ރާއްޖޭގައި ބޭނުނުކުރުމަށް އެތެރެކުރާ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ގަވައިދު އިސްލާހު ކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖެއަށް ހަތަރު ފުރޮޅީ އުޅަނދު އެތެރެކުރާއިރު ހުއްދަ ނަގަން ލާޒިމްކޮށްފައި ވަނީ އެ އުޅަނދެއްގެ އުމުރު ބަލާ ޔަގީން ކުރުމަށެވެ. އެހެންނަމަވެސް މި ގަވައިދަށް ގެނައި އިސްލާހާ ގުޅިގެން ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރާއިރު ހުއްދަ ނަގަން ނުޖެހޭ ގޮތަށް ބަދަލުކުރުމުން އުޅަނދުގެ އުމުރުގެ ކަންކަން ބަލާނީ ރަޖިސްޓްރީ ކުރަން ލިޔުންތައް ހުށަހެޅުމުންނެވެ.
މި ބަދަލާއެކު ކުރިން ދެ ޕްރޮސެސްއެއްގެ ތެރެއިން ކުރަމުން އައި މަސައްކަތް އެއް ޕްރޮސެސްއެއްގެ ތެރެއިން ކުރެވި މަސައްކަތް އަވަސްވެގެން ދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި މި ބަދަލާއެކު L10' ހުއްދަ ހޯދުމަކާ ނުލާ އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމަށް މިހާރު ހުށަހެޅޭނެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް LR1 ފޯމާއެކު މުޅިން އާ އުޅަނދެއް ނަމަ މެނިފެކްޗާ ސެޓްފިކެޓް ނުވަތަ އުޅަނދު އުފެއްދި ފަރާތުން ދޫކުރާ ލިޔުން ނުވަތަ ޑިރަޖިސްޓްރޭޝަން ނުވަތަ އެކްސްޕޯޓް ސެޓްފިކެޓް އަދި އުޅަނދު އުފެއްދި ކުންފުނީގެ ނަން، މޮޑެލަ ނަންބަރު، އިންޖީނު ނަންބަރުގެ އިތުރުން ޗެސިސް ނަންބަރާ އުޅަނދު އުފެއްދި އަހަރު ބަޔާންކޮށްފައި އޮތުމުން ފުދޭނެ ކަމަށެވެ.