ޕާސިސްތާންގެ އިތުމަތީ ބިތުގެ ރަށެއްގައި މީހުންގެ ކިޑްނި ނަގައި، މުއްސަނދިންނަށް ވިއްކަމުން ދިޔަ ގޭންގެއް އަތުލައިގެންފިއެވެ.

ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރު މޮހުސިން ނަގްވީ ވިދާޅުވީ، 8 މީހަކު ހިމެނޭ އެ ގޭންގްގައި މަސައްކަތް ކުރާ ޑރ. ފަވާދް ނަމަކަށް ކިޔާ މީހާ 328 މީހެއްގެ ކިޑްނީ ނަގާފައި ވާ ކަމަށާއި، އެއިން ކޮންމެ ކީޑްނީއެއް ޕާކިސްތާންގެ 10 މިލިއަން ރުޕީސް (34،000 އެމެރިކާ ޑޮލަރު) އަށް ވިއްކާފައި ވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެމީހުން އެ މަސައްކަތް ކުރަމުން ދިޔައީ، ކާރު މެކޭނިކަމަށް އުޅޭ މީހަކު ލައްވާ އެނެސްތޭޝިއާ [ހޭނައްތާ] ގެން ކަމަށާއި އެކަން ކުރުމަށްޓަކައި، ހޮސްޕިޓަލްތަކުގައި އެޑްމިޓްވެފައި ތިބޭ މީހުންނަށް ހަދިޔާ ދީ ހައްލާލައިގެންވެސް ގެންގޮސްފައި ވާ ކަމަށެވެ.

އަދި އެކަން [ކިޑްނީ ނެގުމުގެ އޮޕަރޭޝަން] ހިންގަމުން ދިޔައީ ޕާކިސްތާންގެ ކޮންޓްރޯލްގައި އޮންނަ ކަޝްމީރުގެ އިތުރުން ލާހޯރުގެ ސިޓީއެއް ކަމަށް ވާ ޓަކްސިލާގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"އެމީހުން ކަޝްމީރުގައި އެކަން ކުރަނީ، އެތާނގައި އެކަމާ ގުޅޭ އެއްވެސް ގާނޫނެއް ނެތީމައި ނުބެދޭން ވެގެން، މިހާތަނަށް 3 މީހަކު މަރުވިކަން ވެސް އެނގިފައި ވޭ"

އޭނާ އިތުރަށް ވިދާޅުވީ، 328 އަކީ، މިހާތަނަށް އެނގިފައިވާ އަދަދުތައް ކަމަށާއި، އެއަށް ވުރެ ގިނައިންވެސް ކިޑްނީ ނަގާ ވިއްކާފައި ވުން އެކަށީގެން ވާކަމަށެވެ.

މި އޮޕަރޭޝަން ހިންގަމުން ދިޔަ ޑޮކްޓަރަކީ މީގެ ކުރިން 5 ފަހަރަށް ހައްޔަރު ކޮށް ދޫކޮށްލާފައި ހުރި މީހެކެވެ. އޭނާ ދޫކޮށްލާ ކޮންމެ ފަހަރަކު އަލުން މަސައްކަތް ފަށާ ކަމަށާއި، ހޭނައްތައިގެން އޭނާ ކިޑްނީ ނެގި ބައެއް މީހުންނަށް، އެއް ކިޑްނީ މަދުކަން ނުވެސް އިނގޭ ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވެއެވެ.

ފުލުހުން މި ގޭންގާ ހަމައަށް ވާސިލު ވީ، މީހަކު ދިން މައުލޫމާތެއްގެ އަލީގައި 2 މަސް ވާންދެން ހިންގި ތަހުގީގެއްގެ ތެރެއިންނެވެ.

ޕާކިސްތާންގައި އިންސާނުންގެ ގުނަވަން ވިއްކާ ވިޔަފާރި ކުރުމަކީ 2007 އިން ފެށިގެން މަނާކޮށްފައި އޮންނަ ކަމެކެވެ. އަދި އެއީ 10 އަހަރުގެ ޖަލު ހުކުމަކާއެކު 1 މިލިއަން ޕާކިސްތާން ރުޕީސް އިން ޖޫރިމަނާވެސް ކުރާ ކުށެކެވެ.

ހަބަރުތައް ބުނާގޮތުން، މި ގޭންގުން އޮޅުވާލައިގެން ވަގަށް ނަގާ ކިޑްނީތައް ވިއްކަމުން ދިޔައީ ކިޑްނީ ބޭނުންވެފައި ތިބި ޕާކިސްތާންގެ މުއްސަނދިންނަށެވެ.