ކޮންމެ މީހަކީ ވެސް ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް އެތަކެއް މަސައްކަތެއް ކުރާނެ މީހެކެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި އެކަށީގެންވާ ވަރަށް ބަރުދަން ލުއިކުރުމަކީ ގިނަ މީހުން އިސްކަންދޭ އެއް ކަންތަކެވެ. އެހެން އަހަރުތައް ފަދައިން މި އަހަރުގެ ރޯދަ މަހު ވެސް ހަށިގަނޑުގެ ބަރުދަން އިތުރު ވާނެތީ އެކަމާ ވިސްނާ، ފިޔަވަޅު އަޅަން ތައްޔާރަށް އެތައް ބަޔަކު ތިބޭނެކަން ޔަގީނެވެ.

ރޯދަމަހު ފަޖުރުލީއްސުރެ އިރުއޮއްސުމާ ޖެހެންދެން ކެއިންބުއިމުން ދުރުވެ ތިބެން ޖެހޭއިރު މިއީ ބަރުދަން ލުއިކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. ރޯދަމަހު ބަރުދަން ލުއި ކުރަން ބޭނުން ނަމަ ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހެއެވެ.

ކަސްރަތު ކުރުން:

ރޯދަމަހު ކަސްރަތު ކުރުން އެންމެ ރަނގަޅީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ދުވާލު ގަޑީގައި ކުރަން ޖެހޭނީ އެހާ ބުރަ ނޫން މަސައްކަތްތަކެވެ. އެއީ އެހެންނޫނީ ކަރުހިއްކާ މިންވަރު އިތުރުވާނެތީއެވެ. ބަރުދަން ލުއިކުރުމަށްޓަކައި ކުރާ ކަސްރަތުތައް ރޭގަނޑުގެ ވަގުތުތަކުގައި ކުރާށެވެ. އެއީ ކަސްރަތު ކުރުމުގެ ސަބަބުން ދާހިއްލާނެއެވެ. ހަށިގަނޑުން ގެއްލިގެންދާ ފެނުގެ ބަދަލުގައި ހަށިގަނޑަށް އިތުރަށް ފެން ބޭނުންވާނެއެވެ. އެގޮތަށް ފެން ބޮވޭނީ ހަމައެކަނި ރޭގަނޑުއެވެ.

މީހަކު ކަސްރަތު ކުރަން ތައްޔާރުވަނީ

ހާރު ކާން ސަމާލުވުން:

ހާރު ނުކައި ރޯދަޔަށް ހުންނަ ފަސޭހައޭ ބައެއް މީހުން ބުނެއެވެ. އެކަމަކު ހާރު ނުކައި ރޯދަޔަށް ހުރެފި ނަމަ ރޯދަ ވީއްލާ ވަގުތު މާގިނައިން ކެވޭ ގޮތް މެދުވެރިވެއެވެ. ކާބޯހައިޑްރޭޓްސް ހުންނަ ކާނާ ބޭނުކުރާށެވެ. އެއީ ދުވާލު ބަނޑުހައިވުން ކުޑަކުރުމަށާއި ލޭގައި ގުލްކޯޒްގެ މިންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް އެހީއެއްގެ ގޮތުންނެވެ.

މީހަކު ކާން ތައްޔާރުވެފައި

ރޯދަ ވިއްލާ ގަޑީގައި ހެޔޮވަރު ވަރަކަށް ކެއުން:

ރޯދަ ވީއްލަން އެންމެ ރަނގަޅީ ދެ ކަދުރާއި ފެންތައްޓަކުންނެވެ. ރޯދަ ހިފާ ގަޑީގައި ވެސް އަދި ރޯދަވީއްލާ ގަޑީގައި ވެސް ރަނގަޅަށް ކާން ފެށުމުގެ ކުރިން 5 މިނެޓް މަޑުކުރަންވާނެއެވެ. އެ އަށް ފަހު ހެޔޮވަރު ވަރަކަށް ތަރުކާރީގެ ބާވަތްތަކާއި ކާބޯހައިޑްރޭޓްސް އަދި ޕްރޮޓީންސްގެ ބާވަތްތައް ބޭނުން ކުރެވިދާނެއެވެ.

މީހަކު ކާން ތައްޔާރުވެފައި

ރޯދަ ވީއްލުމަށް ފަހު ގިނައިން ދިޔާ ތަކެތި ބޭނުންކުރުން:

ރޯދަ ވީއްލުމަށް ފަހު ހާރުކެއުމާ ދޭތެރޭގައި ގިނައިން ދިޔާ ތަކެތި ބޭނުން ކުރަންވާނެއެވެ. ފެނާއި، ހަކުރު ނާޅައި ތާޒާ މޭވާގެ ޖޫހާއި، ކިރުގެ ބާވަތްތައް އަދި އިންފިއުޒްކޮށްފައި ހުންނަ ފެނުން ފައިދާތައް ލިބެއެވެ. ބަރުދަން ލުއިކުރަން ވިސްނާ ނަމަ، ރޯދަ މަހު ގިނައިން ދިޔާ ތަކެތި ބޮވޭނެ ގޮތްތައް މިހާރުން ފެށިގެން ރާވާށެވެ.

ޖޫސް ތަށިތަކެއް

ހަކުރު އަޅާފައި ހުންނަ ފަނީގެ ބާވަތްތަކުގެ ބަދަލުގައި ކިޔުކަންބާ، ލެޓިޔުސް، ކަރާ، ޕީޗް، އާފަލު އަދި ޓޮމާޓޯ ފަދަ ފައިދާ ހުރި އެއްޗަކުން އިންފިއުޒްކޮށްފައި ހުރި ފެން ހިޔާރު ކުރާށެވެ.

ރޯދަ މަހު ބަރުދަން ލުއިކޮށްލަން ބޭނުންވާ ނަމަ މި ކަންތައްތަކަށް ސަމާލުކަމެއް ދޭށެވެ.