މި އަހަރުގެ މިހާތަނަށް 400,000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު، އެންމެ ގިނައީ ރަޝިޔާގެ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިމަހުގެ 1 އިން 23ގެ ނިޔަލަށް 133،210 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވާއިރު މިއަހަރު މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 483،624 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާ 17.4 ޕަސަންޓް އިތުރު އަދަދެކެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 113،428 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖެނުއަރީ މަހު 172،499 ފަތުރުވެރިން، އަދި ފެބްރުއަރީ މަހު 177،915 ފަތުރުވެރިން ވަނީ އައިސްފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 61،278 އެނދު ހުރިއިރު އޭގެތެރޭގައި 3170 ރިސޯޓުގައި ހުރި 42،037 އެނދު، 1640 ހޮޓެލްގައި އެނދު، ގެސްޓްހައުސްގައި 14،642 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2959 އެނދު ހިމެނެއެވެ.

އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރީ ރަޝިޔާއިންނެވެ. ރަޝިޔާއިން ޖުމްލަ 59،987 ފަތުރުވެރިން އައިސްފައި ވާއިރު، ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އައީ އިންޑިއާ އިން 52،276 ފަތުރުވެރިންނެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 44،839 ފަތުރުވެރިން އައިއިރު އިޓަލީން 43،267 ފަތުރުވެރިން އައިސްފައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. 2021 އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މި ދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ވާނެ ކަމަށް ބެލެވޭ އެއް ސަބަބަކީ ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މަންޒިލް ކަމަށްވާ ޗައިނާ އިން މިއަހަރުގެ ޖެނުއަރީ މަހު ފަތުރުވެރިން އަންނަން ފެށުމެވެ.