އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަ ނުކުރާނެ ކަމަށް ބުނާ މީހުން ހުވަފެން ބެލުން ހުއްޓާލުމަށާއި އެ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދާކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޔާމީން ޖަލަށް ލާފައި ވާތީ ބައެއް މީހުން ތިބީ ވަރަށް އުފަލުން ކަމަށެވެ. ޕީޕީއެމްގެ މެންބަރުންނަށް ބައެއް މީހުން ގުޅާ ކަމަށާއި ޕީޕީއެމްގެ ކެންޑިޑޭޓަކު ނުހުންނާނެ ކަމަށާއި ޕީޕީއެމުން އަރާނީ [އެ] ޕާޓީއެއްގެ ފަހަތަށް ކަމަށް އެ ބަޔަކު ބުނާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ޕާޓީއަކަށް ނިސްބަތްވާ ބަޔަކު ކުރާ ކަމެއް ކަން އަދުރޭ ހާމައެއް ނުކުރައްވައެވެ.
އެމީހުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ، ޕީޕީއެމް އޮންނާނީ ޔާމީނާއެކު ގަދަކޮށް ކަމަށާއި އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ވާދަ ނުކުރާނެ ކަމަށް ބުނާ މީހުން "ހުވަފެން" ބެލުން ހުއްޓާލުމަށެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކަށް ޔާމީން ހުންނަވާނެ ކަމަށާއި އެ މަނިކުފާނު ޖަލުން މިނިވަން ވުމުގެ މަގު ފަހިވަމުން އަންނަ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ހަމައެއާއެކު ޕީޕީއެމް އިން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ދެއްކެވި ވާހަފުޅަކަށް އަލިއަޅުވައި ލައްވަމުން އަދުރޭ ވިދާޅުވީ، އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި ވާހަކައެއް އޮންނާނެ ކަމަށާއި އެއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނެ ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި މައްސަލަ އިސްތިއުނާފް ކުރުމަށް ރައީސް ޔާމީންގެ ވަކީލުން ހައިކޯޓަށް މިހާރު ވަނީ އިސްތިއުނާފް ފޯމް ހުށަހަޅުއްވާފައެވެ. އަދި ޔާމީން މިނިވަން ކުރުމަށް ޕީޕީއެމުން ގަދައަޅާ މަސައްކަތް ކުރަމުން އަންނަ އިރު، މިހާރުވެސް އެ ޕާޓީ ތެރޭގައި މަސައްކަތް ކުރަމުން ދަނީ 2023 ގެ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ކަމަށް ޕީޕީއެމުން ބުނެއެވެ.