ބަންގްލަދޭޝްގައި 40 މީހުން އަރުވައިގެން ހައިވޭއަކުން ދިޔަ ބަހެއް ކަހާލައި ގޮސް ހައިވޭ ފެންސް ފަޅާލައި އަޑިގަނޑަކަށް ވެއްޓި ހިނގި ހާދިސާގައި 19 މީހަކު މަރުވެއްޖެއެވެ. މިހާދިސާގައި ބަހުގައި ތިބި މީހުންގެ ތެރެއިން 25 މީހަކަށް އަނިޔާވި ކަމަށް ހަބަރުތައް ބުނެއެވެ.
ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، އެކްސިޑެންޓް ވި ބަހަކީވެސް އާ އަދި ބަސް ދުއްވި ހައިވޭ އަކީވެސް ދާދިފަހުން ހެދި އާ އެކްސްޕްރެސް ވޭއެވެ.
ބަސްް ކަހާލައިގެން ވެއްޓުނު އަޑިގަނޑަކީ ހައިވޭ އިން ފެށިގެން 30 ފޫޓު ފުންމިން ހުރި އަޑިގަނޑެއް ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މިހާދިސާ ހިނގި ގޮތް ބައްލަވަމުން ގެންދަވާ އެގައުމުގެ ޕޮލިސް ޗީފް މަސޫދު އާލަމް ވިދާޅުވީ، 12 މީހެއް ސީރިއަސް ކަމަށާއި މަރުވާ މީހުންގެ އަދަދު މަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ބަންގާޅުގައި މަގުމަތީގެ އެކްސިޑެންޓް ތަކަކީ އާންމު އެއްޗެކެވެ. ދުވަސް ވެ ބާ ވެފައި ހުންނަ ވެހިކަލްތަކާއި ތަޖުރިބާއެއް ނެތް ޑްރައިވަރުން ގިނަ ވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ އެކްސިޑެންޓް ހިނގައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި އީދުގެ ދެހަފްތާގެ ތެރޭގައި އެކަނިވެސް 300 އަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައި ވެއެވެ. އަދި ހުސްވި އަހަރު ދެބައިވި އިރު 400 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި ހަމަ އެހާވަރުގެ އަދަދެއްގެ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިގެން ރިޕޯޓު ކޮށްފައި ވެއެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ބުނާ ގޮތުގައި، މަގުމަތީގެ އެކްސިޑެންތްތައް މަދުކުރުމަށް ހާއްސަ ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މިހާރު އެކްސިޑެންޓް ހިނގާ މިންވަރު 2030 އާ ހަމައަށް 50 ޕަސެންޓަށް ދަށް ކުރާނެ ކަމަށް ބުނެފައި ވެއެވެ.