ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯ ބަސް ސްޓޮޕް ކުރިމަތީ ހެދިފައިވާ ވަޅުގަނޑުތަކަށް ސިމެންތި އަޅައި ބެއްދީ ވަގުތީ ގޮތުން ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، އެ ވަޅުގަނޑުތައް ސިމެންތިން ބެއްދީ "ވަގުތީ" ހައްލެއް ގެނެސް އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ދިމާވެދާނެ ނުރައްކާތެރި އެކްސިޑެންޓުތަކުން ރައްކާތެރި ކުރުމަށާއި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ކަމަށެވެ.

އެ ސަރަހައްދުގައި ތާރުއަޅާ މަރާމާތު ކުރާނެ ބަޔަކު ހޯދުމަށް ⁦މިދިޔަ ފެންބްރުއަރީ މަހު 23 ވަނަ ދުވަހު ވަނީ އިއުލާނު ކޮށްފައެވެ. މާލެ ސިޓީ ކައުސިލުން ބުނީ އެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

ސްޓެލްކޯ ބަސް ސްޓޮޕް ކުރިމަތީ ތާރުގަނޑުގައި ހެދިފައި ވަޅުގަނޑުތައް ބައްދާފައި / ފޮޓޯ: އައިޝަތު ޝާޒްލީން | ދަޕްރެސް

ބޮޑުތަކުރުފާނު މަގަކީ މާލެ ވަށައި ބޭރުމަގެވެ. އެ މަގުގެ އެއްބައިގައި ތާރު އަޅާފައި ވަނީ މިދިޔަ ސަރުކާރުގައި މިހާރު މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އޭރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރުއެވެ.

މި ސަރުކާރުންވެސް މާލޭގެ މަގުތައް ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މިހާރު ވަނީ އަމީނީ މަގުގެ ބައެއްގައި ތާރުއަޅާފައެވެ. އަދި މިހާރު ތާރު އަޅާ ނުނިމި އޮތް ބައިގައި ވަނީ ވަގުތީ ގޮތުން ގާއަތުރަން ފަށާފައެވެ. މިކަމާ ގުޅިގެން މޭޔަރު ވަނީ އެ މަސައްކަތަށް ފާޑު ވިދާޅުވެ، ސުވާލު އުފައްދާފައެވެ. އެ ގޮތުން އެއްބައިގައި ތާރުއަޅައި އަނެއްބައިގައި ގާއަތުރަނީ ކީއްވެތޯ އައްސަވާފައި ވެއެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާފައިވާ ސަރަހައްދުގައި ހެދިފައިވާ ވަޅުގަނޑުތަަކަށް ސިމެންތި އަޅައި ބެއްދުމުން އެކަމާ ގުޅިގެން ބައެއް މީހުން އަންނަނީ މުއިއްޒުގެ މަސައްކަތަށް ފާޑު ކިޔަމުންނެވެ. އެގޮތުން ޓީޖެޓީ ކުރިމަތިން ބޮޑުތަކުރުފާނު މަގަށް ނިކުންނަ އިރު ހަލާކުވެފައި ހުރި ތަނަށް ސިމެންތި އަޅާފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި އެއީވެސް ވަގުތީ ގޮތުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ބަލާ ކަމަށް އާންމުންގެ މީހަކު ބުނެފައި ވެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަަރައްގީ ކުރުމަށް ސަރުކާރުން ފަށާފައިވާ 462 މިލިއަން ރުފިޔާގެ މަޝްރޫއުއަކީ މިހާތަނަށް މާލޭގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއުއެވެ. އެގޮތުން މި މަސައްކަތް ނިމުމުން، ޒަމާންތަކެއް ވެފައިވާ މާލޭގެ މަގުތަކުގެ ފެންވަރު ދަށް މައްސަލައަށާއި، ފެންބޮޑުވުމުގެ މައްސަލަތަކުގެ އިތުރުން ޕާކިން މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.