ރަޝިއާ އަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ނިއުކްލިއާ ވޯހެޑް ހުރި ގައުމެވެ.
އެމެރިކާ އާއި ރަޝިއާ އާ ދެމެދު ވެފައި އޮންނަ އެއްބަސްވުމެއްގެ ދަށުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި އެއްތަނުން އަނެއް ތަނަށް ސަޕްލައި ކުރުމުގައި އެއްގައުމު އަނެއް ގައުމަށް މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ. ނަމަވެސް ޔޫކްރައިން މައްސަލައިގައި ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން ބޮޑުވެ ދާދިފަހުން ރަޝިއާއިން ވަނީ ނިއުކްލިއާ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ.
އެއާއެކު އިއްޔެ ރަޝިއާގެ ރައީސް އިއުލާން ކުރެއްވީ، އެގައުމުގެ ނިއުކްލިއާ ހަތިޔާރު ކައިރީގައި އޮތް ބެލަރޫސް އަށް ގެންދާ ކަމަށެވެ. ބެލަރޫސް އަކީ، ރަޝިއާއިން ފެށި ހަނގުރާމަ އަށް ފުރިހަމަ އަށް ތާއީދު ކޮށް އަދި ޕުޓިންގެ ސިޔާސަތަށް އިމެއްނެތް އެއްބާރުލުން ދޭ ގައުމެކެވެ.
ރަޝިއާގެ ޓީވީ މެދުވެރިކުރައްވާ ވްލަޑިމިއާ ޕުޓިން ވިދާޅުވީ، ބެލަރޫސް އަށް ގެންދާ ނިއުކްލިއާ ހަތިޔާރު ގެންދާނީ އެގައުމުގައި ހަދާ ސްޓޯރޭޖް ފެސިލިޓީ ނިމުމުން ކަމަށާއި ނަމަވެސް މިހާރުވެސް އިސްކަންދަރު ޓެކްޓިކަލް މިސައިލް ސިސްޓަމް ބެލަރޫސް އަށް ގެންގޮސްފައި ވާ ކަމަށެވެ. މި ނިޒާމު ގެންދިޔަ ނަމަވެސް އަދި މިސައިލް ގެންގޮސްފައެއް ނުވެއެވެ.
ޕުޓިން އިތުރަށް ވިދާޅުވީ، ރަޝިއާގެ ނިއުކްލިއާ ހަތިޔާރު ގައުމުން ބޭރުގައި ރައްކާ ކޮށްފައި ބެހެއްޓުމަކީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އެތަކެތި ބެލަރޫސްގައި ހުއްޓަސް އޭގެ ކޮންޓްރޯލް ދޫކޮށް ނުލައްވާނެ ކަމަށެވެ. އަދި މިއީ ނިއުކްލިއާ މުއާހަދާއަށް އެމެރިކާ އާ އެކު ރަޝިއާއިން އައި ފަހުން އަދި 1991 ގައި ސޯވިއެޓް ރޫޅުނު ފަހުން، ހުރިހާ ހަތިޔާރެއް ރަޝިއާ އަށް ޖަމާކުރުމަށް ފަހު އަލުން ރަޝިއާއިން ބޭރަށް ނެރޭ ފުރަތަމަ ފަހަރުވެސް މެއެވެ.
މިކަމުގައި ޕުޓިން އިތުރަށް ވިދާޅުވީ، ރަޝިއާއިން އެކަން އެގޮތަށް ކުރުން އައިބު ނޫން ކަމަށާއި، އެމެރިކާއިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު އެކިވެރި ގައުމުތަކުގައި ރައްކާ ކުރާތާ އެތައްް އަހަރެއް ވެއްޖެ ކަމަށެވެ.
މިމައްސަލައިގައި އެމެރިކާއިން ބުނީ، ރަޝިއާއިން ނިއުކްލިއާ މުއާހަދާއިން ނިކުތީ އެކެން ކުރަން ކަމަށް ވާނަމަ އެއީ ވަރަށް ދެރަކަމެއް ކަމަށެވެ.
ޔޫކްރައިން ހަނގުރާމަ ދިގުލައި ދެވަނަ އަހަރަކަށް ފެށިގެން ގޮސްފައި ވާ އިރު އެގައުމުގެ ރައީސް ވްލަޑިމިއާ ޒެކޮމްސްކީ ވިދާޅުވީ، ހުޅަނގުން ހަތިޔާރު ނުލިބި އިރުމަތިން ރައްދު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން، ޔޫކްރައިން އަށް ބޭނުންވާ މިލިއަނަކަށް ވުރެ ގިނަ ބޮޑުބަޑި އުންޑަ ޔޫކްރައިން އަށް ހަދިޔާ ކުރުމަށް 18 ގައުމަކުން އެއްބަސްވެ އަންނަ އަހަރުގެ ތެރޭގައި އެތަކެތި ސަޕްލައި ކުރާނެއެވެ.