ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ހަޔާތްޕުޅާ މެދު ގިނަ މުސްލިމުން އަބަދުވެސް ވިސްނާނެއެވެ. ހާއްސަކޮށް ރޯދައަށް ހުންނަވާއިރު އެކަލޭގެފާނު ކަންތައް ކުރެއްވީ ކިހިނެއްތޯއާއި ރޯދަ ވީއްލެވުމާއި ހާރު ފަރީއްކުޅުއްވުމާއި އަދި ދުވަސްތައް ހޭދަކުރައްވަނީ ކޮން ގޮތަކަށްތޯ ގިނަ ބަޔަކު ވިސްނާ ފިކުރުކުރާނެއެވެ.

ކޮންމެ ރަމަޟާން މަހަކީ އެކަލޭނގެފާނު އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރައްވާ މާތް ﷲ ގެ ހަޟުރަތަށް ކުއްތަންވެވަޑައިގެންނެވި ހާއްސަ މަސްދަރެކެވެ. މިކަން އެކަލޭނގެފާނުގެ ސުންނަތުން ސާބިތުވެފައި ވާއިރު އެންމެ ފުރިހަމަ ގޮތުގައި ރޯދަމަހުގެ ދަރުމައާއި ސަވާބު ހޯދުމަށް އެކަލޭނގެފާނު އަމަލުފުޅުތައް ބެހެއްޓެވި މަގުން އަހަރެމެންވެސް ހިނގުން މުހިންމެވެ.

ހާރު ފަރީއްކުޅުއްވުމާއި ރޯދަ ވީއްލެވުން

ރަސޫލާ މުޙައްމަދު صلى الله عليه وسلم ރޯދަ ވީއްލެވުމުގައާއި ހާރުގައި ކުޑައެތިކޮޅެއް ފަރިއްކުޅުވާއިރު ބައެއް ފަހަރު ހާރުގެ ގޮތުގައި ކުޑަ ކަދުރުކޮޅެއް ނުވަތަ ކުޑަ ކާއެއްޗަކާއި ފެންފޮދެއް ވެސް ހިއްޕަވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރިންނާއެކު ބައެއް ފަހަރު ރޯދަ ވީއްލަވައެވެ. އެކަން ސައްހަ ހަދީސުން ސާބިތުވާން އެބައޮތެވެ. އޭގެ އެއް މިސާލަކީ ޒައިދު ބިން ހާރިސްގެ އަރިހުގައި ރަސޫލާ ހާރު ފަރީއްކުޅުއްވި ކަމަށް ވާރިދުވެފައި ވުމެވެ.

ހާރަށްފަހު ރަސޫލާ ދުއާއަށް އެނބުރި ވަޑައިގަންނަވާ ކަމަށާއި ހާރު ފަރީއްކުޅުއްވުމާއި ފަތިސް ނަމާދާ ދެމެދުގައި ހޭދަވާ ވަގުތަކީ ޤުރުއާނުން 50 އާޔަތް ކިޔުމަށް ނަގާ ވަގުތު ކަމަށްވެސް ސާބިތުވެއެވެ. އަދި އަނެއްބައި ވަގުތުތަކުގައި ރަސޫލާ ދެ ރަކުއަތުގެ ސުންނަތް ނަމާދެއް ކުރައްވައި ޤަމަތް ދޭންދެން ގެކޮޅުގައި މަޑުކުރެއްވުމަށް ފަހު ނުކުމެވަޑައިގަންނަވާ މީސްތަކުންނާއެކު ނަމާދު ކުރައްވާ ކަމަށްވެސް ވާރިދުވެފައި ވެއެވެ.

ނަމާދަށްފަހު އިރުއަރަން ދެން ރަސޫލާ ހުންނަވާނީ ﷲ އަށް ޛިކުރު ކުރެއްވުމުގައެވެ. ގާތްގަނޑަކަށް ވިހި މިނެޓް ނުވަތަ އެއަށްވުރެ ގިނައިރު މަޑުކުރެއްވުމަށް ފަހު އޭގެ ފަހުން ދެ ރަކާއަތުގެ ނަމާދެއް ކުރައްވައެވެ.

