ހިއުމަން ޓްރެފިކިން މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި އިންޑިއާ މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ހިއުމަން ޓްރެފިކް ކުރުމުގެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ އުމުރުން 20 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ. އިއްޔެ ހައްޔަރު ކުރި އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯތަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހަާފައެެވެ.

އޭނާ އަކީ ހެންވޭރު ގެސްތްހައުސެއްގައި ދިރިއުޅުނު މީހެކެވެ.

އޭނާގެ ބަންދާ މެދު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ނާއަކީ ސްޕޮންސަރަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ ފަރާތެއް ކަމަށް ބެލެވެއެވެ. އަދި އޭނާއަކީ ގިނަ ބަޔަކު ޝާމިލުވެގެން އިންތިޒާމްވެގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭ ގޮތަށް ހިންގަމުންދާ ކުށެއް ކުރާ މީހެއް ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒްވެފައިވާ ކަމަށް ވެސް ބެލެވޭ ކަމަށެވެ.

ރާއްޖޭއަކީ ގިނަ އަަދަދެއްގެ ބިދޭސީން މަސައްކަތް ކުރުމަށް އަންނަ ގައުމަކަށް ވާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ބޮޑުވެފައިވާ އެއް މައްސަލައެވެ. މީގެ ކުރިންވެސް ރާއްޖެއަށް ހިއުމަން ޓްރެފިކް ކުރުމުގެ މައްސަލައިގައި ނޭޕާލް މީހަކު ވެސް ހައްޔަރު ކޮށްފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގައި، 2017 ވަނަ އަހަރު ރާއްޖޭގެ ޕާފޯމަންސާ ގުޅިގެން ވޮޗްލިސްޓަށް ވަނީ އަރާފައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ މެދުތެރޭގައު ރާއްޖެ ވަނީ އެ ވޮޗްލިސްޓުން އުނިކޮށްފައެވެ.