ކުރީގެ ނޫސްވެރިޔާ އަދި ދިވެހި ވާހަކަ ދެއްކުންތެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ރޭ ހާޓް އެޓޭކެއް ޖެހި އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

'އޭނާ އާ ގާތް ބައެއް ފަރާތްތަކުން ބުނީ، ސަލީމްގެ ހާލު ގޯސްވީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި ސީރިއަސް ވެ ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ.

ހޯރަފުށީ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ސަލީމްގެ އެއްބަފާ ބޭބެ ސަލީމަކީ 2000 ގެ ކުރީކޮޅާ ހަމައަށް ނޫސްވެރިކަމުގައި ފާހަގަ ކޮށްލެވުނު އެއް ފަރާތެވެ. 'ހަވީރު' ނޫހުގެ ސަބް އެޑިޓަރުކަމާއި 'މިއަދު' ނޫހުގެ އެޑިޓަރުކަން އޭނާ ކޮށްފައި ވެއެވެ.

ސަލީމަކީ، ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމާއި ނޫސްވެރިކަމުގެ ރަން ޔޫބީލް ގަލަމާއި އަލިމަސް ގަލަން ހޯއްދަވާފައި ފަރާތެއްވެސް މެއެވެ.

ދިވެހި އަދަބިއްޔާތުގައި ވާހަކަ ދެއްކުމުގެ ދާއިރާގައިވެސް ސަލީމަކީ ދޫހެލޭ ކުޅަދާނަ ޝަހުސެކެވެ. ސަލީމްގެ ބައްޕަ ހޯރަފުށީ އާދަމް ސަލީމަކީ ރާއްޖޭގައި އުފެދުނު މޮޅު ޅެންވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށް ވާއިރު، މުހައްމަދު ސަލީމަކީވެސް އެދާރާގައި ހުނަރުވެރިއެކެވެ.

ނޫސްވެރިކަމަށް ފަހު ދިވެހި ބަހުގެ ޓީޗަރެއްގެ ގޮތުގައި ސަލީމް މަސައްކަތް ކުރައްވާ އިރު، އޭނާގެ ކޮއްކޮ، މެންމަރު ސަލީމް ހިންގަވާ ރާއްޖެ ޓީވީގެ ބައެއް ޕްރޮގްރާމްތައްވެސް ސަލީމް ހުށަހަޅާދެއެވެ.