ހަތަރު ފުރޮޅުލީ 50 އުޅަނދެއްގެ ރަޖިސްޓްރީ ސައްހަތޯ ކަށަވަރު ކުރުމަށް އެ ފަރާތްތަކުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހާޒިރުވާން އެދިއްޖެއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އުޅަންދުތަކުގެ ރަޖިސްޓްރީ އަކީ، ރަޖިސްޓްރީ ކުރުމުގެ ގަވާއިދާ ހިލާފަށް ސައްހަނޫން ލިޔެކިއުންތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ ރަޖިސްޓްރީގެ ނަކަލުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެން ކަމުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރަން އެ މިނިސްޓްރީން ބޭނުންވާ ކަމަށެވެ.

އެ ގޮތުން ކުރިއަށް އޮތް 7 ދުވަހުގެ، ރަސްމީ ގަޑީގައި އެ މިނިސްޓްރީއަށް އުޅަނދުގެ ވެރިފަރާތުން ހާޒިރުވާން އެދިފައި ވެއެވެ. އަދި ހާޒިރު ވާއިރު ރަޖިސްޓްރީގެ އަސްލުކަމަށް، ވެރިފަރާތަށް ލިބިފައިވާ ލިޔެކިއުންތައް ގެންދިއުމަށް އެ މިނިސްޓްރީން އެދެއެވެ.

އަދި އެ ރަޖިސްޓްރީ އަކީ ސައްހަ ރަޖިސްޓްރޭޝަން އެއް ކަމަށް ސާބިތު ކޮށްދިނުމަށް ފުރުސަތު ލިބޭނެ ކަމަށާއި އަދި ސާބިތުކޮށް ނުދެވިއްޖެނަމަ އަލުން އެ އުޅަނދެއް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން އިއުލާން ކޮށްފައިވާ އުޅަނދުތަކުގެ ލިސްޓް މިވަނީއެވެ.

ދާދިފަހުންވެސް އެ މިނިސްޓްރީން ވަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރި ކަމަށް ބުނެ ގިނަ އަދަދެއްގެ އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލް ކޮށްފައެވެ.