މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް މިއަދު ސައުދީގައި ކުރިއަށް ގެންދިޔަ ހަރަކާތަސް ފަހު އެއްވެސް ފަރާތަކަށް ހަނދު ފެނިފައި ނުވާތީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ކަމަށް ކަނޑައަޅައިފިއެވެ.

ސައުދީ އިދާރާތަކާ ހަވާލާދީ މެދުއިރުމަތީގެ ހަބަރުތައް ގެނެސްދޭ މަސްދަރުތަކުން ބުނީ، ރަމަޟާން މަހުގެ ހަނދު ސައުދީގެ އެއްވެސް ހިސާބަކަށް މިއަދު ފެނިފައި ނުވާ ކަމަށެވެ. އެހެން ކަމުން ރޯދަ މަސް ފެށޭނީ ބުރާސްފަތީގައި ކަމަށް ކަނޑައަޅާ އިއުލާން ކޮށްފައި ވާ ކަމަށެވެ. ސައުދީގެ އިތުރުން ޔޫއޭއީ، ދުބާއީ ގަތަރު ފަދަ ތަންތަނުންވެސް މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ރާއްޖޭގައި ވެސް މިރޭ ރޯދަމަހަށް ހަނދުބެލުން އޮންނާނެއެވެ. ނަމަވެސް ފަލަކީ އެއްވެސް ހިސާބަކުން މިއަދު ރާއްޖެއަށް ހަނދު ފެންނާނެ ކަމަކަށް ނުދައްކައެވެ. އެހެން ކަމުން ރާއްޖޭގައި ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ ކަލަންޑަރު ބުނާ ގޮތުން ބުރާސްފައްޗެވެ.

އިރުއަރާ އޮއްސޭ ދަނޑިން، ދުނިޔޭގެ ގަޑިއަށް ބަލާ އިރު މިއަހަރު އެންމެ ގިނަ ވަގުތު ރޯދަ ހިފަން ޖެހޭ ބަޔަކީ، ގްރީންލޭންޑްގެ ނޫކް، އައިސްލޭންޑްގެ ރޭކްޖަވިކް، ފިންލޭންޑްގެ ހެލްސިންކީ، ސްވިޑަންގެ ސްޓޮކްހޯމް އަދި ސްކޮޓްލޭންޑްގެ ގްލާސްގޯ އެވެ. މި ސިޓީތަކުގައި މިއަހަރު އެވްރެޖް ގޮތެއްގައި 17 ގަޑި އިރު ރޯދަ އަށް ތިބެން ޖެހޭނެއެވެ.