ކޮޓަރީގައި ޗާޖައް ޖަހާފައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ސުހާ ދުއްވައިގަތެވެ. ފޯނު ބަލާލިއިރު ގުޅަނީ ރޭގައި ޝިހާމް ގުޅި ނަންބަރުންނެވެ. އެހެން ކަމުން އަވަސް އަވަހަށް ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

އަދި ވަރަށް ޖެހިލުންވެ ހުރެ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. " ހަލޯ..." ދެމީހުންނަށް ވެސް ބުނެވުނީ އެކުއެކީގައެވެ. " ކީއްކުރަނީ؟" ޝިހާމް ވާހަކަދައްކަން ފެށިއެވެ. "ކަމެއް ނުކުރަން" ސުހާ ވެސް ވާހަކަދެއްކޭތޯ މަސައްކަތް ކުރިއެވެ. " ޝިހާމް ކީއްކުރަނީ؟" ސުހާ ބުންޏެވެ. އޭގެ ޖަވާބަކަށް ޝިހާމް ބުނީ މިރޭ އޮންނަ ހަފްލާއަށް ދާންވާއިރަށް އިސްތިރިކުރަނީ ކަމަށެވެ. އެކަމަށް އޭނާ ވަރަށް ފަރިތަވާނޭ ކަމުގައި ވެސް ބުންޏެވެ. އަދި ދާންވާނީ ވަރަށް ރީތިވެގެން ނޫންހޭވެސް ބުނެލިއެވެ. ސުހަގެ މޫނަށް ހިނިތުންވެރިވީ ބޭއިހުތިޔާރުގައެވެ. "ކޮބާ ސާދުނާ؟" ސުހާ ބޭނުންވީ ސާދުނާ ކޮޓަރީގައި ހުރިތޯ ޔަގީން ކުރާށެވެ. "އޭނާވީ ރައްޓެއްސަކާއެކު ބޭރުގައި، އަންނަންވާއިރަށް ނިންމާލެވޭތޯ މިއުޅެނީ..." ވަރަށް މަޖާވެފައި ޝިހާމް ބުނެލިއެވެ. އަދި ތައްޔާރުވާން ދަނީކަމުގައި ބުނެ ފޯނު ބޭއްވިއެވެ.

********************************

ޓީވީން އެހަފްލާ ދައްކާނެ ކަން އިނގޭތީ ސުހާވެސް އެގޑިއަށް ޓީވީ ކައިރީގައި ހަމަޖެހިލިއެވެ. ފަހަރަކު ކުއްޖަކަށް ސެޓްފިކެޓް ހަވާލުކުރުމުން ގޮސް ޝިހާމްއާ ވެސް ހަވާލުކޮށްފިއެވެ. ދެން އެރި މީހާގެ ނަން އިވުމުން ސުހާ ގާތަށް ވަރަށް ހިނިއައެވެ. "ނަންން"އެވެ. ފުރިހަމަ ނަން މިއެނގުނީ މިރޭ ހަފްލާގައި ގޮވުމުންނެވެ. ސުހާއަށް ވެސް އެނގިފައި އޮތީ އެންމެންވެސް އޭނާއާ މުހާތަބު ކުރާ ނަމެވެ. އެއީ "ނަންނަ"އެވެ. އޭނާއަކީ ހޮޅުދޫގައި އޮތް ކޯހެއްގައި ބައިވެރިވާން ދިއުމުން ދިމާވި އެއަތޮޅު މަނަދޫއަށް ނިސްބަތްވާ ވަރަށް ގާތް ރައްޓެއްސެކެވެ. އޭނާއާ ގާތް ރަހުމަތްތެރިކަމެއް އުފެދުނީ އެ ސްރީން ޕްރިންޓިން ކޯހުންނެވެ. އެހެންކަމުން އަވަސް އަވަހަށް އޭނާއަށް ކޮންގުރާ ޖަހާފައި މެސެޖު ކުރިއެވެ.

************************

އެރޭ ޝިހާމް ނުގުޅާތީ ސުހާ އަވަސް އަވަހަށް ނިދަން މަސައްކަތް ކުރިއެވެ. އަވަހަށް ފަތިހު ހޭލުމަށްޓަކައެވެ. އަނެއް ދުވަހެވެ. ހުރިހާ ކަމަކުން ނިވި ފެންވަރައި ރީތިވެލައިގެން ސުހާ ޓީވީ ބަލަން ސިޓިން ރޫމުގެ އެއްފަރާތެއްގައި ހުރި ގޮޑީގައި އިނެވެ. ހަވީރުގެ ވަގުތުކަމުން ގޭގައި އެކަކުވެސް ނެތެވެ. ޓީވީއަށް ގެއްލިފައި އިން ސުހާ ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފެށީމައެވެ. ސުހާ އަވަސް އަވަހަސް ގޮސް ފޯނު ބަލާލިއެވެ. ސޭވް ނުކުރިއެއް ކަމަކު އެއީ ޝިހާމްގެ ނަންބަރުކަން ސުހާއަށް އެނގެއެވެ. އަދި ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. "ހަލޯ.." ދެމީހުންނަށް ވެސް ބުނެވުނީ އެކުއެކީގައެވެ. "ކިހިނެތްތަ؟ ބިޒީތަ؟" ޝިހާމް ފުރަތަމަ ވާހަކަ ދައްކަން ފެށިއެވެ. "ރަނގަޅު، ބިޒީއެއް ނޫން" ޓީވީގެ އަޑު މަޑުކޮށްލަމުން ސުހާ ހަމަޖެހިލިއެވެ. ހަމައެއާއެކު ޓީވީ ބަލަނީތޯ ޝިހާމް ސުވާލު ކުރިއެވެ. އެއަޑު އިވޭނެކަން ސުހާއަށް އެނގެއެވެ. "ހޫމް... ފިލްމެއް ބަލަނީ.." ސުހާ ވާހަކަދެއްކީ ޖެހިލުންވެ އިނދެއެވެ. ފާޑެއްގެ ލަދުވެތިކަމެއް އޭނާ ވަށާލާފައިވާ ކަހަލައެވެ.

ކޮން ފިލްމެއްތޯ ޝިހާމް ސުވާލުކުރުމުން "ޒުލޭހާ" ކަމުގައި ސުހާ ބުންޏެވެ. ޝިހާމް ހީލިއެވެ. އަދި ދިވެހި ފިލްމަކީ ދެން ކޯއްޗެއްހޭ ވެސް ބުނެލިއެވެ. "މާ ރީތިވާނެ މިހާރުގެ ހިންދީ ފިލްމު" މަލާމާތުގެ ރާގަކަށް ޝިހާމް ބުނެލިއެވެ. "އެބަހުރިތަ ޝިހާމް އަތުގަ؟" ސުހާ ހިނިތުންވެލީ ރަކިގޮތަކަށެވެ. ވަރަށް ގިނަ ފިލްމު ހުންނާނެ ކަމުގައި ޝިހާމް ބުންޏެވެ. އަދި ފަހުން ނިކުން "ގަޖުނީ" ވެސް އޭނާގެ އަތުގައި އޮންނާނެ ކަމަށް ބުންޏެވެ. އަދި އެއީ ވަރަށް ރީތި ފިލްމެއް ކަމުގައި ވެސް ޝިހާމް ބުންޏެވެ. "އެހެންތަ" ސުހާ އިނީ ފިލްމަށް ކޮންމެވެސް ވަރަކަށް ގެއްލިފައެވެ. އިސްވެ ވާހަކަ ދައްކަން ނުކެރޭތީ ގިނަ ފަހަރު އޭނާއަށް އެއްޗެކޭ ބުނެވެނީވެސް ޝިހާމް އެއްޗެކޭ ބުނީމައެވެ. ނޫނީ އެބުނި އެއްޗަކާ ގުޅިގެންނެވެ.

މިނެޓެއް ހާއިރު އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެ ހޭދަވެގެން ދިޔައެވެ. ޝިހާމްއަށް ވެސް ކުޑަކޮށް އެކަމުގެ ސަބަބުން އުނދަގޫވިއެވެ. ސުހާ ވާހަކަދައްކާލެއް މަދުވީމައެވެ. ނަމަވެސް އެއީ ސުހާ ގަސްތުގައި ކުރާކަމެއް ނޫނެވެ. އޭނާގެ ދޫ ބަންދުވަނިއެވެ. ސިކުނޑިއަށް ވެސް އެއްވެސް އެއްޗެއް ހަމަ ނާރަނީއެވެ. ފާޑަކަށް ޖެހިލުންވެ ލަދުގަންނަނީއެވެ. "ކޮބާ އަހަރެން ކުރި ސުވާލުގެ ޖަވާބު؟" ވަރަށް ޖެހުލުންވެ ހުރެ ކަހަލަ ގޮތަކަށް ޝިހާމް ވާހަކަދައްކަން ފެށިއެވެ. "ކީކޭ؟ ކޮންސުވާލެއް؟" ސުހާގެ ހިތް ބާރުބާރަށް ހިތް ތެޅެމުންދިޔައެވެ. "އަހަރެންނާ ރައްޓެހިވާން ކެރިދާނެތަ؟ ބޭނުންތަ؟ އަހަރެން މަޖުބޫރެއް ނުކުރާނަން، ސުހާ ބޭނުން ގޮތެއް..." ވަރަށް އުނދަގުލުން ޖެހުލުންވެހުރެ ޝިހާމްގެ ހިތުގެ އެދުން ހާމަކުރިއެވެ. ސުހާއަށް ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ނޭންގުނެވެ. ބަސް ހުއްޓިފައި އިނދެވުނީ ކިތައް މިނެޓުކަމެއް ވެސް އޭނާއަކަށް ނޭންގުނެވެ. އޭނާގެ ސިކުނޑި ހާސްވެގެން ދިޔައެވެ. "ހަލޯ..ހަލޯ..." ޝިހާމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ސުހާއަށް ހޭވެރިކަން ވީ ކަހަލައެވެ.

