ހިތްގައިމު ހަވީރެކެވެ. އުޑުމަތި ސާފެއެވެ. ޖެހޭ މަޑު ވައިރޯޅިގެން ހަށިގަނޑަށް ލިބޭ ފިނިކަން ހިތައް އުފާވެރިކަން ގެނެސްދެއެވެ. ސާފު ހުދު ދޮންވެލި ގަނޑުމަތީ އިށީންދެލައިގެން އިންއިރު މޫދުގެ ރާޅުތައް ސިއްރު ސިއްރުން ފައިގައި ބޮސްދެމުން ދިޔައެވެ. ކުނިކޮޅެއް ވެސް ނެތި އޮވާން ހުދު ދޫލައެއް ފަތުލާފައި އޮތްހެން ދޮންވެލިގަނޑު ފެންނަން އޮތުމުން ކުރީގައި އުޅުނު މަޖާގޮތް ހިތައް ވަދެގެން ދިޔައެވެ. އެގޮތަށް އަލުން އުޅެން ބޭނުން ވިއެވެ.

ދޮންވެލިގަނޑުގައި އިލޮށިން ކުރަހާ ހަދާހިތްވިއެވެ. ހިތް ކުރަހާ ހިތުގައި ތީރު ކުރަހާހިތްވިއެވެ. އައްޕަޓޯ ކުޅެން ގެ އަޅާ ހިތްވިއެވެ. މަޖާ ކާން ހިތްވިއެވެ. ބިރުވެރިވާހަކަ އާއި މަޖާ ވާހަކަ ދައްކާ ސަމާސާ ކުރާ ހިތްވިއެވެ. އެހެން ނަމަވެސް އެއެކުވެރިން މިއަދު ވަނީ މީހެއްގެ އަންބަކަށްވެ ދިރިއުޅުމުގައި ބިޒީވެފައެވެ. ނޫނީ ދަރިއަކު ލިބި، އެދަރިއަށްޓަކައި ވަގުތު ހުސްކޮށްފައެވެ. މިނިވަންކަމާއެކު ލަވަކިޔާ މަޖާކުރަން މިހާރު އެމީހުނަށް ވަގުތެއް ނުލިބޭނެއެވެ.

*****************************

ކާޅުތަކެއްގެ އަޑު އިވުމާއެކު ވިއްސައިގެން ގޮސް، މަތި ބަލާލިއެވެ. ދުވާލުގެ ވަގުތު އެކިތަންތާގައި އުޅުމަށްފަހު ނިދުމަށްޓަކައި މަންޒިލަށް ދަތުރުކުރަނީއެވެ. ވަށައިގެން ހޯދާލެވުނެވެ. އިރުއޮއްސެނީއެވެ. އަނދިރިކަން ވެރިވާން ފަށައިފިއެވެ. އުނދުމަތިން ހީވަނީ ރަތްވިލާގެ ސާލެއް ހެއްނެވެ. އަވަސް އަވަހަށް ތެދުވެ ހެދުން ރަނގަޅުކޮށްލަމުން ތަތްލާފައިވާ ވެލިތައް ވެސް ފޮޅާލައިފިއެވެ. ފައިވާނަށް އަރައި ހަމަޖެހިލަމުން އަވަސް އަވަހަށް އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

"އަސްތާ! 6:15 ވަނީ" އެވެ. ދުވެފައި ކަހަލަ ގޮތަކަށް ސުހާ އެއްގަމަށް އެރިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގެއާ ދިމާލަށް ސުހާ މިސްރާބު ޖަހައިފިއެވެ. އޭރުވެސް ބޮޑުމަގުމަތީގައި ޅަފުރައިގެ ހައެކަ ކުދިން ފުޓުބޯޅަ ކުޅެން ތިއްބެވެ. ފެންނަ ފެނުމަށް އެއީ 12، 13 އަހަރުގެ ކުދިންނެވެ.

"ސުހާއްތާ، ގަޑިން ކިހާވަރެއް؟" އެތަނުގައި އެންމެ ހަގަށް ހުރި ކުއްޖާ ގޮވާލިއެވެ. މަގުގެ ހޭޅިފަށުން ހިނގަމުން ދިޔަ ސުހާއަށް ގެނުވި ސިހުމާއެކު ހުއްޓުން އެރިއެވެ. "6:30 ވަނީ" އަނެއްކާވެސް ސުހާގެ ހިނގުން ބާރުކޮށްލިއެވެ. ސުހާއަށް ގެއަށް ވެދެވުނުއިރު މަގްރިބް ނަމާދަށް ބަންގި ގޮވާ އިރުކޮޅެއް ވެއްޖެއެވެ. މާގިނަ މީހުން އުޅޭ ގެއަކަށް ނުވާތީ ގެތެރޭގައި ެވަގުތު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަންމާވީ ނަމާދަށް އަރާފައެވެ. ދެން ތިބި ދެ ކޮއްކޮ ގޮވައިގެން ބައްޕަވީ މިސްކިތުގައެވެ. ސުހާ ވެސް އަވަސް އަވަހަށް ނަމާދަށް އެރުމަށްޓަކައި ކޮޓަރިއަށް ވަދުނެވެ.

އެކަނިވެރިއަކަމީ ސުހާގެ އެންމެ ގާތް އެކުވެރިޔާ އޭ ވެސް ހީވެއެވެ. ކޮންމެ ރެއަކުވެސް ނިދަންއޮވެ އެކަމާ އޭނާ ވިސްނައެވެ. އޭނާގެ ދެކޮއްކޮ ވެސް ދުވާލު ވަގުތުގައި އުޅެނީ ސްކޫލުގައެވެ. އެންމެ އެކުގައި އުޅުނު ފަޒޫވެސް ކިޔަވަން މާލެ ދިޔައީއެވެ. ފޫހިވާ ގިނަ ވަގުތުތަކުގައި އެކިވާން ޖެހެނީ އެހެންވެއެވެ. ހިތުގެ އުދާސްތައް ބޭރު ނުކުރެވި ކަންތައްތަކާ ވިސްނޭލެއް ގިނަވެ ބޯގޮވަނީ އެހެންވެއެވެ.

ކަންތައްތަކާއި މަޝްވަރާދޭނެ ހިޔާލު ބަދަލުކޮށްލާނެ އިތުބާރު ހިފޭ ގާތް މީހަކު ނެތީމައެވެ. ބައެއް ރޭރޭގައި ބައްޕަ ނުވަތަ މަންމަގެ ތިމާގެ މީހުންގެ ގޭގެއަށް ވެސް ދެއެވެ. ނަމަވެސް ކުއްޖަކާ ރައްޓެހިނުވެގެން، މީހަކާ ނީންދެގެން ކުރާ ޝަކުވާތައް އިތުރުވުމުން އެކަން ވެސް މަދުކޮށްލައިފިއެވެ. އެވާހަކަތަކުން އުނދަގޫވާތީ އެކަންވެސް މަދުކުރީއެވެ.

******************************

ތުނިކޮށް ވާރޭވެހެމުން ދިޔަ ދުވަހެކެވެ. ހެނދުނު ވެހެން ވެށިވާރޭ ހަވީރުވި އިރުވެސް ހުއްޓާނުލައެވެ. ގޭތެރޭ މަސައްކަތްތައް ނިއްމާލުމަށްފަހު ފެންވަރައި ރީތިވެގެން ބޮޑުދައިތަ ގެއަށް ދިއުމަށް ސުހާ ގެއިން ނުކުތެވެ. މާބޯކޮށް ނުވެހޭތީ ކުޑައަޅައިގެން ދާކަށް ބޭނުމެއް ނުވިއެވެ. ބާރު ބާރަށް ހިނގާފައި ދިޔައީއެވެ. ގެއަށް ވަދުމާއެކު ލިބުނީ ހައިރާން ކަމެކެވެ. ހަވީރުގަޑީގައި ކުޅިވަރު ކުޅޭ އަޑާއި ސަކަރާތް ޖަހާއަޑުން ގުގުމާފައި އޮންނަ ގެ ހިމޭންވީމައެވެ. އަޑެއް ބަޑެއް ނީވޭތީއެވެ.

ބޮޑުދައިތައަކީ ވަރަށް ގާތްގާތުން ވިހާފައި ހުރި މީހަކަށް ވުމުން މިހާރު ވެސް ސްކޫލަށްދާން އެއްވަރުގެ 4 ކުދިން ތިބެއެވެ. އުމުރުން ތަފާތު ވިއަސް ސަކަރާތްޖަހާ މަޖާކުރުމަށް ވަކި ކުއްޖަކަށް ވަކި ވަރެއް ނޫނެވެ. އެކުދިންގެ ދޮއްޓަށް ވެސް އަދި 4 ކުދިން ތިބެއެވެ. ފަޒޫ ފިޔަވާ ދެން ތިބި ކުދިން ރަށުން ކިޔަވާ ނިމުމުން ގޭތެރޭގެ މަސައްކަތްތަކުގައި މަސްއޫލުވެގެން އުޅެން ފެށިއެވެ.

