"ބްރިޓިޝް ލޯޔަލްޓީ” ތެޔޮ ޓޭންކަރަކީ އައްޑޫ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ޑައިވިން ޕޮއިންޓެކެވެ. ހަނގުރާމައިގެ ތާރީހީ ހާދިސާތަކާ ގުޅިފައިވާ މި ތެޔޮ ޓޭންކަރަކީ ބްރިޓިޝް ޓޭންކާ ކޮމްޕެނީ އިން 1927 ވަނަ އަހަރު، ދެވަނަ ބޮޑު ހަނގުރާމަ ފެށުނުތަނާހެން ބަނދެ އިނގިރޭސި މަނަވަރުތަކަށް ބޭނުންވާ ތެޔޮ ރައްކާކޮށް އުފުލުމަށް ބޭނުން ކުރި އުޅަނދެކެވެ.
1940 ވަނަ އަހަރު ސްކޮޓްލެންޑް ކައިރިން ނޯތު ސީގައި ދަތުރު ކުރަމުން ދަނިކޮށް ޖަރުމަނުގެ އެއާކްރާފްޓުން މެޝިން ބަޑި ބޭނުން ކޮށްގެން ދިން ހަމަލާ، ބްރިޓިޝް ލޯޔަލްޓީ އަށް އެރުމުގެ ސަބަބުން ބޯޓުގެ އެތަން މިތަން ފޫއެޅިއެވެ. އެ ދުވަހު ބްރިޓިޝް ލޯޔަލްޓީ ސަލާމަތްވީ ރޯޔަލް އެއާފޯސް (އާރުއޭއެފް) ގެ މަތިންދާބޯޓެއް ގޮސް، ޖަރުމަނު ބޯޓު ފައްސާލުމުންނެވެ.
1942 ވަނަ އަހަރު މޭ މަހުގެ ތެރޭގައި ބްރިޓިޝް ލޯޔަލްޓީ މަޑަގަސްކަރައިގެ ޑިއޭގޯ ސުއަރޭޒް ބަނދަރުގައި އޮއްވާ އެމަހުގެ 30 ވަނަ ދުވަހު ޖަޕާނު ސަބްމެރިންގެ “މިޖެޓް ސަބްމެރިން” އެއް ޑިއޭގޯ ސުއަރޭޒް ބަނދަރަށް ވަނީ ވަދެފައެވެ. އަދި އެ ބަނދަރުގައި އޮތް އިނގިރޭސި މަނަވަރު ‘އެޗްއެމްއެސް ރެމިލީސް’ އަށް އަމާޒުކޮށްލި ޓޮރުޕިޑޯއެއް ގޮސް މަނަވަރުގައި ޖެހި 30 ފޫޓުގެ ބޮޑު ބާގަނޑެއް ހެދުނެވެ.
މި ހަމަލާއާ އެކު ބަނދަރުގައި އޮތް ބްރިޓިޝް ލޯޔަލްޓީ ވަގުތުން ބަނދަރުން ނުކުންނަން ނިންމައި ނަގިލި ނަގައި، ބޯޓު ދުއްވާލިތަނާހެން، ޖަޕާނު ސަބްމެރިން އިން މަނަވަރަށް އަމާޒުކޮށް ފޮނުވާލި ދެވަނަ ޓޮރުޕިޑޯ ވެސް އަމާޒުވީ ބްރިޓިޝް ލޯޔަލްޓީއަށެވެ. ޓޮރުޕިޑޯގެ ހަމަލާއާއެކު ބްރިޓިޝް ލޯޔަލްޓީ، ޑިއޭގޯ ސުއަރޭޒް ބަނދަރަށް އަޑިއަށް ދިޔައެވެ. އިނގިރޭސި ޑައިވަރުން ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާ، ބޯޓު އަލުން ފުންކޮށް، މަރާމާތަށް ފަހު ބޭނުން ކުރަން ފެށިއެވެ.
މި ހާދިސާއަށް ފަހު އިނގިރޭސި ރޯޔަލް އެއާފޯސްގެ ބޭސްއެއް ހަދައިގެން އުޅުނު ރާއްޖޭގެ އައްޑުއަތޮޅަށް ތެޔޮ ރައްކާކުރާ ޓޭންކަރެއްގެ ގޮތުގައި ބޭނުން ކުރުމަށް އެ ބޯޓު ފޮނުވާލަން ނިންމިއެވެ. 1943 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބްރިޓިޝް ލޯޔަލްޓީ އައްޑުއަށް ފޮނުވާލި އައްޑުއަތޮޅަކީ އޭރު އިނގިރޭސި އަސްކަރީ ބޭސްއެއް ހިންގަމުން ދިޔަ ތަނެކެވެ.
