ކޯޓު އަމުރާ ހިލާފުވި މައްސަލައިގައި "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކަށް އިއްވި ޖަލު ހުކުމުން މިނިވަން ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލައިފައި މިވަނީ އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.
އެ މައްސަލައާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާ ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް ކަމަށެވެ. އަދި ނޫސްވެރިން ހައްޔަރުކުރުމުގެ ބަދަލުގައި، އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޔާމީން ވަނީ ހައްޔަރުކުރި ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ.
ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނެރުނު އަމުރުގައި ވަނީ އެއްވެސް ފަރާތަކުން ދައުވާއާ ގުޅުން ހުރި ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި އަދި ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށާއި ޝަރީއަތަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްރީއާ ގުޅިގެން މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް އަމުރުނެރެފައެވެ.
ނަމަވެސް އިއްޔެ ރައީސް އޮފީހުގައި ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭ ގޮތުން އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ވާހަކަ ދެއްކި އިރު އަދަދުގެ އެހެން ނޫސްވެރިއަކަށްވާ ލީވާން އަލީ ނާސިރު ވަނީ އެކަމާ ގުޅޭ ހަބަރެއް ވެސް ގެނެސްދީފައެވެ. އެހެންވެ ދެ މީހުން ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ވަނީ މިއަދު ކޯޓަށް ހާޒިރުކޮށްފައެވެ.
ސިއްރުން ގެންދިޔަ މިއަދުގެ ޝަރީއަތުގައި ވަނީ ދެ މީހުންގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފަ އެވެ. އަދި ޝަހުޒާން 15 ދުވަހަށް އަދި ލީވާނަށް 10 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެެވެ.
