ކޮވިޑް-19 އަށްފަހު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެންފެށި މަންކީޕޮކްސް އާއެކު، ގައިންގަޔަށް އަރާ ބަލިތަކުގެ ސަބަބުން ލިބޭ ގެއްލުމާ މެދު ދުނިޔޭގެ ލޯ މުޅިން ހުޅުވިއްޖެއެވެ. ބެލެވޭ ގޮތުގައި މިބާވަތުގެ ބަލިތަކާ ގުޅުންހުރި ގޮންޖެހުންތައް އިތުރުވެގެން ދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ތެރޭގައެވެ.

ހަވާއީ ޔުނިވާސިޓީގެ ސައިންސްވެރިން ޝާއިއު ކޮށްފައިވާ އާ ދިރާސާއަކުން ހާމަވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ހޫނު ގަދަވުމާއި، ހިރަފުހާއި، އަލިފާން ރޯވުން ފަދަ ކަންކަމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތަކަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ. ވަކިން ހާއްސަކޮށް، އިންސާނިއްޔަތަށް ކުރިމަތިވާ ގައިންގަޔަށް އަރާ ބަލިތަކުގެ 58 ޕަސެންޓަކީ މޫސުމަށް ދިމާވާ ތަފާތު ނުރައްކާތަކުގެ ސަބަބުން އިތުރުވެފައިވާ ބަލިތަކެކެވެ. މޫސުމަށް އަންނަ ނުރައްކާތަކުގެ ސަބަބުން، ތަފާތު ޓްރާންސްމިޝަން ބާވަތްތައް މެދުވެރިވެ، ޕެތޮޖެނިކް ބަލިތައް ޖެހުމަށް ފުރުސަތު ހުޅުވިގެންދާ ކަމަށް ވެސް އެ ދިރާސާއިން ހާމަވިއެވެ.

ދިރާސާގެ ލިޔުންތެރިން ބުނާ ގޮތުގައި މި ހޯދުންތަކުން ދޭހަވަނީ ގްރީންހައުސް ގޭސް (ޖީއެޗްޖީ) ބޭރުކުރާ މިންވަރު ކޮންޓްރޯލް ކުރަން ޖެހިފައި ވާކަމެވެ.

މަނޯއާގެ ހަވާއީ ޔުނިވާސިޓީގެ ހަވާއީ އިންސްޓިޓިއުޓް އޮފް މެރިން ބަޔޮލޮޖީގެ އެސޯސިއޭޓް ރިސާޗް ޕްރޮފެސަރު އެރިކް ފްރޭންކްލިން ބުނީ މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، އިންސާނުންގެ ސިއްހަތާވެސް ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

"މީގެ ކުރިން ކުރެވުނު ދިރާސާތަކަށް ބިނާކޮށް، މޫސުމަށް އަންނަ ނުރައްކާތަކާއި ބަލިތަކާ ދެމެދު ބައެއް ގުޅުންތައް ފެންނާނެ ކަމަށް އުންމީދު ކުރި ނަމަވެސް، ދިރާސާގެ ނަތީޖާތައް ދެއްކި ގޮތުގައި، 1000 އަށް ވުރެ ގިނަ ގޮތްތަކުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތައް ކުރޭ."
އެރިކް

މި ދިރާސާގެ ނަތީޖާތައް އަލިއަޅުވާލާފައި ވަނީ މިހާތަނަށް ހިނގާފައިވާ ކަންތައްތައްތަކަށް ބިނާކޮށެވެ. މުސްތަގުބަލުގައި ކުރިމަތިވެދާނެ ކަމެއްގެ މައްޗަށް ބިނާކޮށް ދިރާސާގެ ނަތީޖާއެއް ބަލާފައި ނުވެއެވެ.

ކާރުހާނާއަކުން ވިހަ ދުން ޖައްވައް އަރައިގެން ދަނީ

މޫސުމަށް އަންނަ ބަދަލުތަކާއި ގައިންގަޔަށް އަރާ ބަލިތަކާ ދެމެދު އޮތް ގުޅުން

ނޭޗާ ކްލައިމެޓް ޗޭންޖް ޖާނަލްގައި ޝާއިއު ކޮށްފައިވާ ޔުނިވާސިޓީ އޮފް ހަވާއީގެ ދިރާސާގައި ވަނީ މޫސުމަށް އަންނަ ނުރައްކާތައް ވަކި ޕެތޮޖެނިކް ބަލިތަކާ ގުޅިފައިވާ މެޑިކަލް ލިޔުންތައް ދިރާސާކޮށްފައި ވާނެ ކަމަށެވެ. މި ރިވިއުގައި ބުނެފައި ވަނީ އިންސާނުންގެ ގައިން ގަޔަށް އަރާ 375 ބަލީގެ ތެރެއިން 218 ބައްޔަކީ މޫސުމަށް އަންނަ ބޮޑު 10 ބަދަލުތަކުގެ ތެރެއިން 1 ބަދަލާ ގުޅިފައިވާ ބަލިތައް ކަމަށެވެ.

