މާތް ﷲ އެންމެ ފުރަތަމަ ހެއްދެވި އިންސާނާ އަކީ މި ބިންމައްޗަށް އެންމެ ފުރަތަމަ ފޮނުވުނު ރަސޫލާ އާދަމް އަލަހިއްސަލާމްއެވެ.
އާދަމް އަލަހިއްސަލާމް ހެއްދެވުމާއި އެކަލަނގެފާނަށް މާތް ﷲ ދެއްވި ނިއުމަތްތަކާއި ކުރިމަތި ކުރެއްވި އިމްތިހާނުތަކުގެ ވާހަކަ ކީރިތި ޤްރުއާނުގެ އެކި ތަންތަނުގައި އައިސްފައިވާ އިރު ސޫރަތުލް ބަޤަރާގެ 30 ވަނަ އާޔަތުން ފެށިގެން 38 ވަނަ އާޔަތުގެ ނިޔަލަށް އަދި ސޫރަތުލް އަލް-އައުރާފްގެ 11 ވަނަ އާޔަތުން 25 ވަނަ އާޔަތުގެ ނިޔަލަށް ވެސް އާދަމްގެފާނުގެ ވާހަކަތައް އައިސްފައިވާ އިރު މި އުއްމަތުގެ ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމްގެ ހަދީޘްފުޅުތަކުގައި ވެސް އާދަމްގެފާނުގެ ބައެއް ވާހަކަތައް އައިސްފައި ވެއެވެ.
އާދަމްގެފާނު އުފެއްދެވުމާއި އުނގަންނަވައި ދެއްވުން
އާދަމްގެފާނު އުފައްދަވާކަން ﷲ ތައާލާ އެކަލާނގެ މަލާއިކަތުންނަށް އެންގެވި ކަމަށް ކީރިތި ޤުރުއާނުން ސާބިތުވެއެވެ. އަދި ފުރަތަމަ އިންސާނާ އުފައްދަވަނީ މި ބިންމައްޗަށް ފޮނުއްވާ ހަލީފާއެއްގެ ގޮތުގައި ކަމަށް ވެސް ވަހީކުރައްވާފައި ވެއެވެ. މާތް ﷲގެ މި ބަސްފުޅާ އެކު މަލާއިކަތުން ދަންނަވައެވެ. މާތް ﷲ އަށް ހަމްދުކޮށް ސަނާ ކިޔާ ބަޔަކު ތިއްބާ ބިން ފަސާދަ ކޮށް ލޭ އޮހޮރުވާނޭ ބަޔަކު ބިމުގައި ލައްވަނީތޯއެވެ. އެހިނދު ﷲ އެބޭކަލުންނަށް ވަހީކުރެއްވި ކަމަށް އަންނަނީ؛
"ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެނގިވަޑައިނުގަންނަވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަންނަވަމެވެ." (ސޫރަތުލް ބަޤަރާ، 30) މިހެންނެވެ.
މާތް ﷲ އާދަމްގެފާނު ހެއްދެވީ މަށިންނެވެ. އަދި އެކަލޭނގެފާނަށް މުޅި ކާއިނާތުގައިވާ ހުރިހާ ތަކެއްޗާ ބެހޭ އިލްމު އުނގަންނަވައި ދެއްވިއެވެ.
އާދަމްގެފާނަށް މަލާއިކަތުން ސަޖިދަކުރުމާއި އެކަމަށް އިބިލީސް ދެކޮޅު ހެދުން
އާދަމް އަލަހިއްސަލާމް ހައްދަވާ އެކަލޭނގެފާނަށް އިލްމު އުނގަނަވައިދެއްވުމަށް ފަހު އެކަލޭނގެފާނަށް ސަޖިދަ ކުރުމަށް މަލާކަތް ބޭކަލުންނަށް މާތް ﷲ އަމުރުކުރެއްވިއެވެ. އެބޭކަލުން އެކަމަށް ކިޔަމަންވެވަޑައިގެންނެވި އިރު އާދަމްގެފާނަށް ސަޖިދަ ކުރުމަށް ހަމައެކަނި ދެކޮޅު ހެދި މަހްލޫގަކީ އިބްލީހެވެ. އާދަމްގެފާނަކީ މަށިން ހައްދަވާފައިވާ މަހްލޫގެއް ކަމަށާއި އޭނާ [އިބިލީސް] އަކީ އަލިފާނުން ހެއްދެވި އެއްޗެއް ކަމަށް ބުނެ އޭނާ ބޮޑާ ހޭކި އިރު މިއީ ﷲގެ އުފެއްދެވި މަހްލޫގެއް އެކަނލާގެއަށް އުރެދުނު ފުރަތަމަ ފަހަރެވެ. މިއުރެދުމުގެ ސަބަބުން އިބިލީސް ސުވާރުގެއިން ބޭރުކޮށްލެއްވިއެވެ.
