ގއ. ކޮލަމާފުށީގައި ހުރި ޕްރިންޓު ކުރާ ތަނެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި މި އަލިފާނުގެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

ރޯވި ޕްރިންޓު ކުރާ ތަން އެއްކޮށް އަނދާ ހުލިވެފައި ވާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށި ކައުންސިލުގެ މެންބަރު ޝާމާ ތައްހާނު ވިދާޅުވީ، ޕްރިންޓު ކުރުމަށް ބޭނުން ކުރާ ތަން އެއްކޮށް އަނދާ ހުލިވެ، ޖެހިގެން ހުރި ގުނދަން ބައިގައި ވެސް އަލިފާން ރޯވި ކަމަށެވެ.

މި އަލިފާންގަނޑު ރޯވެފައި ވަނީ މިއަދު މެންދުރުވުމާ ގާތްވެފައި ވަނިކޮށް ކަމަށް ޝާމާ ވިދާޅުވިއެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް އެރަށުގައި އުޅޭ ފުލުހުން އަދި ރައްޔިތުން ވެގެން ކުރި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބުން އަދި ނޭނގޭ ކަމަށާއި މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ޝާމާ ވަނީ ވިދާޅުވެފައެވެ.