ހަނގުރާމައިގެ މައިދާނުގައި ކުރިއެރުން ހޯދުމަށް ހުޅަނގުން ކުރަމުން ދާ މަސައްކަތުގެ ދަށުން އެޑްވާންސް ސަބްމެރިން އުފައްދަން އިނގިރޭސިވިލާތުން 4 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް އިއުލާން ކޮށްފިއެވެ.

އެެމެރިކާ، އޮސްޓްރޭލިއާ އަދި އިނގިރޭސިން ހިމެނޭހެން އުފައްދާފައި އޮންނަ 'އައުކަސް' ގައި ބޭނުން ކުރަން އުފައްދާ މި ސަބްމެރީން އަކީ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއި، ހަތިޔާރާއި ހިދުމަތްތައް ހިމަނާ އުފައްދާ ސަބްމެރީންތަކެކެވެ. 3 ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައި ވާ އިރު އޭގެ ތެރޭގައި ހިމެނެނީ، ބީއޭއީ ސިސްޓަމްސް، ރޮލްސްރޯއީސް އަދި ބެބްކޮކް އެވެ. މި ކުންފުނިތަކުން ސަބްމެރީން އުފެއްދުމުގެ މަސައްކަތް ނިންމާ އުފައްދާ ސަބްމެރީންގެ ފުރަތަމަ އުޅަނދު 2030 ގައި ހިދުމަތަށް ނެރޭނެ ކަމަށް ހަބަރުތައް ބުނެއެވެ. ފުރަތަމަ އެތި އިނގިރޭސިވިލާތުގައި ބޭނުން ކުރަން ނިންމާފައި ވާ އިރު، އޮސްޓްރޭލިއާއަށް ސަބްމެރީން ލިބޭނީ 2040 ގައެވެ.

3 ގައުމު ބައިވެރިވާ އައުކަސް އަކީ، އޭސިއާ ޕެސިފިކްގައި ޗައިނާގެ ބަރު ގަދަވާތީ، އެކަމާ ޗެލެންޖް ކުރަން އުފެއްދި ޖަމާއަތެކެވެ. އެ ޖަމާއަތުން ހިންގާ ސްޓްރެޓިޖިކް މަސައްކަތްތަކާއެކު، އޭސިއާ ޕެސިފިކްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭ މިންވަރު ބޮޑުވާނެ ކަމަށާއި ޗައިނާގެ ހަންފެތުރުން ހުއްޓުވޭނެ ކަމަށް މުރާސިލުން ބުނެއެވެ.

ނިއުކްލިއާ ގާބިލުކަން ހިމަނާ އުފައްދާ މި ސަބްމެރީންތަކަކީ، ދިގު ރާސްތާއެއް ލިބުމުގެ އިތުރުން، ސަވައިލަންސް ނިޒާމުތަކަށް ފިލައިގެން ދަތުރު ކުރެވޭ ގާބިލުކަންވެސް ހިމަނައިގެން އުފައްދާ ސަބްމެރީންތަކެކެވެ. އަދި މިއީ އޮސްޓްރޭލިއާގައި ބޭނުން ކުރާ ޑީސެލް ފްލީޓަށް ނިއުކްލިއާ ގާބިލުކަން ހިމެނާ ލިބޭ ފުރަތަމަ އުޅަނދުވެސް މެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން 5 ސަބްމެރީން އުފައްދާއިރު، އެ އުޅަނދުތައް ހިދުމަތަށް ނެރެވެންދެން ޔޫކޭ އާއި އެމެރިކާއިން ގަސްދުކޮށްފައި އޮތީ 2027 ހިސާބުގައި އޮސްޓްރޭލިއާގެ ހުޅަނގު ބިތަށް އެ ގައުމުގެ ސަބްމެރީންތައް ފޮނުވާ، ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށެވެ.