ހަތުރުވެރި އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލު ކަމުގެ މުގާބިލުގައި ދެކުނު ކޮރެއާ އިން ތައްޔާރުވުމަށް ކުރަމުން ދާ މަސައްކަތުގައި އެމެރިކާގެ އެހީ ހޯދަން އެއްބަސްވެއްޖެއެވެ.

މިހާރު އެމެރިކާއަށް ވަޑައިގެން އުޅުއްވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލް، އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ ބައްދަލު ކުރައްވާ، ރަސްމީ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވާ އިރު، އެއްބަސްވުމުގެ ދަށުން ދެކުނު ކޮރެއާ އަށް އަމިއްލަ އަށް ނިއުކްލިއާ ހަޔިތާރެއް ނުއުފެއްދޭނެއެވެ. ބަދަލުގައި އެމެރިކާއިން ފޯރުކޮށްދޭ އެހީއާއި، ނިއުކްލިއާ ގާބިލްކަން ލިބިފައިވާ ސަބްމެރީން ދެކުނު ކޮރެއާގައި ބޭއްވުން ހިމެނެއެވެ.

މި އެއްބަސްވުމަށް ފަހު ބައިޑަން ވިދާޅުވީ، އުތުރު ކޮރެއާގެ ހަމަލާތައް ފަސޭހަ ކަމާއެކު ދެނެގަތުމަށް ދެން މަގުފަހިވެގެން ދާނެ ކަމަށެވެ.

އަސްކަރީ ގޮތުން ދެކުނު ކޮރެއާ ބާރުވެރި ކުރުވުމުގެ ޝައުގުވެރިކަން އެމެރިކާގެ ބޮޑުވާ ސަބަބުތަކުގެ ތެރޭގައި، އުތުރު ކޮރެއާއިން ތަރައްގީ ކުރާ ޒަމާނީ މިސައިލްތަކުގެ ރާސްތާ އެމެރިކާ އާ ހަމައަށް ފޯރުމުގެ ފުރުސަތު އޮތުމާއި، ކޮރެއަން ޕެނިންސުލާގައި އެމެރިކާއިން ހަންފަތުރަށް ކުރަމުން ގެންދާ މަސައްކަތް ހިމެނެއެވެ.

އެމެރިކާއިން މީގެ ކުރިންވެސް ވަނީ، އުތުރުން އަތުވެދާނެ ހަމަލާއަކުން ދެކުނު ކޮރެއާ ދިފާއު ކޮށްދޭނެ ކަމަށް ބުނެފައެވެ. އަދި އެކަން ކުރުމުގައި ނިއުކްލިއަ ހަތިޔާރުގެ ބޭނުން ކުރަން ޖެހުނަސް އެކަންވެސް ކުރާނެ ކަމަށް އެމެރިކާ އޮތީ ބުނެފައެވެ. އެއާއެކު ދެކުނު ކޮރެއާއިން އަމިއްލަ ނިއުކްލިއާ ޕްރޮގްރާމެއްގެ ވާހަކަވެސް ދެއްކިއެވެ. ނަމަވެސް އެވާހަކަތަކަށް ރައްދު ދެމުން އެމެރިކާއިން ބުނީ، ދެކުނު ކޮރެއާ އަމިއްލައަށް ނިއުކްލިއާ ހަތިޔާރު އުފައްދަން ހުއްދަ ނުދޭނެ ކަމަށާއި، އެހެން ނަމަވެސް އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ދެކުނު ކޮރެއާއަށް ގެންގޮސް ބެލެހެއްޓުން ފަދަ ކަންކަން ކުރެވިދާނެ ކަމަށެވެ.

މިފަހަރު މި ސޮއި ކުރި އާ އެއްބަސްވުމުގެ ދަށުން، އެމެރިކާގެ ނިއުކްލިއާ ސަބްމެރީން ދެނުކު ކޮރެއާ އަށް ގެންދާނެއެވެ. މިއީ 40 އަހަރަށް ފަހު އެމެރިކާގެ ނިއުކްލިއާ ގާބިލުކަން ދެކުނު ކޮރެއާއަށް ގެންދާ ފުރަތަމަ ފަހަރެވެ. މި ސަބްމެރީންގެ އިތުރުން ނިއުކްލިއާ ބޮން އަޅާ ބޯޓުވެސް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ނިއުކްލިއާ އެހީ ދެކުނު ކޮރެއާ އަށް ލިބޭ މި ދަނޑިވަޅަކީ، ޕްލޭނިން މަރުހަލާއާއި، އެނޫންވެސް ވިލަރެސް ކުރުމުގެ މަރުހަލާތަކުގައި ދެކުނު ކޮރެއާގެ އޮފިޝަލުން ބައިވެރި ކުރުމަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ގޮވާލަމުން ދާ ދަނޑިވަޅެކެވެ. ދެނުކު ކޮރެއާއިން ބޭނުން ވަނީ، ނިއުކްލިއަ ހަތިޔާރާ ބެހޭ ގިނަ ކަންކަން ދަސްކޮށް، އުތުރު ކޮރެއާ އަށް ހަމަލާއެއް ދޭން ވީ ވަގުތަށް ދާންދެން އެމެރިކާ ކައިރިން ދަސްކުރާށެވެ.