1444 ވަނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ހައްޖު ކޯޕަރޭޝަން ފިޔަވާ، 3 ކުންފުންޏަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ބިޑް ހުށަހަޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 11 ކުންފުންޏަކުން ބިޑް ހުށައަޅާފައިވާ ވެއެވެ. ނަމަވެސް ހުއްދަ ދޫކުރާނީ، ހުރިހާ ކުންފުނި ތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. އެގޮތުން ހުއްދަ ދޫކުރެވޭ ކޮންމެ ކުންފުންޏަކަށް ވެސް ޖުމްލަ 90 ކޯޓާ ދޫކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖެއަށް ސައުދީއިން މިއަހަރު ދޫކޮށްފައި ވަނީ 1000 ކޯޓާ އެވެ. އޭގެތެރެއިން 730 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އިތުރު ޖާގަ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު އަހްމަދު އަލީ ޒާހިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ދިޔައެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 353 ޖާގަ ހާއްސަ ކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅީ، ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގި ގުރުއަތުންނެވެ.

ފާއިތުވި އަހަރުތަކާ ހިލާފަށް، މި އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ލިމިޓެއް ނެތި ސައުދީން ހައްޖަށް މީހުން ގެންދާނެ ފުރަތަމަ އަހަރެވެ. ކޮވިޑްގެ ބަލިމަޑުކަން ފެށުނުތާ 3 އަހަރު ފަހުން ކުރީގެ އުސޫލަށް ހައްޖަށް ގެންދިއުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މި އަހަރުގެ ޖެނުއަރީ ގައެވެ.