މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް "އޮޅުހިޔާ" މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އާ ހަވާލުކޮށްފިއެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކެރެޓަރީ ޖެނެރަލް އިބްރާޙިމް ރަޝީދެވެ. އަދި އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސަފްވާން އިބްރާހީމްއެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެމުން ސަފްވާން ވިދާޅުވީ ރައީސްގެ ވައުދުފުޅާއެކު އެ މިނިސްޓްރީން ބޭނުންވަނީ ވީހާވެސް އަވަހަކަށް މި ފެސިލިޓީގެ ހިދުމަތް ފެށުންކަމަށެވެ. އެގޮތުން މި ފެސިލިޓީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް އޮޅުހިޔާގެ ރަސްމީ ހުރިހާ ލިޔެކިޔުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފާގެ މަސައްކަތް ނިންމުމަށްފަހު މާލެ ސިޓީ ކައުންސިލުން، މިހާރު އެ ތަން މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ ކަމަށް ސަފްވާން ވިދާޅުވިއެވެ.
"އޮޅުހިޔާ"ގެ ހިންގުން އެގްރިކަލްޗާ މިނިސްޓްރީ އާއި ހަވާލުކުރުމަށް މިދިޔަ ޑިސެމްބަރު މަހު މާލެ ސިޓީ ކައުންސިލަށް އަންގާފައިވާއިރު، އޭރު މިނިސްޓްރީން ވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ބުނެފައެވެ. މިނިސްޓްރީއާއި މާލެ ސިޓި ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފެސިލިޓީއަށް މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ގެންދިއުމަށް ބަޔާންކޮށްފައިވީ ނަމަވެސް އެކަމަށް އަމަލުކުރަމުން ނުދާކަމަށް އޭރު މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ
މި ސަރުކާރުން 5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓާ ކަރަންޓީނު ކުރާން ހެދި ތަނެކެވެ. މި ތަނުގައި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ހާއްސަ ބޭސްވިއްކުމަށް ފާމަސީއަކީ އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ވަނީ ހަދާފައިވެއެވެ.