އަނދިރިކަން ވެރިވެފައިވާ ކޮޓަރީގެ ބިންމަތީގައި އުމުރުން އެންމެ 5 މަހުގެ ދަރިފުޅު، ތައުފީގު އުނގަށް ލައިގެން އިނދެ 29 އަހަރުގެ ނާޒިމާ ބޭގަމް އޭނާގެ ބަނަވެފައިވާ ހަޔާތުގެ ވާހަކަތައް ކިޔައިދޭން ފެއްޓީ ނުހަނު އަސަރާ އެކުގައެވެ.

ނާޒިމާ ދިރިއުޅެމުން ދަނީ ކަޝްމީރުގެ އަވަށެއް ކަމުގައިވާ ސްރީނަގަރްގައި ކުޑަ ކުޑަ ކޮޓަރިއެއްގައި ހަގު ދަރިފުޅު ތައުފީގާއި އަދި 7 އަހަރާއި 10 އަހަރުގެ ދޮށީ ދެކުދިންނާ އެކުގައެވެ. ނާޒިމާގެ ފިރިމީހާ ވަނީ މީގެ 4 މަސް ދުވަސް ކުރިން ހިތުގެ ބައްޔެއްގައި މަރުވެފައެވެ. އަޑުގައި ހިތާމައާއި މޮޅިވެރިކަން އެކުލެވިފައި ވިޔަސް ނާޒިމާ ބުނި ގޮތުން އޭނާ ހިތްވަރު ކޮށްގެން ދިރިއުޅެނީ އޭނާގެ ލޯބިވާ ދަރިންނަށްޓަކައެވެ.

ނާޒިމާގެ ކައިވެންޏަކީ ލޯބިން ނުވަތަ ރޭވިގެން ކުރެވުނު (އެރޭންޖް މެރިއެޖް) ކައިވެންޏެއް ވެސް ނޫނެވެ. އެއީ ނާޒިމާގެ އަސްލު އަވަށް ކަމުގައިވާ ވެސްޓް ބެންގާލް އިން ކިޑްނެޕް ކޮށްގެން 1000 މޭލު ދުރަށް ކަޝްމީރަށް ގެނެސްގެން ނާޒިމާގެ ނުރުހުމުގައި ކުރެވުނު ކައިވެންޏެކެވެ. ނާޒިމާ ކިޑްނެޕް ކޮށްގެން ގެންދިޔަ މީހުންނަށް އޭނާގެ ފިރިމީހާ ދިނީ 250 ޑޮލަރު ކަމަށް ނާޒިމާ ބުންޏެވެ. އެއީ އޭނާ ވިއްކި "އަގެވެ". އަދި އެއީ ނާޒިމާއަށް ވުރެ އުމުރުން 20 އަހަރު ދޮށީ މީހެކެވެ.

ނާޒިމާ ފަސްމަހުގެ ދަރިފުޅު އުރާލައިގެން/ފޮޓޯ: އަލްޖަޒީރާ

ފިރިމީހާގެ މަރާ އެކު ނާޒިމާ ވަނީ 3 ދަރިން އެކަނި ބަލަން ޖެހުމުން ހަދާނެގޮތް ހުސްވެ ބިކަވެފައެވެ.

ވެއްޓެން މިއުޅެނީ ކޮންފަދަ އަނދަވަޅަކަށް ކަމެއް ނޭނގޭ!

ދަނޑުވެރިކަމުގެ މަސައްކަތް ކުރާ އާއިލާއަކަށް އުފަން ނާޒިމާ ކުޑައިރުން ފެށިގެން ވެސް އެއްބަނޑު އެއްބަފާ އިތުރު 3 ކުދިންނާ އެކު ދިރިއުޅެމުން އައީ ފަގީރު ދިރިއުޅުމެކެވެ. އެގޮތުން 2012 ވަނަ އަހަރުގެ ތެރޭގައި ނާޒިމާމެންގެ އަވަށުގެ ރަހުމަތްތެރިއެއްގެ ފަރާތުން އަޑު އިވުނީ އެ އަވަށުގެ ވެރިކަން ކުރާ ރަށް ކަލްކަތާގައި އެންޖީއޯ އަކުން ފަގީރު ހާލުގައި ދިރިއުޅޭ އަންހެން ކުދިންނަށް ވަޒީފާގެ ފުރުސަތު ދޭ ހަބަރެވެ. މިވާހަކަ އަޑުއިވުމާ އެކު ނާޒިމާ ބޭނުންވީ 6 ގަޑިއިރުގެ ރޭލު ދަތުރެއް ކުރަން ޖެހުނު ކަމުގައި ވިޔަސް ކަލްކަތާއަށް ދިޔުމަށެވެ.

ދިގު ދަތުރެއް ކުރުމަށް ފަހު ނާޒިމާ، އޭނާގެ މަންޒިލަށް ފޯރީ އަނެއް ދުވަހުގެ މެންދުރު ވަގުތެއްގައެވެ. ބިއްލޫރި ޖަހާފައިވާ ބޮޑު އިމާރާތަށް ވަދެގެން ދިޔަ އިރު އެތަނުގައި މަދު ފިރިހެނުން ތަކަކާއި އަންހެންނުން ވެސް ތިއްބެވެ. އަދި އޭނާގެ އުމުރުގެ އަންހެން ކުދިންވެސް ތިއްބެވެ. އެތަނުން ފިރިހެނަކު ނާޒިމާ އަށް ސައިތައްޓެއް ދިނެވެ. އެއިން ދުވި ކާފޫރުތޮޅީގެ ވަސް އޭގެ އެތައް އަހަރެއް ފަހުން ވެސް އޭނާ އިއްޔެ ބުއި އެއްޗެއް ހެން ހަނދާން ހުރެއެވެ. އަދި ސައިތަށި ބޯލުމުން ދެން ވީނުވީއެއް ނޭނގުނެވެ. މީހާއަށް ވާހަކައެއް ނުދެއްކުނެވެ. އަދި ހިނގައިވެސް ނުގަނެވުނެވެ. އެތަނުން ދެފިރިހެނުން ނާޒިމާ ގޮވައިގެން ގޮސް އެރުވީ ބޭރުގައި މަޑުކޮށްލައިގެން އޮތް ކާރަކަށެވެ.

މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނު ދުވަހުގެ ވާހަކަ ހަނދާން ކުރަމުން ނާޒިމާ ކިޔައިދެމުން ދިޔައެވެ. އެތަނުގައި އެއްވެސް ވަޒީފާގެ ފުރުސަތެއް ނެތެވެ. ވަޒީފާ ދޭނޭ މީހަކުވެސް ނެތެވެ. އޭނާ އެތަނަށް ގެނެދިޔައީ ރޭވުމަކުން ވަރަށް ބޮޑަށް އޮޅުވާލައިގެންނެވެ. ރަހުމެއް ނެތް ނުބައި ބައެއްގެ ޝިކާރައަކަށް ވީއެވެ.

ކާރުގައި އެމީހުން ނާޒިމާ ގެންދިޔައީ ރޭލްވޭ ސްޓޭޝަނަށެވެ. އޭރު އެތަނުގައި އިތުރު ހަތަރު ފިރިހެނުންނާއި ހަތަރު އަންހެނުން މަޑުކޮށްގެން ތިއްބެވެ. ރޭލުގައި ތިބިއިރު އެ ހަތަރު އަންހެނުން އަދި ނާޒިމާއަށްވެސް އެކަކު އަނެކަކަށް ބެލުން ވެސް އޮތީ މަނާކޮށްފައެވެ. އަދި ކެއުމާއި ފާހާނާއަށް ދިއުންވެސް މަނަލެވެ.

"އެ ފިރިހެނުންތައް ވަރަށް ބިރުވެރި. އަހަރެންނަކަށް ނޭނގުނު މިވަނީ ކިހިނެއް ކަމެއް ވެސް"
ނާޒިމާ

20 ގަޑި އިރުގެ ދަތުރަކަށް ފަހު އެމީހުންނަށް ދިއްލީއަށް ދެވުނެވެ. އަދި އެތަނުން އެހެން ރޭލެއްގައި 13 ގަޑި އިރުގެ ދަތުރަކަށް ފަހު ކަޝްމީރުގެ ޖައްމޫއަށް ގެންގޮސް އެތަނުން ކަޝްމީރުގެ 2 ފިރިހެނުންނާ އޭނާ ހަވާލުކުރިއެވެ.

"އަހަރުމެން ތިބީ ވަރަށް ބިރުން. ގެއްލުމެއް ދީފާނެތީ އެއްވެސް ކަމެއް ކުރާކަށް ވެސް ނުކެރުނު" ނާޒިމާ ބުންޏެވެ.

ބަނޑުހައި ވެގެން ހާންތިވެފައި ވާ ހާލު އެހާ ވަރުބަލިވެސް ވެފައި ތިއްބާ އަނެއްކާވެސް އަންހެނުންތައް ކާރަކަށް ލައިގެން ފަރުބަދަތައް ގިނަ ހިސާބަކުން ދަތުރުކޮށްފައި އެމީހުންގެ މަންޒިލަށް ގެންދިޔައެވެ. ކަޝްމީރުގައި އެންމެ އުނދަގުލީ އެމީހުން ވާހަކަދައްކާ ބަސް ވެސް ނޭނގޭތީ ކަމަށް ނާޒިމާ ބުންޏެވެ. ހެނދުނު 6 ޖެހި އިރު ތަނަކަށް ގެންގޮސް ލައިގެން ތިބި އަންނައުނު ބަދަލުކުރަން އެމީހުންނަށް ފުރުސަތު ދިން ކަމަށާއި އަދި އެވަގުތު ކޮޅު އެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކާލަން ފުރުސަތު ލިބުނު ކަމަށް ވެސް ބުންޏެވެ.

އަދި އޭގެ އިރުކޮޅެއްގެ ފަހުން އެމީހުން ކައިވެނިކުރަން ވިއްކަން އުޅޭ ފިރިހެނުން އައިސް ގެންދިޔަ ކަމަށާއި ނާޒިމާ ވަރަށް ގަދަޔަށް ރުއި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެއިން އެކަކު ވެސް އަޅާނުލި ކަމަށް ވަރަށް ދެރަވެފައި ކިޔައިދިނެވެ. ދެން ނާޒިމާގެ ކައިވެނި އޭނާއަށް ވުރެ 20 އަހަރު ދޮށީ ފިރިހެނަކާ ގަދަކަމުން ކުރުވިއެވެ.

ނާޒިމާގެ ފިރިމީހާ އޭނާ ގެންދިޔައީ އޭނާގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ 10 އަހަރުގެ ދަރިފުޅާ އެކު ދިރިއުޅޭ ކުޑަ އެންމެ ކޮޓަރިއަކަށެވެ. އޭނާގެ ކުރީގެ އަންހެނުން އެކްސިޑެންޓެއްގައި މަރުވީ ކަމަށް ބުނެއެވެ.

އެގޭގައި ފުރަތަމަ ހޭދަކުރި ހަފްތާ ވެގެން ދިޔައީ ނާޒިމާގެ ހަޔާތުގެ ވެސް އެންމެ ހިތްދަތި ދުވަސްތަކަށެވެ. އާއިލާ އަދި މައިންބަފައިންގެ މަތިން ހަނދާން ވާ ވަރުން ނުނިދެއެވެ. އަދި ނުވެސް ކެވެއެވެ. އެންމެ އުނދަގުލީ ކަޝްމީރުގެ މީހުން ވާހަކަ ދައްކާ ބަހުރުވަ ތަފާތުވީމައެވެ. ނާޒިމާ އެތައް ފަހަރެއްގެ މަތިން ފިލަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ނާޒިމާގެ ފިރިމީހާ ވަރަށް ރަނގަޅު ކަމުގައި ވެސް ބުންޏެވެ. އަދި ނާޒިމާ އުޅޭ ހާލު ފެނި މައިންބަފައިންނާއި ބައްދަލުކުރުމަށް ގެންގޮސްދޭން ވައުދު ވިއެވެ. 7 މަސް ދުވަސް ވަންދެން އާއިލާއަށް ނާޒިމާގެ އެއްވެސް ހަބަރެއް ނުވެއެވެ. ކައިރި އަވަށްތަކާއި ތަންތަންވެސް ނާޒިމާ ފެނޭތޯ އާއިލާއިން ހޯދިއެވެ. ނަމަވެސް ނުފެނި ގިނަ ދުވަސް ވުމުން ދެން މަރުވީ ކަމަށް ނިންމިއެވެ.

7 މަސްދުވަސް ފަހުން ނާޒިމާގެ އާއިލާއާ ބައްދަލުކުރުމަށް ފިރިމީހާ ނާޒިމާ ގޮވައިގެން ވެސްޓް ބެންގާލް އަށް ދިޔައެވެ. ނާޒިމާ ފެނުމުން އާއިލާގެ މީހުން އުފަލުން ތިބި ނަމަވެސް އެކުގައި ހުރި ފިރިހެން މީހާ އަކީ ފިރިމީހާ ކަމެއް އެމީހުންނަކަށް ނޭނގެއެވެ. އާއިލާއާ ބައްދަލުވުމުން ނާޒިމާ އެމީހުން ކައިރީގައި ހުންނަ ހިތް ވިޔަސް އޭރު ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވުމާ އެކު ފިރިމީހާއާ އެކީ ދިޔުން ނޫން އެހެން ގޮތެއް ނާޒިމާއަކަށް ނެތެވެ.