ހައްވާގެފާނު އުފެއްދެވުމާއި ސުވަރުގެ ލިބިވަޑައިގަތުމަށް ފަހު ގެއްލުން
މުޅި ކާއިނާތުގެ އިލާހު ﷲ ސުބަހާނަހޫވަތައާލާ އާދަމްގެފާނަށް ބައިވެރިއަކު ކަމުގައި ހައްވާގެފާނު ލެއްވީ އެކަލޭނގެފާނުގެ އެކަނިވެރިކަން ފިއްލަވައި ދެއްވުމުގެ ގޮތުންނެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 35 ވަނަ އާޔަތުން އެނގޭ ގޮތުގައި މާތް ﷲ އާދަމްގެފާނު ސުވަރުގެއަށް ވެއްދެވީ ހައްވާގެފާނު އުފެއްދެވުމަށް ފަހުއެވެ. އާދަމްގެފާނުގެ ވާތް ފަރާތު މޭ ކަށިގަނޑުން އުފެއްދެވި ހައްވާގެފާނާއި އެކަލޭނގެފާނު ކައިވެނި ކުރެއްވުމަށް ފަހު އެދެބޭކަނބަލުންނަށް ސުވަރުގޭގެ ދޮރުކޮޅު ހުޅުވާލަ ދެއްވާ އެތަނުގައި ވާހާ އެއްޗެއް ފަރީއްކުޅުވާ ހެއްދެވުމަށް މާތް ﷲ ދައުވަތު ދެއްވިއެވެ. ހަމައެކަނި ނަހީ ކުރެއްވީ އެންމެ ގަހެއްގެ މޭވާއެވެ. އަދި އެގަހުން މޭވާ ފަރީއްކުޅުވައިފި ނަމަ އެދެބޭކަނބަލުން ވާ ހުށީ އަނިޔާވެރިން ކަމުގައި ﷲ ތައާލާ ވަހީކުރެއްވިއެވެ. މިއީ އިންސާނާއަށް މާތް ﷲ ދެއްވި ފުރަތަމަ އިމްތިހާނެވެ.
މިދެކަނބަލުން އެ އިމްތިހާނުން ނާކާމިޔާބުވެ ވަޑައިގަތުމުގެ ފަހަތުގައި ވީ މާތް ﷲ އަށް ފުރަތަމަ އުރެދުނު މަހްލޫގް، އިބްލީހެވެ. ސޫރަތުލް އައުރާފްގެ 20 ވަނަ އާޔަތުން 25 ވަނަ އާޔަތާ ހަމައަށް އެނގޭ ގޮތުން މިގަހުން މޭވާ ފަރީއްކުޅުއްވުމުގެ ކުރިން އާދަމްގެފާނާއި ހައްވާގެ ފާނަށް، އެދެބޭކަނލުންގެ އައުރަ ވަނީ ކަޝްފުވެފައެވެ.
ޝައިތާނާ އެދެބޭކަނބަލުންނަށް ވަސްވާސް ދިނީ އެދެބޭކަނބަލުންގެ އައުރައިން ނިވާވެގެންވާތަން ފާޅުކުރުމަށްޓަކައެވެ.
"ދެން ފަހެ އެދެބޭކަނބަލުންގެ އައުރައިން އެދެބޭކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެދެބޭކަނބަލުންނަށް ޝައިތާނާ ވަސްވާސް ދިނެވެ. އަދި އެކަލޭގެ ބުންޏެވެ. ތިޔަ ދެކަނބަލުން ދެ މަލާއިކަތުން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބިވެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަބަނލުން އެގަހާ ކައިރިވެވަޑައިގަތުމަށް މަނާއެއް ނުކުރައްވައެވެ.
އަދި އެކަލޭގެ ހުވާކޮށް، އެދެބޭކަނބަލުންނަށް ބުންޏެވެ. ހަމަކަށަވަރުން، ތިމަން ވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ ނަސޭހަތް ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ." (ސޫރަތުލް އައުރާފް، 20-21)
އިލްމުވެރިންގެ ވާހަކަތަކުން ސާބިތުވާ ގޮތުގައި އިބިލީހުގެ ވަސްވާތަކަށް އެދެބޭކަނބަލުން އަމަލުކުރެއްވީ އެތަށް އަހަރަކަށް ފަހުއެވެ. އެގަހުގެ ހިޔާލުތައް އެދެބޭކަނބަލުންގެ ސިކުނޑިފުޅުތަކުގެ ތެރޭގައި ދައުރުވަމުން ދިޔަ އިރު މާތް ﷲގެ އިންޒާރުގެ މަތިން ހަނދުމަފުޅު ނެތި އެއްދުވަހަކު އެގަހުން މޭވާއެއް އެދެބޭކަނބަލުން ފަރީއްކުޅުވިއެވެ. އެމޭވާ ފަރީއްކުޅުއްވުމާއެކު އެދެބޭކަނބަލުންނަށް އެދެބޭކަނބަލުންގެ އައުރަ ފާޅުވިއެވެ. އަދި ސުވަރުގޭގެ ގަސްތަކުގެ ފަތްތަކުން އައުރަ ނިވާ ކުރައްވަން އަވަސްވެވަޑައިގަތެވެ.