ރަސޫލާ ރޯދަ ވީއްލެވުމާ ބެހޭ ގޮތުން އައިސްފައިވާ ބަސްފުޅުތަކުގައި މަޣްރިބް ނަމާދު އަދާ ކުރެއްވުމުގެ ކުރިން ރޯދަ ވީއްލަވާ ކަމަށާއި ރޯދަ ވީއްލެވުމަށް ތާޒާ ތިން ކަދުރުން ރޯދަ ވިއްލުމަށް އިސްކަން ދެއްވި ނަމަވެސް ތާޒާ ކަދުރު ނެތް ނަމަ ރޯދަ ވިއްލަނީ ހިކި ތިން އޮށް ކަދުރުން ކަމަށް ވެސް އައިސްފައި ވެއެވެ. ހިކި ކަދުރު ނެތް ނަމަ ތިން ކޯވަރު ފެނުން ރޯދަ ވިއްލަވާކަމަށް އަނަސް ރަލިޔަالله އަންހު ރިވާކުރައްވާފައި ވެއެވެ.

ރޯދަ ވީއްލުމަށްފަހު ރަސޫލާ މަޣްރިބު ނަމާދު ކުރެއްވައި އެނބުރި ގެކޮޅަށް ވަޑައިގެން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއެކު އިޝާ ނަމާދަށް ބަންގި ގޮވަންދެން، ގެކޮޅުގައި ސުންނަތް ނަމާދު ކުރެއްވުމަށް ފަހު އިޝާ ނަމާދަށް ވަޑައިގަންނަވައެވެ.

ތަހައްޖުދު ނަމާދާއި ވިތުރިކުރުން:

އައިޝާ ރަލިޔަﷲ އަންހާގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލާ މުހައްމަދު صلى الله عليه وسلم ރަމަޟާން މަހު ވިޔަސް އަދި އެހެން މަހެއްގައި ވިޔަސް އެގާރަ ރަކުއަތަށް ވުރެ ގިނައިން (ތަހައްޖުދު ނަމާދު) ނުކުރައްވައެވެ. ފުރަތަމަ ކަމަކަށް ހަތަރު ރަކުއަތް އަދާކުރައްވައެވެ. އަދި އެ ނަމާދުގެ ދިގުމިނާ ބެހޭގޮތުން ނާއްސަވާށެވެ. އެކަލޭގެފާނު ދެން އިތުރު ހަތަރު ރަކުއަތް އަދާކުރައްވައެވެ. އަދި ދިގުމިނާމެދު ސުވާލު ނުކުރައްވާށެވެ. ދެން ތިން ރަކުއުތް އަދާކުރާނެއެވެ."

އެކަލޭގެފާނު ނަމާދު ފުރިހަމަ ކުރައްވައި ވިތުރިއަށް ފެއްޓެވުމުގެ ކުރިން ނިދިކުރައްވާފައި އޮތުމުން އައިޝާ ރަލިޔަﷲ އަންހާ ސުވާލު ކުރެއްވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ވިތުރި ނަމާދު ކުރުމުގެ ކުރިން ނިދިިކުރައްވަންތޯއެވެ؟" ޖަވާބުގައި ރަސޫލާ ހަދީސް ކުރެއްވިއެވެ. "އައިޝާއެވެ! ދެލޯ ނިދާ ނަމަވެސް ހިތަށް ނިންޖެއް ނުލިބެއެވެ."

ނިދުމުގެ ކުރިން ވިތުރިކުރުމަކީ ސުންނަތުގެ ތެރެއިން ވާ ކަމެކެވެ. އެކަމަކު މިއީ ހަމައެކަނި ރަސޫލާ އަށް ހާއްސަ ކަމެކެވެ.

ރަސޫލާ صلى الله عليه وسلم ރަމަޟާންމަހު ޤުރުއާން ކިޔަވާ ވިދާޅުވުމާއި ދުއާކުރެއްވުމާއި ސަދަގާތްކުރެއވުމާއި ރޯދަ ހިއްޕެވުމުގައި މަސްއޫލުވެ ވަޑައިގަންނަވައެވެ. އެގޮތުން ރަމަޟާން މަހު ރަސޫލާގެ ހަޔާތްފުޅު ސިފަކުރެއްވި ކަންކަމުގެ ތެރޭގައި ކެއުމުގައި ގެންގުޅުއްވި ރަނގަޅު ނަމޫނާ އެނގިގެން ދާއިރު ރަމަޟާން މަހަކީ ކެއުމާއި ބުއިމާއި ކުޅުމުގެ މަހެއް ނޫންކަން ދަސްކޮށްދެއްވިއެވެ. ރަސޫލާ صلى الله عليه وسلم ވަނީ ރަމަޟާން މަހަކީ މާތް ﷲ އަށް އަޅުކަންކޮށް ކިޔަމަންތެރިވުމުގެ މަހެއްކަމުގެ ނަމޫނާ ދައްކަވާފައެވެ.