ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް، ޕާޓީޓަކުގެ ދަފްތަރުގައި ޖެއްސުމުގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެގޮތުން ހުޅުވާލާފައި ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 115 ފޯމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ 23 ފޯމާ އެކު ޖުމްލަ 138 ފޯމާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތެވެ.

އީސީ އިން ބުނީ، ފޯމުތަކުގެ ސައްހަ ކަން ކަށަވަރުކުރުމަށް އުސޫލުތަކެއް ކަނޑައަޅާފައި ވާނެ ކަމަށެވެ. އެގޮތުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފޯމުގައިވާ މައުލޫމާތުގެ ތެރެއިން އެފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދުގެ އިތުރުން ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް ޝަކުވާ ފޯމު ހުށަހެޅުމަށް އެ ކޮމިޝަނުން އެދުނެވެ.

ޝަކުވާ ފޯމު ހުށަހެޅަން ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ގޮސް ފޯމު ހުށަހެޅުމުގެ އިތުރުން އީމެއިލް މެދުވެރިކޮށްވެސް ފޯމު ބަލައިގަންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތް ތަކުން [email protected] އަށް އީމެއިލް ކުރުމަށް އެދުނެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އިއްޔެ އިން ފެށިގެން އޭޕްރީލް 2 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މީގެ އިތުރުންވެސް މިހާރު ރަޖިސްޓަރީވެފައިވާ ޕާޓީގެ މަޢުލޫމާތު (PPR space ID-Number (Send to 1414 އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.