އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް މޭޖާ ހުސައިން ރަޝީދު ހަމަޖައްސައިފިއެވެ.

މީގެ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވީ ކެޕްޓަން ހަނާ މުހައްމަދު އެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި އާ އޮފިސަރަކު އެ މަގާމަށް ހަމަޖެއްސީ ކެޕްޓަން ހަނާ ކޯހެއް ހެއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާތީއެވެ.

އިންފޮމޭޝަން އޮފިސަރަކީ، އެމްއެންޑީއެފްގެ ހަރަކާތްތަކާ ބެހޭ މައުލޫމާތު މީޑިއާ ތަަކަށް ރަސްމީކޮށް ފޯރު ކޮށްދިނުމަށް ކަނޑައަޅާފައި ހުންނަ ފަރާތެވެ. އަދި ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެކެވެ. އެމްއެންޑީއެފް އާ ގުޅުން ހުރި ކަންކަމުގެ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަގްރޭޓެޑް ހެޑްކްއޯޓާޒް އިން ހުއްދަ ދޭ ފަރާތަކަށެވެ.

ކެޕްޓަން ހަނާ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ އޮގަސްޓް 11، 2021 ވަނަ ދުވަހުއެވެ. މީގެ އިތުރުންވެސް ހަނާ ވަނީ ކޮވިޑް-19 ރާއްޖޭގައި އެންމެ ހަލުވިކޮށް ފެތުރުނު ދުވަސްވަރު ފުށިފަރު ކަރަންޓީން ފެސިލިޓީގައި އެމްއެންޑީއެފްގެ ކޮމާންޑަރުކަން ވެސް ކުރައްވާފައެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަގާމަށް މޭޖާ ހުސައިން ރަޝީދު އައްޔަން ކުރީ މާޗު 26، 2023 އިން ފެށިގެންނެވެ.