އެ ޓޭންކަރު ބްރިޓިޝް ލޯޔަލްޓީ އައްޑޫ ވިލިނގިލި ކައިރީގައި އޮތް ކަމުގެ މައުލޫމާތު ޖަރުމަނުގެ ސަބްމެރިން އަކަށް ލިބުމާއެކު ވިލިނގިލި ކައިރީގައި އަޅާފައި އޮތް ބްރިޓިޝް ލޯޔަލްޓީއަށް ޖަރުމަނުގެ ސަބްމެރިން އަކުން ވަނީ ޓޮރުޕިޑޯ ހަމަލާއެއް ފޮނުވާފައެވެ. ގަމާ ދިމާލުން އޮންނަ ކަނޑުއޮޅި ބެއްދުމަށް ޖަހާފައި އޮތް ސަލާމަތީ ދާގަނޑުގައި ހެދިފައިވާ ބާގަނޑެއްގެ ތެރެއިން ވަރަށް ހުށިޔާރު ކަމާއެކު ފޮނުވާލި އެ ހަމަލާ ބްރިޓިޝް ލޯޔަލްޓީއަށް އަރައި، އެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގައިވާ ތެޔޮ ރައްކާކުރާ ބޮޑު ޓޭންކެއް ހަލާކުވެ އެ އުޅަނދުގެ އިންޖީނު ރޫމެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވިއެވެ. ބޯޓު ދެން އިތުރަށް މަރާމާތުވެސް ނުކުރެވޭ ވަރުވި ނަމަވެސް އެ އުޅަނދުގެ ވެރިއަކަށް އޭރު ހުރި ފަރާތުގެ އެދުމުގެ މަތިން، ބޯޓު އަޑިއަށް ނުދާނެ ގޮތް ހެދިއެވެ.
ބްރިޓިޝް ލޯޔަލްޓީގައި ހުރި، ބޭނުން ކުރެވޭ ޒާތުގެ ތެޔޮ ޕަމްޕުގެ އެހީގައި ގަމުގައި ހުރި ތާންގީ ތަކަކަށް ހުސްކުރި އިރު ބޯޓު ދެލިވެސް ވަނީ ގަމަށް ހުސްކޮށްފައެވެ. އެހެން ނަމަވެސް އޮކްޓޭން ފިއުލް ރައްކާކުރާނެ ވަސީލަތެއް ގަމުގައި ނެތުމުން އެ ތެޔޮތައް ހުސްނުކޮށް ބޯޓުގައި ބެހެއްޓީއެވެ. މި ހާދިސާގައި އައްޑުއަތޮޅު އެތެރެވަރީގެ ކަނޑުތަކަށް ގިނަ އަދަދަކަށް ތެޔޮ އެޅި، އޭރު ކަނޑު ތަޣައްޔަރު ވެސް ވިއެވެ.
މި ހަމަލާގައި ލިބުނު ގެއްލުމުގެ ސަބަބުން، ހަނގުރާމަ ނިމެންދެން އައްޑުއަތޮޅުން ބްރިޓިޝް ލޯޔަލްޓީ ނުނެރުމަށް ނިންމިއެވެ. އަދި އިނގިރޭސި ކަމާބެހޭ ފަރާތުން ބްރިޓިޝް ލޯޔަލްޓީގެ ވެރީންނަށް، އެ ބޯޓު މަރާމާތަށް އެހެން ބަނދަރަކަށް ކަފުޖަގައިގެން ގެންދިއުމަކީ ފައިދާހުރި ކަމެއް ނޫންކަމަށް އެންގިއެވެ. އެހެން ކަމުން، އައްޑުއަތޮޅުގައި ބާއްވައިގެން ކުރެވުނު މަރާމާތެއް ކޮށް، ވިލިނގިލި ކައިރީގައި އެ ބޯޓު ބޭއްވިއެވެ.
1946 ވަނަ އަހަރު ހަނގުރާމައަށް ފަހު، އައްޑުއަތޮޅު ހިތަދުއާ ދިމާލަށް ބްރިޓިޝް ލޯޔަލްޓީ ގެންދިޔައެވެ. އެއަށްފަހު ބްރިޓިޝް ލޯޔަލްޓީގެ ހަގީގީ ބޭނުން ކެނޑި އެ ބޯޓު ބޭނުން ކުރީ އައްޑޫގައި އުޅުނު އިނގިރޭސީން، އަމާޒަށް ބަޑިޖަހަން ދަސްކުރަން ބޭނުން ކުރާ އަމާޒެއްގެ ގޮތުގައެވެ. އިނގިރޭސިން މި ބޯޓު ބޭނުންކުރަމުން ދަނިކޮށް ހިތަދުއާއި މަރަދުއާ ދެމެދުގެ ސަރަހައްދަކަށް އަޑިއަށް ދިޔައެވެ. ނުވަތަ ފައްތާލިއެވެ. މި ބޯޓު ފައްތާލުމުން އައްޑޫގެ އެތެރެވަރީގެ ކަނޑުތަކަށް ގިނަ އަދަދަކަށް ތެޔޮ އެޅި އެސަރަޙައްދުގެ މޫދާއި ކަނޑުގެ ލޮނުގަނޑު އެއްކޮށް ތަޣައްޔަރުވެ އެހިސާބުގައިވާ ދިރޭތަކެތީގެ ނަސްލު އެއްކޮށްހެން ނެތިގެން ދިޔައެވެ.
އެހެންނަމަވެސް އަޑިއަށް ގޮސްފައިވާ 134 މީޓަރުގެ ބްރިޓިޝް ލޯޔަލްޓީ އޮންނަ ސަރަޙައްދު މިހާރު ވެފައި ވަނީ ގުދުރަތީ ރީތިކަމާއި މޫދު ވިނައާއި މުރަކަ ތަކާއި މަސްމަހާމެހި ގިނަ އަދަދަކަށް ހިމެނޭ ކަނޑުއަޑީގެ ރީތި ބަގީޗާއެއް ފަދަ ތަނަކަށެވެ. މިސަބަބާ ހެދި މިތަން ވެފައި ވަނީ އައްޑުއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ވެސް ހާއްސަ މަންޒިލަކަށެވެ.
ކަނޑުގެ 33 މީޓަރު އަޑީގައި އޮތް މި ބޯޓަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޝިޕްރެކެވެ.