ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް، އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ބައެއް މީޑިއާތަކަށް ވަނުމުގެ ފުރުސަތު ނުދީ ބާކީކޮށްލާފައިވާކަމަށް ތުހުމަތުކޮށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްޖޭއޭއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިއަދު މުހިންމު ނޫސްކޮންފަރެންސެއް ބޭއްވި ނަމަވެސް ބައެއް މީޑިއާތަކަށް ފުރުސަތު ނުދޭ ކަމުގެ ޝަކުވާ އެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށެވެ.
މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ރައީސް އޮފީހުން ހުރަސްއެޅުން ކަމަށް އެމްޖޭއޭއިން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޖޭއޭއިން ވަނީ އެ ހަރަކާތް ކުށްވެރިކޮށް، ކުރިއަށް އޮތް ތަނުގައި ހުރިހާ ނޫސްމީޑިއާތަކަށް އެއްހަމައެއްގައި ފުރުސަތުތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ރައީސް އޮފީހަށް އިލްތިމާސްކޮށްފައެވެ.
