ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކަވަރުކުރަން ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ ތަމްރީނެއް ފުރިހަމަކުރުމުން ކަމަށް، އެ ކޮމިޝަނުން ބުނެފިއެވެ.

އިންތިހާބާ ބެހޭ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޮމިޝަންގެ ފަރާތުން ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީ، އާންމު އިންތިހާބުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި އިސްލާހު ދިފާއުކުރައްވާ ވާހަކަ ދައްކަވައިފައެވެ.

މުއިއްޒު ހުށަހެޅުއްވި އިސްލާހާ ގުޅިގެން، ނޫސްވެރިންގެ ދައުރު ހަނިވާނެ ކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކޮށްފައިވީ ނަމަވެސް، ހަބީބް ވިދާޅުވީ، އެ އިސްލާހުގެ ސަބަބުން ނޫސްވެރިންގެ ދައުރު ކުރިއަށް ވުރެ އިތުރަށް ފުޅާވެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، އަބަދު ވެސް އީސީން ފުރުސަތު ދެނީ ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް އެކަނި ކަމަށެވެ.

ހަބީބް އިތުރަށް ވިދާޅުވީ:

  • އިންތިހާބުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ގައި ނޫސްވެރިންނަށް ހުޅުވާލާނެ ކަމަށް
  • ބޭރުގެ ނޫސްވެރިންނަށް ވެސް މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް

ނަމަވެސް، އެ ނޫސްވެރިންނަށް އިންތިހާބުގައި ހަރަކާތްތެރިވެވޭނީ އީސީން އެކްރެޑިޓްކުރުމުން ކަމަށް ހަބީބް ވިދާޅުވިއެވެ. މީގެ ކުރިން ވެސް ބައެއް ކަންކަން ހިނގާފައިވާ ކަމަށް ވިދާޅުވެ، އެފަދަ ކަންކަން ހިނގާފައި ވަނީ ނޫސްވެރިންނަށް އެ މީހުންގެ ދައުރު ރަނގަޅަށް ކިޔައިނުދެވުމުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ

"ބައެއް ފަހަރަށް ބައެއް ނޫސްތަކުން، ސިޔާސީ ގޮތުން ހަރަކާތްތެރިވާ ބޭފުޅުން ރިޕޯޓަރުން ގޮތުގައި ފޮނުއްވީމާ އަޅުގަނޑުމެންނަށް އެބަހުރި ބައެއް ކަހަލަ ހިތި ތަޖުރިބާ ކުރެވިފައި. އޭގެ ތެރޭގައި ވޯޓު ލާ މަރުކަޒުގެ ވެރިޔާގެ ގޮތުގައި ހުންނެވި ބޭފުޅާ އާ މާރާމާރީ ހިންގުމާއި ވޯޓު ލާ މަރުކަޒު ތެރޭގައި ކެމްޕޭން ކުރުމާ އެކަހަލަ ކަންކަން އެބަހުރި ހިނގާފައި. ހާއްސަކޮށް ބައި އިލެކްޝަން ތަކުގެ ތެރޭގައި،"
އީސީގެ ނައިބު ރައީސް ހަބީބް

އެހެންވެ، ދެ ގަޑިއިރެއްހާ އިރުގެ ޕްރޮގްރާމެއް ނޫސްވެރިންނަށް އަމާޒުކޮށް ހިންގަން އީސީން ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. ބޭރުގެ ނޫސްވެރިން ވެސް މި ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، އީސީން ބޭނުން ވަނީ އިންތިހާބުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށާއި، ނޫސްވެރިންގެ ދައުރު ހަނިކުރުމުގެ ވިސްނުމެއް އެ ކޮމިޝަންގެ ނެތް ކަމަށެވެ.