މިދިޔަ އާދީއްތަ ދުވަހު އިޓަލީގެ ރިސޯޓެއް ކަމަށް ވާ ސްޓެކަޓޯ ޑި ކްޓްރޯ ކައިރިން ގާތަކެެއްގައި ޖެހި އަޑިއަށް ދިޔަ ރެފިއުޖީން ތިބި ބޯޓުގައި ޕާކިސްތާންގެ ބަޔަކު ތިބުމުން އެގައުމުން ތަހުގީގެއް ފަށައިފިއެވެ.

ތުރުކީން ފުރައިގެން އިޓަލީއަށް ވަންނަން ދިޔަ ބޯޓު އެކްސިޑެންޓްވެ އަޑިއަށް ދިޔަ އިރު އޭގައި 200 މީހުން ދަތުރު ކުރިއެވެ. އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު 100 އަށް އަރާފައި ވާއިރު ޕާކިސްތަން ރައްޔިތުންގެ 20 މީހަކު ތިބި ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އެ 20 މީހުންގެ ތެރެއިން 16 މީހަކު ސަލާމަތްވެފައި ވާ އިރު އަދި ނުފެންނަ 4 މީހަކު ވެއްޖެ ކަމަށް ޕަކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއެވެ.

މި މައްސަލައިގައި ޕާކިސްތާނުން ހާއްސަ އޮޕަރޭޝަނެއް ފެށީ، ހުއްވި ހަފްތާގެ ކުރީކޮޅު ހިނގި މިފަދަ އެހެން ހާދިސާއެއްގައި ލީބިޔާ ކައިރިން އަޑިއަށް ދިޔަ ބޯޓެއްގައި ވެސް ޕާކިސްތާންގެ ރައްޔިތުންތަކެއް ތިބިކަން އެނގިވަޑައިގެންފގައި ވުމުންނެވެ.

ޝެހްބާޒު ވިދާޅުވީ، އެކަމުގައި ބަޔަކު އިންސާނީ ވަގުފާރި ހިންގާތޯ ބެލުމަށް ފުޅާ ދާއިރާެއްގެ ތަހުގީގެއް ފަށާފައި ވާ ކަމަށާއި، އެ ބޯޓުތަކުގައި ދަތުރުކުރި ބައެއް މީހުންގެ އާއިލާތަކާ ސުވާލުކުރަން ފަށާފައި ވާ ކަމަށް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ތަހުގީގުގެ އަލީގައި އެ ޖަރީމަ ހިންގާ މީހުން ވަރަށް އަވަހަށް ހައްޔަރު ކުރެވޭނެ ކަމަށެވެ.

އިޓަލީގެ ރިސޯޓުގެ ބޭރަށް އަޑިއަށް ދިޔަ ބޯޓުން ސަލާމަތްވި މީހުންނާއެކު ޕާކިސްތާންގެ 16 މީހުން މިވަގުތު ތިބީ އިޓާލީގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ. ޕާކިސްތާންގެ ފޮރިން މިނިސްޓްރީން ބުނެފައި ވާ ގޮތުން، އެމީހުންނާ ބައްދަލުކޮށް ކަންކަން ދަނީ އޮޅުންފިލުވަމުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކާއި އެނޫންވެސް ލާއިންސާނީ އަނިޔާތަކާ ގުޅިގެންވެސް އެތައް ބަޔަކު އެއްތަނުން އަނެއް ތަނަށް ހިޖުރަކުރަމުން ގެންދެއެވެ. ހަމަ އެއާއެކު އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ ހަރަކާތްތަކުގެ ތެރެއިންވެސް އެތައް ބަޔަކު ދުނިޔޭގެ އެއްތަނުން އަނެއް ތަނަށް ގެންދެއެވެ.