އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ގުޅިގެން އުފައްދާފައި އޮންނަ "އައުކަސް" އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާ އަށް ނިއުކްލިއާ ސަބްމެރިން ވިއްކަން އެމެރިކާ އާއި އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ ވެރިން އެމެރިކާގެ އަސްކަރީ ބަނދަރެއްގައި ބައްދަލު ކުރެއްވުމަށް ފަހު އާންމުކުރެއްވި ބަޔާނެއްގައި ބުނީ، އޮސްޓްރޭލިއާ ހިމެނޭ އޭސިއާ ޕެސިފިކް ކަނޑުގައި ޗައިނާގެ ބާރު ކުޑަކުރުމަށް އޮސްޓްރޭލިއާ ބާރުވެރި ކުރުވަން ޖެހޭ ކަމަށެވެ. އެގޮތުން އޮސްޓްރޭލިއާ އަށް ނިއުކްލިއާ ސަބްމެރީންގެ 5 އުޅަނދު ހޯދިދާނެ ކަމަށާއި، ފުރަތަމަ 3 އަޅަނދު ގަންނަން ޖެހޭނީ އެމެރިކާއިން ކަމަށެވެ. އަދި ބާކީ 2 އުޅަނދު އޮސްޓްރޭލިއާ ބޭނުންވާ ބައެއްގެ އަތުން ގަނެވިދާނެއެވެ. ނަމަވެސް އެއިން ފަރާތަކީ ޗައިނާ، ރަޝިއާ އަށް ވެގެން ނުވެއެވެ.

މިހާރުން މިހާރަށް 3 ސަބްމެރީން އޮސްޓްރޭލިއާ އަށް ވިއްކަން އެމެރިކާއިން ހުށަހަޅާފައި ވާ އިރު އެތަކެތި އޮސްޓްރޭލިއާއިން ގަނެ ނިންމާ، ބާކީ 2 ސަބްމެރީން އޮސްޓްރޭލިއާ އަށް ގަނެވޭނީ 2030 ގައެވެ.

މިހާރުވެސް އެމެރިކާގެ އަސްކަރީ ބޭހެއް އޮސްޓްރޭލިއާގައި އޮންނަ އިރު، ސާވޭލަންސްގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގައެވެ.

މި 3 ގައުމުގެ ވެރިން އިއްޔެ ބޭއްވި މަޝްވަރާތަކުގައި އިތުރަށް އެއްބަސްވެވަޑައިގެންފައިވާ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖަންސްގެ ދާއިރާ ވަރުގަދަ ކުރުމާއި ހައިޕަސޮނިކް ހަތިޔާރާއި އެހެނިހެން އެޑްވާންސް ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ސެންޑިއޭގޯގެ އަސްކަރީ ބޭސް، ޕޮއިންޓް ލޮމާ ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، ދުނިޔެ މިހާރު ދެކެމުން ދަނީ އަންނަން އޮތް އަހަރުތަކަކަށް ދުނިޔޭގެ ސުލްހައާއި މަސަލަސްކަން ދެމިގެން ދިޔުމާމެދު އޮތް ވަގުތުކޮޅެއް ކަމަށާއި، ސުލްހައާއި ހަމަޖެހުން ދެމެހެއްޓޭނީ މިހާރު ކުރެވޭ ބުރަ މަަސއްކަތުން ކަމަށެވެ.

މި ބައްދަލުވުމުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް ވިދާޅުވީ، ފާއިތުވި 65 އަހަރުގެ ތެރޭގައި އެމެރިކާގެ ނިއުކްލިއާ ޓެކްނޮލޮޖީ ބަޔަކާ ހިއްސާ ކުރާ މިއީ 2 ވަނަ ފަހަރު ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސޫނަކް ވިދާޅުވީ، މިހާރުގެ ހަގީގަތަށް ބަލަން ޖެހޭ ކަމަށާއި އެ ހަގީގަތަކީ ދުނިޔޭގެ ބާރުތައް އެހެން ގޮތަކަށް ފުރޮޅިގެން ދާކަން ގަބޫލުކުރުމާއެކު ރަޝިއާއިން ޔޫކްރައިނަށް އެރުމާއި އީރާނާއި އުތުރު ކޮރެއާގެ ސިޔާސަތުތަކުގެ ސަބަބުން އަމިއްލަ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރަން ޖެހިފައި ވުން ކަމަށެވެ.

އައުކަސް އާ ގުޅިގެން ޗައިނާއިން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާ އިރު، އޮސްޓްރޭލިއާ އަށް ނިއުކްލިއާ ސަބްމެރީން ވިއްކުމަށް އެމެރިކާއިން ނިންމުމުން ޗައިނާއިން ބުނީ، އައުކަސްގެ ވިސްނުން ހުރީ، ނުތަނަވަސްކަން އުފައްދާ ހަލަބޮލި ކުރަން ކަމަށާއި ގެންގުޅެނީ ހަނގުރާމަވެރި ވިސްނުމެއް ކަމަށެވެ.

އެމެރިކާ އާއި ޔޫކޭ ބައިވެރިވާ އައުކަސްގައި ހިމެނޭ އޮސްޓްރޭލިއާ އަށް ނިއުކްލިއާ ސަބްމެރީން ދިނުމުގެ ދުރުރާސްތާ ޕްލޭނަކީ، އެގައުމަކީވެސް ނިއުކްލިއާ ގާބިލުކަން ލިބިފައިވާ ގައުމަކަށް ހެދުން ކަމަށް މުރާސިލުން ބުނެއެވެ. އަދި އެކަމުގެ ފަހަތުގައި ވަނީ، ޗައިނާ އާ ކުރިމަތިލުމަށް ސަރަހައްދުގައި ނިއުކުލިއާ ބާރެއް އުފެއްދުން ކަމަށް ވެސް ބުނެއެވެ.