ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމްކުރާ ގައުމީ ލެބޯޓަރީގެ އަމަލީ މަސައްކަތް އަންނަ އަހަރުތެރޭ ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މިނިސްޓަރުގެ ނައިބު އިސްމާއީލް މުހައްމަދު ވިދާޅުވީ، ފުވައްމުލަކުގައި ގާއިމްކުރާ ގައުމީ ލެބޯޓަރީގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް އެ މިނިސްޓްރީން މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރިއަށްދާގޮތަށްބަލާއިރު، އަންނައަހަރުތެރޭ އެ މަސައްކަތް ނިންމާލެވޭނެކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.

މި ލެބޯޓަރީގެ އިމާރާތުގެ މަސައްކަތް ކުރިއަށްދާކަން ހާމަަކުރައްވަމުން އިސްމާއީލް މުހައްމަދު ވިދާޅުވީ މިހާރު އެތަނަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ވެސް ހޯދާ ފުވައްމުލައް ސިޓީއަށް ފޮނުވާފައިވާކަމަށެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަނީ މިއަންނަ އަހަރުގެ ކޮންމެވެސް ދުވަހެއްގަ ތެރޭގަ ލެބޯޓަރީގެ މަސައްކަތް އެއްކޮށް ނިންމާ، ހިދުމަތް ފެށުމަށް." އިސްމާއީލް މުހައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން އިސްމާއީލް މުހައްމަދު ވިދާޅުވީ ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމްކުރާ ގައުމީ ލެބޯޓަރީގެ މަސައްކަތާއެކު އިންސާނީ ވަސީލަތްތައްވެސް އިތުރުކޮށް ތަމްރީންކުރަންޖެހޭކަމަށެވެ. އެހެންކަމުން މިހާރުވެސް މިކަމާއި ގުޅުންހުރި ދާއިރާތަކުން ކޯސްތައް ހުޅުވާލުމާ، ސްކޯލާޝިޕްސްތައް ދިނުމާ، ކުދިންނަށް މިކަމާއި ގުޅޭ ތައުލީމު ދީ އަދި ބޭރުގެ ފަންނީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނަމަ އިތުރަށް ކޯޕަރޭޓް ކުރުމާއި، މިކަހަލަ ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެފަރާތްތަކުން އުފައްތާ ތަކެއްޗަށް މާކެޓުކުރުމާއެކު ރައްކާތެރިކަމާއެކު ހަލާކުނުވެ އެތަކެތި ބަހެއްޓުމަށް އެކަށީގެންވާ ޖާގައެއް ނެތުމެވެ. ގައުމީ ލެބޯޓަރީގެ މަޝްރޫއުގެ ދަށުން، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު ވަޒަންކުރުމާ، ބޭނުންކުރެވޭ ކެމިކަލްތަކުގެ މިންގަނޑުތައް ދެނެގަތުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދެވޭނެއެވެ. އަދި މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގައި އުފައްދާ ތަރުކާރީ އާއި މޭވާގެ ރައްކާތެރިކަން އިތުރުވެ، ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.