މި ދިރާސާއިން ބެލި މޫސުން ގޯސްވުމުގެ ބާވަތްތަކުގެ ތެރޭގައި ހިރަފުސް، ހޫނު ގަދަވުން، އަލިފާން ރޯވުން، ފެންބޮޑުވުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި އެއްގަމު ތޮށިގަނޑަށް އަންނަ ބަދަލުތައް ހިމެނެއެވެ. މި ދިރާސާގެ މައްޗަށް ބިނާކޮށް ސައިންސްވެރިން ވަނީ މޫސުމާއި އިންސާނުންގެ ބަލިތަކާ ދެމެދު އޮންނަ މައިގަނޑު ހަތަރު ގުޅުމެއް ހާމަކޮށްފައެވެ.

  • ހޫނުވުމާއި ފެންބޮޑުވުމާއި ހިރަފުސްފަދަ މޫސުމީ ނުރައްކާތަކުގެ ސަބަބުން ބަލިތައް އުފުލާ ޖަނަވާރުތަކަށާއި ސޫފިތަކަށް އަސަރުކޮށް، އިންސާނުންނާ ގާތް ގުޅުމެއް އުފައްދާ.
  • އޭގެ ބަދަލުގައި އިންސާނުން މޫސުމަށް އަންނަ ނުރައްކާތަކަށް އިޖާބަދެނީ ބަލިތަކުގެ ވަސީލަތްތަކާ ގާތަށް ގެންގޮސްގެން.
  • މޫސުމަށް އަންނަ ނުރައްކާތަކުގެ ސަބަބުންވެސް ބައެއް ބަލިތައް ވަނީ ވަރުގަދަވެފައި.
  • ބައެއް ހާލަތްތަކުގައި މޫސުމަށް އަންނަ ނުރައްކާތަކުގެ ސަބަބުން އިންސާނުންގެ ދިފާއީ ނިޒާމު ބަލިކަށިވެ، ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވޭ.

ގައިންގަޔަށް އަރާ ބަލިތަކަށް މަގުފަހިވާ މައިކްރޯ އޯގަނިޒަމްތަކަށް އެކަނި ސައިންސްވެރިންގެ ތަހުލީލުތައް ކުޑަކޮށްފައެއް ނުވެއެވެ. އަދި އިންސާނުންގެ ހުރިހާ ބާވަތެއްގެ ބަލިތައް ހިމެނުމަށް އެމީހުންގެ ސްކޯޕް ފުޅާކުރިއިރު، މި ދިރާސާގައި، ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާ ނޭވާ ހިއްލުމާއި އެލާޖީ ފަދަ ބަލިތައްވެސް ހިމެނެއެވެ. ދިރާސާގެ އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ސިއްހީ މައްސަލަތަކަށް ވެސް އަސަރުކުރާތޯ ބެލުމެވެ.

ވާތަކެއް ދިރިއުޅޭ ސަރަހައްދެއްގައި ސައިންސްވެރިން ތަހުލީލެއް ކުރަނީ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބަލިތައް އިތުރުވާގޮތް

މޫސުމަށް އަންނަ ބަދަލުތަކާއި ބަލިތަކާ ސީދާ ގުޅުން އިތުރަށް ދެނެގަތުމަށް ޓެނެސީގެ ނެޝްވިލްގައި ހުންނަ ވެންޑަބްލިޑް ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ ޕްރިވެންޓިވް މެޑިސިން އެންޑް އިންފެކްޝަސް ޑިޒީޒްގެ ޕްރޮފެސަރު ވިލިއަމް ޝެފްނާ ބުނީ ފިނިހޫނުމިން އިތުރުވާ ވަރަކަށް، އޭގެ ސަބަބުން ސޫފިތައް އިތުރުވެ، ހާއްސަކޮށް ގައިންގަޔަށް އަރާ ބަލިތައް އުފުލާ މަދިރި އިތުރުވެއެވެ.

މިސާލަކަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ މެލޭރިއާ އަކީ ބައެއް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. އާންމުގޮތެއްގައި މަދިރިއަށް 5000 ފޫޓަށް ވުރެ އުހުގައި ނޫޅެވެއެވެ. "ނަމަވެސް ދުނިޔެ ހޫނުވުމުގެ ސަބަބުން، ކުރިއާ ހިލާފަށް އުސް ފަސްގަނޑުތައް ތަންކޮޅެއް ހޫނުވެފައި ހުރުމުން ޖިއޮގްރަފީ ގޮތުން މެލޭރިއާގެ ނުރައްކާ ބޮޑު އާބާދީތަކަށް ކުރާނެ" ވިލިއަމް ބުންޏެވެ.