ކުރެއްވުނު ކުށް އިހްސާސްވެ ވަޑައިގަންނަވާ ހާލު އެދެބޭކަނބަލުން ވެސް މާތް ﷲ އަށް ކުއްތަންވެ ފާފަ ފުއްސެވުމަށް ދުއާ ކުރައްވަން ފެއްޓެވިއެވެ. އަދި ރަހްމާންވަންތަ ރަސްކަލާނގެ އެދެބޭކަނބަލުންގެ ތައުބާ ގަބޫލު ކުރެއްވިވެސް މެއެވެ.
އެހެނަސް މާތް ﷲ ގެ ބަސްފުޅަށް އެދެބޭކަނބަލުން އުރެދުމުން އެކަމުގެ އަދަބު ދެވުނެވެ. އަދި އެދެބޭކަނބަލުން ބިމަށް ފައިބައިވަޑައިގަތުމަށް އެންގެވިއެވެ. މި ދުނިޔެއަކީ މަރުވުމަށް ދާންދެން އިންސާނާ ދިރިއުޅޭނެ ތަން ކަމުގައި ލައްވާ ގިޔާމަތް ދުވަހުން އަލުން ދިރުއްވާނީ ވެސް މިތަނުން ކަމުގައި ވަހީކުރެއްވިއެވެ.
އާދަމްގެފާނުގެ ދަރިކަލުން ގާބީލް
މި ބިންމަތީ އާދަމްގެފާނާއި ހައްވާގެފާނަށް ގިނަ ބޭކަލުންނާއި ބޭކަނބަލުން ލިބިވަޑައިގެންނެވި އިރު އެންމެ ފުރަތަމަ އެދެބޭކަނބަލުންނަށް ލިބިވަޑައިގަތީ އެއްމާބަނޑު އެއް ބަފާ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެއްގެ ދެ ޖޯޑެވެ. އަދި މި ބިންމަތީ އާދަމްގެފާނުގެ ދަރިފަސްކޮޅު އިތުރުކުރުމަށް މީގެ ތެރެއިން ފުރަތަމަ ދެބައިން ޤާބީލް އަދި އިގްލީމާ އާއި ދެވަނަ ދެބައިން ހާބީލް އަދި ލަބޫދާއާ ކައިވެނި ބައްލަވައިގަތުމަށް މާތް ﷲ އަމުރު ކުރެއްވިއެވެ. އެހެން ނަމަވެސް އިގްލީމާ ރީތިވުމުން ގާބީލް ބޭނުންވީ އޭނާގެ އެއްމާބަނޑު ކޮއްކޮއާ ކައިވެނި ކުރުމަށެވެ.
މިކަން މިގޮތަށް ނުވުމުން ހަސަދަވެރިވާ ހާލު ގާބީލް އޭނާގެ ފިރިހެން ކޮއްކޮ ހާބީލް، ގަާގަނޑަކުން ޖަހާ ގަތުލުކޮށްލިއެވެ. މިއީ ބިންމަތީގައި ހިނގި ފުރަތަމަ ގަތުލަށް ވީ އިރު މިއީ އެންމެ ފުރަތަމަ ހިނގި ޖިނާއީ ކުށެވެ.
އާދަމް އަަލަހިއްސަލާމް ދުނިޔެއާ ވަކިވުން
ފުރަތަމަ ރަސޫލާ އާދަމް އަލައިހިއްސަލާމް މި ބިންމަތީ އެއް ހާސް އަހަރު އުޅުއްވި ކަމަށް އިލްމުވެރިން އިއްތިފާގު ވެއެވެ. އަދި އެކަލޭނގެފާނުގެ ދަރިފަސްކޮޅު ފުޅާކުރައްވާ އެބޭބޭފުޅުންނަށް ގިނަ ތަރުބިއްޔަތު ދެއްވި އިރު އެކަލޭނގެފާނުގެ އެންމެ އަގުހުރި ނަސޭހަތަކަށް ވީ އިންސާނާއަށް އަބަދުވެސް ކުރިމަތިވާނެ އެންމެ އުނދަގޫ އިމްތިހާނަކީ ޝައިތާނާ ކަމަށާއި އެކަމަށް ސަމާލުވުމަށެވެ.
އެކި އެކި ހަދީޘްތަކުން އެނގޭ ގޮތުން އާދަމްގެފާނު އަވަހާރަވީ ހުކުރު ދުވަހައެއްގައެވެ. އަދި އެކަލޭނގެފާނު އަވަހާރަވިތާ ދޭއް ނުވަތަ ތިން އަހަރުގެ ތެރޭގައިި ހައްވާގެ ފާނު އަވަހާރިއެވެ. އެދެބޭކަނބަލުން ފަސްތާނުލެވިފައި ވަނީ ކައިރި ކައިރީގައެވެ.