އާންމު ފަރާތަކުން ކުލީގެ ގޮތުގައި އެޗްޑީސީ އަށް ދެއްކި ފައިސާ އަމިއްލަ ބޭނުމަކަށް ނަގައި ބޭނުންކުރި އެ ކޯޕަރޭޝަންގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފިއެވެ.

އެޗްޑީސީ އަށް އާންމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓު ދިނުމަށް ފަހު، އެ ފައިސާ ރީކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަކަށް ފައިސާ ނެގި މުވައްޒަފު އެޗްޑީސީން ވަކިކޮށްފައި ވަނީ، އެއް މިލިއަން ރުފިޔާގެ ރިޝްވަތު ނެގި މައްސަލައަކާ ގުޅިގެން އެ ކޯޕަރޭޝަންގެ އެހެން މުވައްޒަފަކު ސަސްޕެންޑު ކޮށްފައި ވަނިކޮށެވެ.

ބައެއް މީޑިއާތަކުގައި، އަމިއްލަ ބޭނުމަށް ފައިސާ ނެގި އެ މުވައްޒަފު ވަނީ އެޗްޑީސީގެ ތިޖޫރީން ވައްކަން ކޮށްފައި ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެއީ ތެދެއް ނޫން ކަމަށް ބުނެ ނެރުނު ބަޔާނުގައި އެޗްޑީސީން ބުނީ:

  • މުވައްޒަފު އެ އަމަލު ހިންގިކަން ފާހަގަ ކުރެވުނީ، އެ ކޯޕަރޭޝަންގެ އެތެރޭގެ ކޮންޓްރޯލްތަކުގެ ތެރެއިން ރީކޮންސައިލް ކުރަން ޖެހޭ ފައިސާގައި މައްސަލަތަކެއް ހުރިކަން އެނގުމުން ކަމަށް
  • ކައުންޓަރުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ އިން މުވައްޒަފުގެ އަމަލު ރެކޯޑު ކުރެވިފައި ހުރި ކަމަށް
  • އެ އަމަލު ހިންގި މުވައްޒަފު އެކަން ކުރި ކަމަށް އިއުތިރާފު ވެފައިވާ ކަމަށާއި، އޭނާ ވަކިކޮށްފައިވާ ކަމަށް

އެ މައްސަލައިގައި ތިޖޫރީން އެއްވެސް ފައިސާ އެއް ނުނަގާ ކަމަށާއި، އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު އެއްވެސް މުވައްޒަފަކަށް ނޯންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހަމަ އެއާއެކު، އެ ކޯޕަރޭޝަންގެ ތެރޭގައި ގާއިމް ކޮށްފައިވާ އެތެރޭގެ ކޮންޓްރޯލާއި އޮޑިޓް އުސޫލުގެ ތެރެއިން އެފަދަ އަމަލެއް ހިންގުމުގެ އެއްވެސް ފުރުސަތެއް މުވައްޒަފުންނަށް ނޯންނާނެ ކަމަށް ވެސް ބުނެއެވެ.

މުވައްޒަފުގެ އަމަލު ކުށްވެރިކޮށް އެޗްޑީސީން ބުނީ، އެފަދަ އަމަލުތައް ހިންގާ މުވައްޒަފުން ފާހަގަކޮށް، އެ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ވަކި ކުރި މުވައްޒަފުގެ އިތުރުން އެއް މިލިއަން ރުފިޔާގެ ރިޝްވަތު ނެގި މައްސަލައާ ގުޅިގެން އެ ކޯޕަރޭޝަނުން ބުނީ، ފުލުހުންނަށް އެ މައްސަލަ މިހާރު ހުށަހަޅާފައިވާ ކަމަށާއި، މިހާތަނަށް ބެލިއިރު، އެ މައްސަލައިގައި އިތުރު މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ.