ކާށީގެ އަގު ބާޒާރުގައި ބޮޑުވެފައި ވާތީ އެސްޓީއޯއިން ކާށި ސިޕްމަންޓެއް ގެންނަ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑުވެ އަދި އަގު ދަށަށް ނުދިޔުމާ ގުޅިގެން އެސްޓީއޯއިން ގެންނަ ކާށި ޝިޕްމަންޓް މި މަހު 27 ގަ ރާއްޖެއަށް ލިބޭނެ ކަމަށެވެ. އަދި މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުން ދާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ހެޔޮ އަގެއްގައި ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އެސްޓީއޯއިން ކުރަމުންދާ އިރު މީގެ ކުރިން އަމްރު ވަނީ ކާބޯތަކެތީގެ އަގު ބޮޑު ނުކުރުމަށް ވިޔަފާރިވެެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ބާޒާރުގައި 40 ރުފިޔާއަށް ހުރި ލުނބޯ ކިލޯއެއް 80 ރުފިޔާއާއި 90 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް އުފުލިގެން ދިޔުމުން އެސްޓީއޯއިން ވަނީ ލުނބޯވެސް ގެނެސްފައެވެ. އެސްޓީއޯއިން ލުނބޯ ވިއްކަމުންދަނީ ކިލޯއެއް 60 ރުފިޔާގެ މަގުންނެވެ.

އެސްޓީއޯއިން ތަކެތި ވިއްކަމުންދާ އަގުތަަކަށް ބަލާއިރު އަލުވި ބަސްތާއެއް 240 ރުފިޔާއަށް، ފިޔާ ބަސްތާއެއް 160 ރުފިޔާއަށް އަދި ބިސް ކޭހެއް ލިބެން ހުރީ 280 ރުފިޔާއަށެވެ. ވަކިން ކިލޯ ކިރައިގެން އަލުވި 11 ރުފިޔާއަށް ލިބެން ހުރިއިރު ފިޔާ ކިލޯއެއް ލިބެނީ 9 ރުފިޔާއަށެވެ. އަދި ބިހެއް ލިބެނީ 1.75 ރުފިޔާއަށެވެ.