ސޯވިއެޓް ދުވަސްވަރު އެންމެ ފުރަތަމަ އުފެްއދި ތާމޯ ނިއުކްލިއާ ބޮން އުފެއްދި ފިޒިސްޓް ގްރިގޯރީ ކްލިނިޝޯވް މަރުވެއްޖެއެވެ.

ރަޝިއާގެ ނޫސް އެޖެންސީތަކުން ބުނީ، މިހާރު އުމުރުން 90 ގެ އަހަރުތައް ގިނަމުންދާ ފިޒިސިސްޓް މަރުވެފައި ވަނީ އަމިއްލައަށް ކަމަށާއި އޭނާ މަރުވެފައި އޮތީ މޮސްކޯގައި ދިރިއުޅޭ އެޕާޓުމަންޓުގައި ކަމަށެވެ. އޭނާ އަމިއްލައަށް މަރުވި ކަމަށް އިދާރާތަކުން ބުނެފައި ވަނީ މަރުވެފައި އޮތް އިރު އޭނާގެ ކައިރީގައި 'ސުއިސައިޑް ނޯޓެއް' އޮއްވާ ފެނިފައި ވާތީއެވެ.

މި މައްސަލައިގެ ތަހުގީގެއް އިދާރާތަކުން ފަށާފައި ވާ އިރު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ ނިއުކްލިއާ ފޯސް އިތުރު ގިއަރަކަށް ލައްވައި ބާރަށް ކުރިއަށް ގެންދުމަށް އަމުރެއްވެސް ނެރުއްވާފައެވެ.

ގްރިގޯރީ އުފެއްދި ބޮން 1955 ގައެވެ. އެ ބޮން ޓެސްޓް ކުރި މަރުހަލާގައި އާދަޔާ ހިލާފު ބާރުގަދަކަން ފާހަގަ ކުރެވިފައި ވާ އިރު ބޮން ވައްޓާލި ޓެސްޓް ސައިޓް [ސަރަހައްދު] އާ 240 ކިލޯމީޓަރު ދުރުގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައްވެސް ފުނޑުފުނޑުވެގެން ދިޔައެވެ. އަދި 75 ކިލޯމީޓަރުގެ ދުރުމިނުގައި ހުރި ބައެއް އިމާރާތްތައް ވެއްޓުނު އިރު އެ ޓެސްޓް ހާދިސާގައި ކުޑަކުއްޖަކުވެސް މަރުވިއެވެ.

ތާމޯ ނިއުކްލިއާ ބޮމަށް ފަހު ގްރިގޯރީ ވަނީ، ޒަމާނީ އާ ބޮންތައްވެސް އީޖާދު ކޮށްފައެވެ. އެގޮތުން އެޗް ބޮން ނުވަތަ ހައިޑްރޯޖަން ބޮންވެސް އުފެއްދި އެއް މޭސްތިރިއަކީ އެއީއެވެ.

ރަޝިއާގެ ނިއުކްލިއާ ގާބިލުކަން އިތުރު ކުރުމުގެ އަމުރެއް ޕުޓިން ނެރުއްވާފައި ވާ އިރު އެގައުމުން ފައްކާ ކުރި ސަމްރަތް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލަކީ ނިއުކްލިއާ ވޯހެޑްގެ 10 އެތި ހަރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ނުރައްކާ ބޮޑު މިސައިލެކެވެ. މި މިސައިލަށް ހުޅަނގުން ކިޔަނީ ސައިތޯން [ސެޓަން] އެވެ.

މި މިސައިލް ދާދި އަވިހަށް ހިދުމަތަށް ނެރުއްވާނެ ކަމަށް ޕުޓިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޕުޓިން ވަނީ، ރަޝިއާގެ ނިއުކްލިއާ ގާބިލުކަން އިތުރު ކޮށް، އެއްގަމާއި ކަނޑާއި ވައިގެ މަގުން ނިއުކްލިއާ ހަމަލާތައް ދިނުމުގެ ގާބިލުކަން ކުރިއަރުވަންވެސް އަންގަވާފައެވެ.