މީހަކު ފެންނަން ނެތުމުން އެންމެ ކައިރީގައި ހުރި ކޮޓަރީގެ ދޮރު ސުހާ ހުޅުވާލިއެވެ. " އަޅެ މިއީ ފަޅު ގެއެއްތަ؟ މިއަދު ގްރޫޕު ގަނޑު އެއް ނުވަނީތަ" ނަސްމާއްތަ ފަހަން އިންތަން ފެނުމުން ކަޓަރިއަށްވަދެ އެނދުގައި ސުހާ އިށީނެވެ. " އާން، މިއަދު ކޮންމެވެސް ކުއްޖެއްގެ އުފަން ދުވަސް ވީމަ، މަންމާއާއެކު ޕާޓީއަށް ގޮސް ވީ" ހިނުތުންވުމަކާއެކު ނަސްމާއްތަ ބުންޏެވެ. ތަފާތު އެކި ވާހަކަތައް ދައްކަމުން ނަސްމާއްތައަށް ކަމެއް ހަނދާންވި ކަހަލަ ގޮތަކަށް ފެހުން ހުއްޓާލިއެވެ. އަދި ބުންޏެވެ. " އޭ ހަނދާން ނެތިފަ މިހުރީ، އެބައޮތް ވާހަކައެއް ބުނަން ވެފަ" ނަސްމާއްތަ ގޮނޑީގައި ހަމަޖެހިލިއެވެ. "ކުއްޖަކު ބުނީ ރައްޓެހިވާން ކެރިދާނެހޯ، ބޭނުންވިއްޔާ އޭނާގެ ނަންބަރަށް ގުޅާލާޝޯ، އޭނާ ވަރަށް ބޭނުމޭ ބުނީ" ނަސްމާއްތަ ބުންޏެވެ.

"ކާކުތަ؟" ކުއްލިއަކަށް އެކަހަލަ ވާހަކައެއް ބުނުމުން ކާކުތޯ ބަލަން ސުހާ ޝައުގުވެރިވިއެވެ. " ޝިހާމް ކުރިން ދުވަހަކު ދިމާވެގެން މަގޭ ގާތު ވަރަށް ވާހަކަ ދެއްކި، ސުހާގެ ގާތު ބުނެދީބަލާށޭ ބުނީ، ސުހާއާ ވަރަށް ވާހަކަ ދައްކާލަން ވެސް ބޭނުމޭ ބުނި، މަގޭ ދިނިން އޭނާއަށް ސުހާގެ ނަންބަރު، އޭނާ މިރޭ ސުހާއަށް ގުޅާނޭ ވެސް ބުނި" ނަސްމާއްތަ އެއްފައްޗަކަށް އަމުނާލިއެވެ. ހިތައް ހީވީ ހޫނު ފޭން އެއްޗެއް އަޅާލި ހެންނެވެ. ވީގޮތް ބުނެދޭން ވެސް ނޭންގޭހާ ވަރަށް ސުހާ ހާސްވެއްޖެއެވެ. އެކަހަލަ ކަމަކަށް ތައްޔާރު ނުވެ ހުއްޓާ ކުރިމަތިލާން ޖެހުނީމައެވެ.

ކުއްލިއަކަށް ގުޅާނެ ވަހަކަ ބުނުމުން ވާހަކަ ދައްކާނެ ގޮތެއް ނޭންގޭތީއެވެ. ޝިހާމްއާ ވާހަކަ ނުދައްކާތާ ވަރަށް ގިނަ ދުވަސް ވެފައިވާތީއެވެ. ސުހާ އޭނާ އާ ވަހަކަ ނުދައްކަނީ ފޫހިވާތީއެވެ. ވާހަކަ ދައްކާ ހިތް ނުވާތީއެވެ. އަދި ޝިހާމްދެކެ އޭނާ ނަފްރަތު ކުރާތީއެވެ. ރުޅިއަންނާތީއެވެ. އެއީ ކުރިން ޝިހާމްއަށް އުޅެވިފައި ހުރި ގޮތަކުން ކަމަށް ވެސް ވެދާނެއެވެ.

(ނުނިމޭ)