
ޗީފް ވޮރަންޓް އޮފިސާގެ ރޭންކް މިއަދު ލިބުނު ފަސް އޮފިސްރުންގެ ތެރޭގައި އަންހެން އޮގިސަރަކު ހިމެނޭއިރު މިނިސްޓަރު މާރިޔާ ވަނީ އެ ފަސް އޮފިސަރުންނާ ބައްދަލުކުރައްވާ މަރުހަބާ ދަންނަވާފައެވެ.
މަގާމުގެ ކުރިއެރުން ލިބުނު އޮފިސަރުންނަށް މަގާމުގެ ލިޔުން ހާވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އަދި އެ އޮފިސަރުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.
މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.