އެގްރޯނެޓާއެކު ކޮންޓްރެކްޓްތައް ގާއިމް ކޮށްފައިވާ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު، ގދ. ފިޔޯރީގެ ދަނޑުވެރިން ހެއްދި ތަކެތި ބާޒާރަށް ނެރުމަށް ތައްޔާރު ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވި ގޮތުގައި، 3 ޓަނުގެ ކަރާ އާއި، 450 ކިލޯގެ ހަނީމެލަން އަދި 200 ކިލޯގެ ބަޓާނާ ވަނީ ކަނޑައި ބާޒާރަށް ނެރުމަށް މާލެ ގެނެސްފައެވެ

ގދ .ފިޔޯރީ ފަދަ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ބައެއް ރަށްތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ވަނީ ކަރާ، ބަޓާނާ، ހަނީ މެލަން ބާޒާރަށް ނެރުމަށް ތައްޔާރު ކޮށްފައިވާ އިރު، މި ބާވަތްތަކަކީ ދިވެހި ދަނޑުވެރިންގެ ހީވާގި މަސައްކަތުން ރާއްޖޭގައި ހައްދާފައިވާ ބާވަތްތަކެވެ.

ގދ.ފިޔޯރީގެ ދަނޑުވެރިން ހައްދާފައިވާ ހަނީ މެލަން

ގދ. ފިޔޯރީން މި މަހުގެ 15 ގައި ވަނީ 2357 ކިލޯ ކަރާ، 670 ކިލޯ މެލަން އަދި 190 ކިލޯ ބަޓާނާ އެކުލެވޭހެން ޖުމްލަ 3217 ކިލޯ ދަނޑުތަކުން ކަނޑައި މާލެ ގެނެސްފައެވެ. މި އަހަރު ރޯދައަށް ފިޔޯރީން ގާތްގަނޑަކަށް 4 ޓަނުގެ މޭވާ އާއި ތަރުކާރީ ބާޒާރަށް ނެރޭ އިރު، އެ ރަށުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ގާތްގަނޑަކަށް 26 ޓަނުގެ ބަޓާނާ، ކަރާ އަދި ހަނީމެލަން ބާޒާރަށް ނެރެފައެވެ.

މިކަމާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް ފައިޒާރް ރަޝީދު ވިދާޅުވީ، ކަރައާއި ބަޓާނާ އަދި ހަނީ މެލަންގެ އިތުރުން ވެސް އެ ރަށުގެ ދަނޑުވެރިން ބަށި ހައްދަމުން އަންނަ ކަމަށެވެ. މިހާތަނަށް 4 ޓަނެއްހާ ތަކެތި އެގްރޯނެޓް މެދުވެރިކޮށް ބާޒާރަށް ނެރެން ތައްޔާރުކޮށް މާލެއަށް އެ ތަކެތި ފޮނުވާލާފައިވާ އިރު، މިއަހަރަކީ ދަނޑުވެރިކަން ވަރަށް ދަށްކޮށް ދިޔަ އަހަރެއްގެ ގޮތުގައި ފައިޒާރް ސިފާ ކުރައްވައެވެ.

މިފަހަރު ދަނޑުވެރިކަން ކުރަމުން އައި ދުވަސްވަރު ބައްޔެއް ގަސްތަކަށް ޖެހުނު ކަމަށާއި، އަދި ކަރާ އަޅަމުން އައި ދުވަސްވަރު ކަމުން ދަނޑުވެރިންނަށް އުނދަގޫތަކެއް ދިމާވި ކަމަށް ފައިޒާރް ވިދާޅުވިއެވެ. މިދިޔަ އަހަރަކީ ވަރަށް ރަނގަޅު ނަތީޖާއެއް ނެވުނު އަހަރެއް ކަމަށާއި މިއަހަރު ވެސް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފައިޒާރް ވިދާޅުވިއެވެ.

ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފިޔޯރީގައި 65 ދަނޑުވެރިން އުޅޭ އިރު އޭގެތެރެއިން 45 ދަނޑުވެރިންނަކީ އެގްރޯނެޓްގައި ރަޖިސްޓާ ވެގެން މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިންނެވެ. އެ ރަށުގެ 1500 އެއްހާ އާބާދީއެއް އޮތް އިރު ރަށުގައި ދިރިއުޅެނީ 700 އެއްހާ މީހުންނެވެ. ބޮޑު މިނުގައި 95 ހެކްޓަރު އޮތް އިރު އެ ރަށަކީ ދަނޑުވެރިކަން ކުރުމަށް ބިމުގެ ތަނަވަސްކަން އޮތް ރަށެކެވެ.