ގަސްތަކަށް ބޭނުންވާ ބޭސް ޗައިނާ އެގްރިކަލްޗާ ސެންޓަރަކުން ގެނެސްފައިވާ ކަމަށާއި އެ ބޭސްތައް ވަރަށް އަވަހަށް ރަށްރަށަށް ފޯރުކޮށް ދެވޭނެ ކަމަށް އެގްރިކަލްޗާ އެންޑް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ރޭގެ "އަހާ ފޯރަމް" ގައި މާރިޔާ އަށް ވަނީ ގަސްތަކުގައި އަޅާ ކޫޑިތަކުގެ ސަބަބުން ގަސްތަކަށް ގެއްލުން ލިބި ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ހައްލުކުރުމަށްޓަކައި މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތާއި ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ޗައިނާ އެގްރިކަލްޗާ ސެންޓަރަކުން ގަސްތަކަށް ބޭސް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި މި ބޭސް ވަރަށް އަވަހަށް ރާއްޖޭގެ ރަށްރަތަކައް ފޯރުކޮށްދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެއާއެކު މާރިޔާ ވަނީ ކޫޑިތަކުގެ މައްސަލަފަދަ މައްސަލަތައް ހައްލުކުރުމަށް ރާއްޖޭގައި މިހާރު ދިރާސާތައް ހަދަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ދިރާސާތައް ކުރަމުންދާކަމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މާރިޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ތަފާތު މައުލޫމާތު ހިއްސާ ކުރުމަށް ލީފްލެޓްސް ދެމުން ދާކަމަށާއި، ތަފާތު މައުލޫމާތުގެ ސެޝަންތައްވެސް ބާއްވާފައިވާކަމަށެވެ.
މީގެއިތުރުން ދަނޑުވެރިންނަށް ހާއްސަކޮށް ތަފާތު ލޯނުތައްވެސް ފޯރުކޮށްދެމުން ދާކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.