ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ހުޅުމާލެ ފޭސް-2 ގައި ހެދި ރޯދަ މާޓް ހުޅުވައިފިއެވެ.
އެސްޓީއޯ އިން ބުނީ، ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް-9 ގެ ތިރީގައި ހުޅުވި މި ފިހާރައިގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު އަގެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ފޯރުކޮށް ދިނުން ކަމަށެވެ.
ހޯލްސޭލް އަދި ރީޓެއިލް ހިދުމަތް ވެސް ލިބޭ ގޮތަށް ހުޅުވާފައިވާ މި ފިހާރައިން، އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން އެސްޓީއޯއިން ރެކް ކުއްޔަށް ނަންގަވައިގެން ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ މުދާ ވެސް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ރޯދަ މަހަށް ހާއްސަކޮށްގެން އެތެރެ ކުރާ ފިޔާ، އަލުވި، އަދި ބިސް ވެސް މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ހުކުރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރޯދަ މާޓް ހުޅުވާ ދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.
ރޯދަ މަހާ ދިމާކޮށް އެސްޓީއޯގެ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވިގެން ދިއުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް އުންމީދެކެވެ. އާންމުކޮށް ކެއުންބުއިމަށް ގަންނަ ތަކެތި އަގު ހެޔޮކޮށް ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ އެ ސަރަހއްދުގެ ރައްޔިތުން އަންނަ ރޯދަ މަހަށް ވަރަށް ބޭނުން ވެފައި ހުރި ކަމެކެވެ.
ސަރުކާރުން ބުނާ ގޮތުގައި ރޯަ މަހު ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެ ކަމަށާއި، ފިޔާ އަލުވި ބިސް ފަދަ ތަކެތި ހުސް ނުވެ އެސްޓީއޯގެ ފިހާރަތަކުން އަގު ހެޔި ކޮށް ލިބެން ހުންނާނެއެވެ.