ހަމައެފަދައިން ލައިމް ބަލި ފެތުރޭ ސޫފިތައް އާންމުގޮތެއްގައި އިތުރުވެފައި ވަނީ ހުޅަނގުގެ މަތީބިތުގެ މެދުތެރޭގެ ސަރަހައްދު ގައެވެ. "އެހެން ނަމަވެސް އެ ސޫފިތައް ދަނީ އިތުރުވަމުން. އެންމެ ކުޑަމިނުން، ހޫނުވަމުން އަންނަ މޫސުމުގެ ސަބަބުން އެ ސޫފިތަކުގެ އާބާދީތައް ބޮޑަށް ފުޅާވުމުގެ ފުރުސަތު ފަހިވޭ."

މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ދުނިޔޭގެ ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށް މުޖުތަމައުން އަވަސް ފިޔަވަޅެއް އަޅަން ޖެހާ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު މުސްތަގުބަލުގައި ކުޑަކުރަންޖެހޭ ކަމަށް އެރިކް ބުންޏެވެ. "ސިއްހީ ނަޒަރަކުން ބަލާއިރު، އިންސާނުން ޖެހެނީ ބަދަލުވަމުން އަންނަ މޫސުމަށާއި ޕެތޮޖެނިކް ބަލިތަކަށް އަހުލުވެރިވާން."

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އިންސާނުންގެ ސިއްހަތު ރައްކާތެރި ކުރުމަށް އެހީތެރިވެދޭ ގިނަ ހަރަކާތްތަކަކަށް އިންފެކްޝަސް ޑިޒީޒް ކޮމިއުނިޓީން ތާއިދު ކުރާކަން ފާހަގަކޮށް، ވިލިއަމް ވަނީ އެކަމަށް އެއްބަސްވެފައެވެ.

ނަމަވެސް ދިރާސާގައި އަލިއަޅުވާ ނުލައި އެހެން ކަންތައްތަކުގެ ތެރޭގައި، އާބާދީ ފުޅާވެ، ގިނަ މީހުން ދުރު ރާސްތާތަކަށް ދަތުރުކުރުމަކީ ވެސް ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމަށް މަގުފަހިވެފައި ވާ ކަމެއް ކަމަށް ވިލިއަމް ބުންޏެވެ.

ޗައިނާގައި ކޮވިޑް އަށް ޓެސްޓް ކުރަނީ

"ޗައިނާގައި ކޮވިޑް އެންމެ ފުރަތަމަ ފެނުނުތާ މަހެއްހާ ދުވަހުގެ ތެރޭގައި އެންޓާޓިކާ ފިޔަވައި ދުނިޔޭގެ ކޮންމެ ކޮންޓިނެންޓަކުން ވެސް މި ވައިރަސް ފެނުނު. އެއީ ކޮންމެހެން ވައިރަސް އަމިއްލައަށް ދަތުރުކޮށްގެނެއް ނޫން. އެއީ އެ ބަލި ޖެހިފައި ތިބި މީހުން ބޯޓުތަކުގައި އެކި ހިސާބުތަކަށް ދަތުރުކުރުމުން." އޭނާ ބުންޏެވެ.

މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސް އަކީވެސް އެފަދަ ގޮތަކަށް ފެތުރޭ ބައްޔެއް ކަމަށާއި، އެފަދަ ބަލިތަކަކީ ދުނިޔެ ހޫނުވުމުގެ ބަދަލުގައި، ބައިނަލްއަގުވާމީ ދަތުރުތަކުގެ ސަބަބުން ފެތުރޭ ބަލިތައް ކަމަށް ވިލިއަމް ވަނީ ފާހަގަ ކޮށްފައެވެ.

ވިލިއަމް އިތުރަށް ބުނީ މަސައްކަތާއި މުނިފޫހިފިލުވުމަށް ޖަންގަލިތައް ފަދަ ދުނިޔޭގެ އާދަޔާ ހިލާފު ސަރަހައްދުތަކުގައި މީހުން މިހާރަކަށް އައިސް ގިނަ ވަގުތު ހޭދަކުރާ ކަމަށާއި، އެކަމުގެ ސަބަބުން ޖަރާސީމާއި ޖަނަވާރުތަކާއި އިތުރަށް ކޮންޓެކްޓްވެ، ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ވައިރަސް އެރުމުގެ އިތުރު ފުރުސަތުތައް ފަހިވެގެން ދާކަމަށެވެ.