ރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން ރައީސްގެ މޮޓޯކޭޑް އަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި 4 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ރައީސްގެ މޮޓޯކޭޑް އަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ތިން ފިރިހެނަކާއި އަންހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު ފުލުހުން ބުނީ އޭގެ ތެރެއިން އަންހެނަކާއި ފިރިހެނެއްގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް އަދި އިތުރު ދެ ފިރިހެނުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
އޭގެ އިތުރުން ފުލުހުން ބުނީ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން 8 ފިރިހެނެނުންނާއި 9 އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރޭ އިދިކޮޅުން ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.
މައުލޫމާތު ލިބުނު ގޮތުގައި މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ.