ސޯޝަލްމީޑިއާގައި ނުފޫޒު ވަރުގަދަ ޗައިނާގެ އެޕްލިކޭޝަން، ޓިކްޓޮކް ވިއްކާލުމަށް އެމެރިކާ އިން ޕްރެޝާ ކުރާތާ ދުވަސްތަކަކަށްފަހު އެކަން ނުކޮށްފި ނަމަ އެމެރިކާގައި މަނާ ކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.
އެމެެރިކާގައިވެސް އެތައް މިލިއަން ޔޫސާސް ބޭނުން ކުރާ ޓިކްޓޮކަކީ ޗައިނާއަށް ނިސްބަތްވާ ބައިޓްޑާންސް ކުންފުނީގެ އުފެއްދުމެކެވެ. ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ ޒުވާނުންނާއި އެކި އުމުރުފުރާގެ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ މި އެޕްގައި ރަޖިސްޓާ ވާއިރު، އެއްކުރާ މައުލޫމާތު ޗައިނާ ސަރުކާރަށް ލިބިދާނެ ކަމަށް އެމެރިކާއިން ޝައްކު ކުރެއެވެ.
އަދި އެމެރިކާގެ ރައްޔިތުންގެ މައުލޫމާތު އެއްކޮށް، ލޮކޭޝަނާއި އެހެނިހެން ޒާތީ މައުލޫމާތު ޗައިނާ ސަރުކާރުން ހޯދާނެ ކަމަށް ތުހުމަތު ކުރެއެވެ. އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އެގައުމުން ދެކި އެޕް މަނާ ކުރަން ވާހަކަ ދައްކާތާވެސް ލައްކަ ދުވަސް ވެއްޖެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައިވެސް ޓިކްޓޮކް އަށް ފިޔަވަޅު އެޅުމަށް އުސޫލީ ގިނަ ބައްދަލުތައް ގެނައެވެ. އެގޮތުން ސަރުކާރުގެ އެއްވެސް ޑީވައިސް އަކުން ޓިކްޓޮކް އަަށް ނުވަދެވޭގޮތް ހެދިއެވެ. މިހާރުވެސް ކެނެޑާ އާއި އީޔޫގައިވެސް ޓިކްޓޮކް އޮންނަނީ މަނާކޮށްފައެވެ.
ފޮރިން އިންވެސްޓްމަންޓްގެ ދާއިރާއިން ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން ބެލުމުގެ ވެސް މެންޑޭޓް އޮންނަ އެމެރިކާގެ ފޮރިން އިންވެސްޓްމަންޓް ކޮމިޓީން ޓިކްޓޮކް ހިންގާ ބައިޓްޑާންސަށް މިހާރު އަންގާފައި ވަނީ ޓިކްޓޮކްގެ އޯނާޝިޕް ބަދަލު ކުރުމަށް އެޕް ވިއްކާލުމަށެވެ.
މިކަމާ ގުޅިގެން ބައިޓްޑާންސުން ބުނީ، އެޕްގެ އޯނާޝިޕް ބަދަލުކުރުމަކުން އެޕަށް ޑޭޓާ އެއްކުރާ ގޮތާއި ޑޭޓާ ސްޓޯ ކުރާ ގޮތަށް ނުވަތަ ޑޭޓާ ފްލޯއަށް ބަދަލެއް ނާންނަ ކަމަށެވެ. އެހެން ކަމުން އެއީ އެމެރިކާއިން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ނެރެވޭ ކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ. އިތުރަށް އެކުންފުނިން ބުނީ، އެމެރިކާ ކަންބޮޑުވަނީ އެގައުމުގެ ރައްޔިތުންގެ މައުލޫމާތުގެ މައްސަލައިގައި ކަމަށް ވާތީ، މިހާރު އެމެރިކާގެ ރައްޔިތުންގެ މައުލޫމާތު ހުންނާނީ އެމެރިކާގައި ކަމަށާއި އަދިވެސް ޑޭޓާ ފްލޯއަށް އިތުރަށް ރަނގަޅު ކުރަން މަސައްކަތް ކުރާ ކަމަށެވެ.
އެމެރިކާއިން ޗައިނާ އާ އޮންނަ ދެކޮޅުވެރިކަމެއްގެ ސަބަބުން ޗައިނާ އަށް ނިސްބަތްވާ ހުރިހާ ކަމެއްގައި ދަތިކުރުމުގެ ސިޔާސަތުގެ ދަށުން މި ކަމުގައި ޓިކްޓޮކް ޖަވާބުދާރީ ކުރުވުމަށް ބައިޓްޑާންސްގެ ޗީފް އެކްޒެކެޓިވް ޝޯ ޒި ޗޯ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރުމަށްވެސް ވަނީ ނިންމާފައެވެ.