ސައުދީ އަރަބިއްޔާގެ މުއްސަނދި އާއިލާއެއްގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި ޖޯޑަންގެ ރައްޔިތެއް ކަމަށް ވާ ހުސައިން އަބޫ އަލް ހައިރު 57އ، ޑްރަގް ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި މަރާލައިފިއެވެ.
ޓްރެފިކިންގެ މައްސަލައިގައި 8 ކުދިންގެ ބައްޕަ، ހުސައިން ހައްޔަރު ކުރީ، ޖޯޑަންގެ ބޮޑަރުން ސައުދީއަށް އެމްޕެތަމައިން ކިޔާ މަސްތުވާ ބާވަތެއް އެތެރެ ކުރި ކަމުގެ ކުށުގައި 2014 ގައެވެ.
އޭނާ އެކަމަށް އިންކާރު ކުރި ނަމަވެސް ކުށް ސާބިތުވާ ކަމަށް ނިންމާ މަރަން ހުކުމް ކުރިއެވެ. ހުކުމާ އެއްގޮތަށް އޭނާ މެރުމާ ހަމައަށް ސައުދީގެ ޖަލުގައި ބަހައްޓާފައި ހުރި އިރު އޭނާ އަށް ލާއިންސާނީ އަނިޔާ ދީ ހެދިކަމަށް އޭނާގެ ދައްތަ ޒައިނަބް އަބްދުލް އަލް ހައިރާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ޓްރެފިކިންގެ ކުށަށް އޭނާ ލައްވާ އިއުތިރާފް ކުރުވީވެސް އެލުވާ، ތަޅާ އަނިޔާކޮށްގެން ކަމަށް ހުސައިން އާ ހަވާލާދީ ޒައިނަބް ބުނެފައި ވެއެވެ.
ހުސައިންގެ މައްސަލަ އަކީ ބައިނަލްއަގުވާމީ ސަމާލުކަންވެސް ލިބިފައިވާ މައްސަލައެކެވެ. އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން އެ މައްސަލައިގައި ވާހަކަ ދައްކާފައިވާ އިރު، އެފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރީ، ޑްރަގް މައްސަލަތަކުގައި ހައްޔަރު ކުރަ މީހުން މެރުން ހުއްޓާލުމަށް އެކަށައަޅާފައި އޮތް ވަގުތީ އުސޫލު މިދިޔަ ނޮވެމްބަރުގައި ހުއްޓާލުމާ ގުޅިގެންނެވެ.
ހަބަރުތައް ބުނާގޮތުން، އެ އުސޫލަށް އަމަލުކުރުން ހުއްޓާލި ދުވަހުވެސް ޑްރަގް ޓްރެފިކިން އާ ގުޅޭ މައްސަލަތަކުގައި 17 މީހަކު މަރާލިއެވެ.
މި މައްސަލައިގައި އދ ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަނުން ބުނެފައި ވަނީ ހުސައިންގެ މައްސަލައިގައި ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ މިނިވަން ކުރުމަށް އެ ޖަމާއަތުން ހުސްވި އަހަރު ނިމެމުން ދަނިކޮށް ސައުދީ ސަރުކާރަށް ގޮވާލިއެވެ.
ހަބަރުތައް ބުނާގޮތުން ހުސައިން މަރާލިކަން ސައުދީ މީޑިއާގައި އާންމު ކުރީ އެކަން ކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އަދި މި ވީ މުއްދަތުގައި އޭނާ އާ ބެހޭ އެއްވެސް ހަބަރެއް އާއިލާއަށްވެސް އަންގާފައި ނުވުމުގެ އިތުރުން އޭނާ މަރާލާކަމާއި މަރާލުމުގެ ކުރިން އޭނާއާ ބައްދަލުކުރުމުގެ ފުރުސަތުވެސް އާއިލާއަށް ދީފައެއް ނުވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި އަހަރު އެކަނިވެސް ސައުދީގައި 81 މީހަކު މަރާލާފައިވެއެވެ. ސައުދީގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި ޑްރަގް ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދެނީ، ޑްރަގުގެ ސަބަބުން މުޖުތަމައާއި ވަކިވަކި ފަރުދުންނަށް އޭގެ ނޭދެވޭ އަސަރު ކުރުގެ އިތުރުން ގެއްލުންތަކެއް ލިބޭތީއެވެ.