ފިރިމީހާ މަރުވުމުންވެސް އަމިއްލަ އަވަށަށް ދާން ބޭނުންވިއެވެ. ނަމަވެސް އޭނާ އާއި ތިން ދަރިންނަކީ އޭނާގެ ފަގީރު އާއިލާއަށް އިތުރު ބުރައަކަށް ވުމަށް ނޭދޭތީ ކަޝްމީރުގައި މަޑުކުރަން ނާޒިމާ ނިންމީއެވެ. ބައްޕަ މަރުވުމުގެ ސަބަބުން ނާޒިމާގެ އާއިލާގެ މާލީ ހާލަތުވެސް ވަނީ އިތުރަށް ދަށްވެފައެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރްބީ) އިން 2020 ވަނަ އަހަރު ވަނީ ހިއުމަން ޓްރެފިކިންގެ 1700 މައްސަލައެއް ރިކޯޑު ކޮށްފައެވެ. މީގެ ތެރޭގައި ކައިވެނި ކުރުވުމަށާއި، އަޅުންގެ ގޮތުގައާއި އަދި ހަށިވިއްކުމަށް ބޭނުން ކުރުމަށް ޓްރެފިކް ކޮށްފައިވާ ކުޑަކުދިން އަދި ބޮޑެތި މީހުން ހިމެނެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ރިކޯޑު ކުރެވިފައި މިވަނީ އަދި އަސްލު އަދަދުން ކުޑަ މިންވަރެކެވެ.

ޓްރެފިކް ކޮށްގެން ކަޝްމީރަށް ގެންގޮސްފައި އިން އިތުރު އަންހެނެއް / ފޮޓޯ: އަލްޖަޒީރާ

އުއްތަރްޕްރަދޭޝްގެ އަލީގަޅް މުސްލިމް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ތަރުޝިކާ ސަރްވޭޝް ވިދާޅުވީ އިންޑިއާގައި ހިއުމަން ޓްރެފިކިން ގެ މައްސަލަތައް ރިޕޯޓު ކުރެވޭލެއް ވަރަށް ވެސް މަދެވެ. މީގެ ބައެއް ސަބަބުތައް ވެސް އޭނާ ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ޓްރެފިކިންގެ ޝިކާރައަކަށް ވާ ކުދިން އަދި މީހުންނާއި ދޭތެރޭ މުޖްތަމައުން ދެކޭ ގޮތުގެ ސަބަބުން އާއިލާތަކުން އެކަން ސިއްރު ކުރުން ހިމެނެއެވެ. ގިނަ މީހުން ދެކޭގޮތުގައި އެގޮތަށް ދިމާވެފައިވާ ކުދިންނަށް ޖިންސީ ގޯނާ ލިބިފައިވުން އެކަށީގެން ވެއެވެ. އެހެން ކަމުން މިފަދަ ކުދިން އަދި މީހުން ކައިވެނި ކުރާނެ މީހުން ނުލިބި ބާކީވެގެން ދެއެވެ.

އެންމެ ގިނައިން އަންހެން ކުދިން ވަގަށް ނަގަނީ ކައިވެނީގެ ބޭނުމުގައި!

އިންޑިއާގައި އެންމެ ގިނައިން އަންހެން ކުދިން ވަގަށް ނަގަނީ މީހުންނާ ކައިވެނި ކުރުވުމަށް ވިއްކުމުގެ ބޭނުމުގައި ކަމަށް ރިޕޯޓު ކުރެވިފައި ވެއެވެ.

ނާޒިމާގެ އަވަށް ކަމުގައިވާ ވެސްޓް ބެންގާލް ބެލެވިފައި ވަނީ އިންސާނީ ވަގުވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައެވެ. ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި 350 ކޭސް ރަސްމީކޮށް ރިޕޯޓު ކުރެވިފައި ވާއިރު، ރިޕޯޓު ނުކުރާ އެތައް މައްސަލައެއް އުޅޭނޭ ކަމަށް ތަޖުރިބާކާރުން ލަފާ ކުރައްވައެވެ. ސަބަބަކީ ގެއްލޭ ކޮންމެ މީހަކީ ވަގަށް ނަގާފައިވާ މީހެއްގެ ގޮތުގައި ނުބެލެވޭތީއެވެ.

އިންސާނީ ވަގުވިޔަފާރިއާ ދެކޮޅަށް މަސައްކަތްކުރާ މީހުން ދެކޭ ގޮތުގައި އިންޑިއާގައި ކައިވެނި ކުރުމަށް އަންހެނުން ވަގަށް ނެގުމުގެ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ އިންޑިއާގައި އަންހެނުން މަދުވުމެވެ. މާބަނޑު އިރު ޓެސްޓު ހެދުމަށް ފަހު އަންހެން ދަރިން އެބޯޝަން ހެދުމަކީ އިންޑިއާގެ ބައެއް ހިސާބުތަކުގައި އަދިވެސް ވަރަށް އާންމު ކަމެކެވެ.

އިންޑިއާގެ އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން އެގައުމުގައި ކޮންމެ 1000 ފިރިހެނަކަށް ތިބީ 943 އަންހެނުންނެވެ. އަންހެނުންގެ އަދަދު މަދުވުމުގެ ސަބަބުން ގިނަ ފިރިހެނުންނަށް ކައިވެނި ކުރުމަށް އަންހެނަކު ނުލިބެއެވެ.

ހައްލުނުވި މައްސަލައެއް

20 އަހަރު ވަންދެން ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގައި އުޅެފައިވާ ކަޝްމީރުގެ ވަކީލެއް ކަމުގައިވާ އަބްދުލް ރާޝިދު ހަންޖުރާ އަލްޖަޒީރާ އަށް ކިޔައިދިން ގޮތުގައި ކަޝްމީރުގެ ސަރަހައްދުގައި އުޅޭ ފިރިހެނުންނަށް އިންނަން، އަންހެނުން ހޯދައިދޭ މީހުން ވަރަށް ގިނަ ކަމަށާއި އިންޑިއާގެ އެކި ހިސާބުތަކުން އަންހެނުން އަދި އަންހެން ކުދިން ވަގަށް ނަގައިގެން ގެންގޮސް ކަޝްމީރުގެ ފިރިހެނުންނަށް ވިއްކައެވެ. ބައެއް އަންހެނުން 80 ޑޮލަރަށް ވިއްކާ އިރު 35 ޑޮލަރަށް ވެސް އަންހެން ކުދިން ވިއްކާފައި އެބަހުއްޓެވެ.

މީގެތެރޭގައި އުމުރު ހަމަނުވާ ކުޑަކުދިންވެސް ހިމެނޭ ކަމަށާއި އަދި ބައެއް ކުދިންގެ މައިންބަފައިން ލާރީގެ ބޭނުމުގައި ކުދިން ވިއްކާ ކަމަށް ވެސް ވެއެވެ.

ހަންޖުރާ ހާމަކުރި ގޮތުގައި 1990 ވަނަ އަހަރުން ފެށިގެން ވެސް އެތައް ހާސް އަންހެން ކުދިންނެއް އިންޑިއާގެ ކަޝްމީރަށް ގެނެސް ވިއްކާފައިވާ ކަމަށް ރެކޯޑުތަކުން އެނގޭ ކަމުގައެވެ.

ނާޒިމާ ކަހަލަ އެތައް އަންހެނުންނެއް އިންސާނީ ވަގުވިޔަފާރީގެ ޝިކާރަ އަކަށް ވެފައި ވާއިރު މިކަން ހުއްޓުވޭނެ ރަނގަޅު ނިޒާމެއް ނެތެވެ. ކަޝްމީރުގެ ފުލުހުންވެސް މިކަމުގެ ޝިކާރައަކަށް ވެފައިވާ އެތައް އަންހެނުންނެއް މިހާތަނަށް ވަނީ ސަލާމަތް ކޮށްފައެވެ.

މިހިނގާ ޖެނުއަރީ މަހުން ފެށިގެން ކަޝްމީރުގެ ސަރަހައްދީ ސަރުކާރުން ދަނީ އެންޓި ޓްރެފިކިން ޔުނިޓުތައް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އަލްޖަޒީރާއާ ވާހަކަ ދެއްކި ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިއީ އެއްކޮށް ހައްލުވާނޭ މައްސަލައެއް ނޫނެވެ