ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ގާނޫނީ ބާރު ކަނޑުވާލަން ކަމަށާއި އެއީ ބޮޑު ހިޔާނާތެއް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
މަވޯޓާ މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯއްދަވަން އުޅުއްވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ވަގުތަކީ، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެމްޑީޕީ އިން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެ ޕާޓީގެ ތެރެއިން ފިކުރެއްގެ ދިރުމުގެ ނަމުގައި ގޮތްޕެއް ހެދުމުގެ މަސައްކަތް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ވަގުތެއް ވެސް މެއެވެ.
މަވޯޓާ ވިދާޅުވީ ޑިމޮކްރަސީއެއްގައި ތަފާތު ހިޔާލަށް ޖާގަ ދޭން އޮތަސް ފިކުރެއްގެ ދިރުމަކީ އެމްޑީޕީ ރޫޅާލާ، ބައިބާކޮށްލުމަށް މުޅި ޑިމޮކްރަސީއާ ބީރެއްޓެހި އަދި އަމިއްލަ މަސްލަހަތު ޕާޓީއަށް ވުރެ ކުރިއަށް ނެރެން ކުރާ ނުރައްކާތެރި މަސައްކަތެއް ކަމަށެވެ. އަދި އެކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް މަވޯޓާ ވަނީ ގޮވާލައްވާފައެވެ.
ފިކުރެއްގެ ދިރުމުން ކުރަމުން ދާ ފިތުނަ އުފެއްދުމުގެ މަސައްކަތާއި އެމްޑީޕީ 'ފުނޑާލަން' އެ ކުރާ މަސައްކަތާ އަދި ކޮންމެ ގޮތެއް ހަދައިގެން ވެސް ސިޔާސީ ބާރު ފިރުކައިގެންނަން ކުރާ މަސަައްކަތުގެ ސަބަބުން ރާއްޖޭގައި އޮތް ޑިމޮކްރަޓިކް ނިޒާމު ނުރައްކަލަކަށް ހުށަހެޅިގެންދާ ކަމަށް މަވޯޓާ ވިދާޅުވިއެވެ.
މަ ވޯޓާ ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އުފައްދާ ސިޔާސީ މަގާމުތަކަކީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ މުތުލަގު ބާރެއް ކަމަށާއި އެއާ އިދިކޮޅަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްކީ ގާނޫނީ ބާރުކަނޑުވާލަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ވެރިކަން ގަނޑުބަނޑުކޮށްލަން ގަސްތުގައި ކުރައްވާ ކަމެއް ކަމަށްވެސް މަވޯޓާ ވިދާޅުވިއެވެ.
މަވޯޓާގެ ފާޑުކިޔުން އަމާޒުވެފައި ވާ އިރު މިއީ ފިކުރެެއްގެ ދިރުމާއި ޖޭޕީއާއި ގުޅުން ވަރުގަދަކުރަމުން ދާ ދަނޑިވަޅެކެވެ. އެގޮތުން ޖޭޕީއާއި ފިކުރެއްގެ ދިރުމުގެ މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ވަނީ ކޮށްފައެވެ.