ސިއްސައިގެން ގޮސް އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ ސުހާ ބެލިއެވެ. "ހަ... ހަ.. ހަލޯ" ސުހާގެ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ. "ކިހިނެތްވީ؟ ހިތްހަމަ ނުޖެހުނީތަ؟" ސުހާގެ އެއްވެސް ޖަވާބެއް ނުލިބި ގިނައިރުވުމުން ޝިހާމް ސުވާލުކުރިއެވެ. ހަމަޖެހޭގޮތް ދެއްކި ނަމަވެސް ޝިހާމްވެސް ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. "ނޫން.. ކަމެއް ނުވޭ..ދެން.. ދެން... ކީކޭތަ ބުނަންވީ؟ ޝިހާމް އަހަރެން ބޭނުންތަ؟" ހާސްކަމާއެކު ވަރަށް އުނދަގުލުން ސުހާ ބުންޏެވެ. "ބޭނުން، އިނގޭ ތިމާގެ ކަންވެސް، އެކަމަކު ވެސް ވަރަށް ބޭނުން" ޝިހާމް ބޭނުންވާގޮތް ހާމަކުރީ ނުހަނު ކެރިގެންނެވެ.

ނަމަވެސް ދެންވެސް ސުހާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނުންގުނެވެ. "ދެން.. ޝިހާމް ބޭނުމިއްޔާ އެންމެ ރަނގަޅު" ސުހާ ލަދުން ވިރެމުން ދިޔައެވެ. ނޫނެކޭ ބުނާކަށް ނުކެރުނެވެ. ޝިހާމްގެ ބައެއް ހަގީގަތް ސުހާއަށް އިނގޭތީ ހެންވެސް ހީވެއެވެ. ދެކުދިންނާ ރައްޓެހިވެ، ކެރިއަރުންނަށް ވާތީ، އެގުޅުންތައް ކުރިއަށް ނުގެންގޮސް ހުއްޓާލިކަން އޭނާއަށް ވެސް އެނގެއެވެ. ސުހާއަކީ ނޯމަލް މީހަކަށް ވުމުން ޝިހާމްގެ އެއެދުމަށް ދެކޮޅު ހަދަން ނުކެރުނީއެވެ. އިރުކޮޅުކުން ޝިހާމް ވާހަކަ ދައްކަން ފެށީ ތަންކޮޅެއް ހަމަޖެހިގެންނެވެ. ސައިބޮއެފިންތޯ އާއި ސަޔަށް ހެދީ ކޮންއެއްޗެއްތޯވެސް އެހިއެވެ. ސަޔަށް ހެދީ ރިހަފޮޅިއާއި ބޯކިބާ ކަމަށް ސުހާ ބުންޏެވެ. "ކިތަކެތި ޚާލިންތަ؟ ވަސް ބަލާލީދޯ؟" ޝިހާމް މަޖާވެލިއެވެ. "ނޫން.. ދެން ކެއިން ހަމަ" ސުހާއަށް ހިނިއާދެވުނީ ބޭ އިހުތިޔާރުގައެވެ.

އިރުކޮޅަކުން ބައެއްގެ ވާހަކަދެއްކުމާއި ސަކަރާތުގެ އަޑު އިވެންފެށިއެވެ. "އޭ ދެން ބާއްވަނީ..ފަހުން ގުޅާނަން" އަވަސް އަވަހަށް ޝިހާމް ފޯނު ބޭއްވިއެވެ. އޭރު މަގްރިބު ނަމާދަށް ބަންގި ގޮވަން ކައިރިވެއްޖެއެވެ. ޓީވީ ނިއްވާލުމަށްފަހު ސުހާ ބޭރު އުނދޯއްޔަށް ނިކުތީ ހަމަޖެހިލެވޭތޯއެވެ.

(ނުނިމޭ)