ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސެކިއުރިޓީ ފެއިލްވި ކަމަަށް ބުނާ މައްސަލައިގައި ފުލުހުންނާއި ސިފައިންގެ އިންސިޑެންޓް ރިޕޯޓު ހޯދުމަށް ފަހު ދެ މުއައްސަސާވެސް ޖަވާބުދާރީ ކުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބުނެފިއެވެ.

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ މިއަދު އެ ކޮމިޓިީން ބޭއްވި ކުއްލި ބައްދަލުވުމުގައެވެ. ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންވެސް އިއްތިފާގު ވެފައިވަނީ މި މައްސަލަ ވީހާވެސް އަވަހަށް ބަލުމަށްފަހު އިހުމާލުވި ފަރާތްތަކުން މި ކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވީ، މަގުމަތީގައި ހަމަނުޖެހުން ހިންގަމުންދާ ސަރަހައްދަކަށް މޮޓޯކޭޑް ވަނީ ކީއްވެގެންތޯ ބަލަންޖެހޭނެ ކަމަށެވެ. އަދި މިކަމުން ދޭހަ ވަނީ ފުލުހުންނާ ސިފައިންގެ އިންޓަލިޖެންސްގެ މުއާމަަލާތް ކުރުމުގެ ގުޅުން ތައް ހީނަރުވެފައިވާ މިންވަރު ކަމަށް ގައްސާން ވިދާޅުވިއެވެ.

އަދި ކޮމިޓީގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު ވަނީ މޮޓޮކޭޑް ދަތުރުކުރާ ރޫޓް ކުރިން ބަލާ ޗެކް ކޮށްފައިވޭތޯ ބެލުމަށް ކޮމިޓީއަށް ހުށަހަޅާފައެވެ. ނޫންނަމަ ގަސްދުގައި އެ މޮޓޮކޭޑަށް ހުރަސް އެޅާ ހުއްޓުވީތޯ ބަލާދިނުމަށްވެސް ގަފޫރު އެދުނެވެ.

ރައީސް ގެ ސެކިއުރިޓީ ވަނީ ބްރީޗް ވެފައި ކަމަށާއި މިއީ ނުބަލާ ދޫކޮށްލާ ވަރުގެ ކުޑަ މައްސަލައެއް ނޫންކަން ފާހަގަ ކުރަށްވަމުން އިދިކޮޅު ޕީޕީއެމްގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ސިލްސިލާ މުޒާހަރާ ތަކަކީ ޕީޕީއެމް އިން ކޮންމެ ރެއަކުވެސް ކުރިއަށްގެންދާ މުޒާހަރާ ތަކެއްކަމުން އެކަން އިތުރަށް ނުބަލާ ރައީސްގެ މޮޓޯ ކޭޑް އެހިސާބަށް އާދެވުމަކީ ސަލާމަތީ ހިދުމަތްތައް ފެއިލްވެފައިވާ ކަން ޔަގީން ވާ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ގައުމީ ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީން ކަށަވަރު ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މި މައްސަލައިގައި ދެ މުއައްސަސާގެ ވެސް އިންސިޑެންޓް ރިޕޯޓުގެ އިތުރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ދެވަނަ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. ރައީސްގެ ސެކިއުރިޓީ މޮޓޯކޭޑް ހުރަސް އެޅި މައްސަލަ ސަލާމަތާ ބެހޭ ކޮމިޓީން ބެލުމަށް ނިންމާފައިވަނީ އެ ކޮމިޓީގެ އިސްނެގުމުގެ މަތިންނެވެ.

އިދިކޮޅުން ޕީޕީއެމް އޮފީސް ދޮރުމަތީގައި ރޭ މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ. މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ.

އަދި މިއީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.